(10 އޭޕްރީލް 2018 އާ ގުޅޭ) -- ކުއްލިއަކަށް އަރްސަލްއާ ގާތް ވެލުމާއެކު މޭގައި ޖައްސާލި ކީފާގެ ދެއަތްތިލައިގެ ތެރެއަށް އަރްސަލްގެ ގަމީސް ބޮނޑިކޮއްލިއެވެ. އަދި ނުވިސްނާ ހުރި އަރްސަލްގެ ތުންފަތަށް ކީފާގެ ތުންފަތުގެ ހޫނުކަން އިހުސާސް ކުރެވިގެން ދިޔައެވެ. އަރްސަލް ގެނައި އަވަސް ހަރަކާތަކާއެކު ކީފާގެ ދެކޮނޑުގައި ހިފައި ކީފާ ދުރަށް ޖައްސާލިއެވެ. ހައިރާންކަމާއެކު ކީފާގެ ފެންކަޅިވެފައިވާ ދެ ލޮލަށް އަރްސަލް ބަލަން ހުރީއެވެ. ކީފާގެ ހަރަކާތްތައް ދެނެގަންނަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. ބަސް ހުއްޓިފައެވެ. އަރްސަލްގެ ގަމީހުން ދޫކޮށްލުމާއެކު ކީފާގެ އަތްތިލަ މަޑުމަޑުން ހިއްލާލީ އަރްސަލްގެ މޫނުގައި އަތްލުމަށެވެ.
"ޕްލީޒް! ޑޯންޓް މޭކް އަ ފޫލް އޮފް ޔޯ ސެލްފް" ކީފާގެ އަތްތިލަ މޫނުގައި ޖެހުމުގެ ކުރީން އަރްސަލް މޫނު އަނބުރާލުމާއެކު މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އެ އަޑު ކީފާއަށް އިވުނުހެނެއް ހިޔެއްނުވެއެވެ. އޭނާ ކުރިއަށް ޖެހިލުމާއެކު އަރްސަލް އިސްއުފުލައި ކީފާއަށް ބަލާލިއެވެ.
"ޕްލީޒް އަރްސަލް" ކީފާ ދެވަނަ ފަހަރަށް އަރްސަލްގެ ގަމީހުގައި ހިފަން އުޅުނެވެ. އެހެންނަމަވެސް އޭނާގެ ދެއަތުގައި އަރްސަލް ހިފެހެއްޓިއެވެ.
"ސްޓޮޕިޓް!... ކިހިނެއްވެގެންތަ ތިއުޅެނީ... މި ކޮޓަރިން ކީފާ ނުކުމެގެން ނުދަންޏާ އަހަރެން ނިކުމެގެން ހިނގައިދާނަން" ކީފާގެ ދެއަތް ފޮޅުވާލުމާއެކު އަރްސަލް އަވަހަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ނުކުތެވެ.
އަރްސަލްގެ ކޮޓަރި ކައިރީ ހުރި ރާދިންއަށް އަރްސަލްއާއި ކީފާ ޒުވާބު ކުރާ އަޑު އިވުނެއްކަމަކު އެ ދެމެދަށް ވަންނަން އޭނާ ބޭނުންނުވީއެވެ. ކީފާގެ ހިތުގައި އަރްސަލްއަށް ޓަކައި ޚާއްޞަ މަޤާމެއް ދެވިފައިވާކަން އެއީ ރާދިންއަށް ކުރިން ވެސް އެނގިފައި އޮތް ކަމެވެ. ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވާލި ގޮތަށް އަރްސަލް ހަލުވިކޮށް ނުކުމެގެން ދިޔަތަން ބަލަން ރާދިން ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާ ބަލަން ހުއްޓާ އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއެކު އަރްސަލް ނުކުތީ ބޭރަށެވެ. އަރްސަލްގެ ކޮޓަރި ތެރެއިން ކީފާގެ ރުއިމުގެ އަޑު ރާދިންގެ ކަންފަތުގައި ޖެހުނީ އެވަގުތުއެވެ. އަވަސް އަވަހަށް އެ ކޮޓަރިއަށް ރާދިންވަނީ ކީފާއަށް އަނިޔާއެއް ލިބުނީ ކަމަށް ހީކޮށް ވާނުވާ އޮޅުން ފިލުވާށެވެ.
"ކީފާ!" ދޮރާ ފުރަގަސްދީގެން ހުރި ކީފާއަށް ރާދިން ގޮވާލުމުން އޭނާ މޫނުގައި ދެއަތް އަޅައި ހުރި ދިމާއަށް ތިރިވިއެވެ. ރާދިން އަވަސްއަވަހަށް ދެ ކަކޫ ތަޅުމުގައި ޖައްސާލުމާއެކު ކީފާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެހިނދު ރާދިންގެ މޭގައި ކީފާ ބޮނޑިވެގަތެވެ.
"އަރްސަލް ކީއްވެތަ އަހަރެން އެކްސެޕްޓް ނުކުރަންވީ؟ ރާދު! އައި ލަވް ހިމް... އައި ލަވް ހިމް ސޯ މަޗް" ރޮމުން ކީފާ ވާހަކަދެއްކިއެވެ.
"ކީފާ! ގަދަކަމުން ލޯތްބެއް ނުހޯދޭނެ... ގިވް ހިމް ސަމް ޓައިމް" ރާދިން މަޑުމަޑުން ކީފާގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ.
"ކިހާ ވަގުތެއް... އަހަރެންނޫން އެހެން ހުރިހާ އަންހެންކުދީން އޭނާއަށް ފާހަގަވޭ. އަހަރެންގެވިއްޔާ އިހުސާސްތަކެއްނުވަނީތަ؟ އަހަރެންގެ ހިތެއްނޯންނާނީތަ؟ އަހަންނަށް ލޯބިވާން ނޭނގޭނީތަ؟" ގިސްލުމާއެކުވެގެން ކީފާގެ ޝަކުވާގެ އަޑު ނުކުތެވެ.
"ލޯތްބަކީ އަނެކާގެ ހިތް އޮތްގޮތް އެނގިގެން ވެވޭ އެއްޗެއްނޫން. ތިމާއަށް އެމީހަކު ކަމުދިޔައީމަ އުފެދޭ އިހުސާސެއް... އެހެންވީމަ އަނެކާވެސް ތިމާދެކެ ލޯބިވާންޖެހޭނެއޭ ޝަރުތެއްނުކުރެވޭނެއެއްނު... ކީފާއަށް އަރްސަލްދެކެ ލޯބިވެވުންއިރު ކީފާދެކެ ލޯބިވާ މީހަކު ވެސް ހުރެދާނެ ދޯ... އަރްސަލް ތި ލޯބި ޤަބޫލުނުކުރިއިރު ކީފާއަށް އަރްސަލްނޫން މީހެއްގެ ލޯތްބެއް ބަލައިނުގަނެވޭނެއެއްނު. އެހެންވުމުން ކީފާދެކެ ލޯބިވި މީހާއަށް ވެސް އެ ގެއްލުނީ އޭނާ އެންމެ ލޯބިވާ މީހާ" ކީފާއަށް ކަމެއް ވިސްނައިދޭން އުޅޭހެން ރާދިން ވާހަކަދެއްކީ ލަސްލަހުންނެވެ.
"ރާދު ތި ދައްކާ ވާހަކައެއް އަހަންނަކަށް ނޭނގޭ... އަހަންނަށް އަރްސަލް އެހެން އަންހެނަކާއެކު އުޅޭތަން ބަލާކަށް ކެތެއްނުވާނެ. އަހަރެން ލޯބިވަނީ އަރްސަލްދެކެ. ހަމައެކަނި އަރްސަލްދެކެ... އޭނާ ކީއްވެތަ އަހަރެންގެ ހިތުގެ ހާލު އެނގެން ބޭނުންނުވަނީ" ކީފާގެ ހިތް ކުދިކުދިވެފައިވާ ފަދައެވެ.
* * * *
ހަލުވިކޮށް ގެއިން ނުކުތް ގޮތަށް އަރްސަލްގެ މިސްރާބު ހުރީ އަތިރި މައްޗަށެވެ. ރާޅުފަށް ފެންނަ ހިސާބަށް އާދެވުމާއެކު އޭނާ ހުއްޓުނެވެ. ފުންނޭވާއެއްލުމާއެކު ތުނިކޮށް ހުރި ތުނބުޅީގައި ދަތްދޮޅިން ފެށިގެން ކާނާއަތްތިލަ ހާކާލިއެވެ. ހަމައެއާއެކު އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.
"ކީފާ ހަމަހޭގައިތަ ހުރީ؟ ކީއްވެ އެހެންކަންތައް އެ ކުރީ... އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް އޭނާއަށް ނެތްކަން ހަމަނޭނގެނީތަ؟ އަހަރެން ދުވަހަކު ވެސް އެކަހަލަ އިޝާރާތެއް ކީފާއަށް ނުކުރަން... ދެން ކީއްވެ؟" އިސްތަށިގަނޑު ތެރޭ ހިންގާލި އިނގިލިތައް އަރްސަލްގެ ކަނދުރާގައި އަޅުވާލެވުނެވެ. އަނެއްއަތުން ތުންފަތް ފުހެލެވުނެވެ.
"ޑޭމްއިޓް!... ކީފާއަށް ކީއްވެތަ ނުވިސްނޭންވީ... އަހަރެން ހަމައެކަނި ބޭނުންވަނީ އަހަރެމެން ދެމެދުގައި އެކުވެރިކަން އޮންނަން. ނަތިންގް މޯ... ޖަސްޓް ފްރެންޑްސް. އަހަންނަށް އެނގޭ ރާދު ލައިކްވާކަން ކީފާދެކެ... ކީއްވެތަ އެ ދެމީހުން ނުގުޅެންވީ. ކީފާއަށް ވެސް މާ ރަނގަޅުވާނެ ރާދުއާ ގުޅުނިއްޔާ" އަރްސަލް އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
ގޭ ކައިރީ އަތިރިމަތީގައި ރެސްޓޯރެންޓްތައް ގިނަވެފައި އެތަންތަނުގެ ގޮނޑިތައް އަތިރިމަތީގައި ޖަހާފައި ހުރުމުން ދެ ނަމާދު ދޭތެރެއެއްކަމަކު މީހުން ގިނައެވެ. މޭޒުތައް ދޮށުގައި ކޮފީއާއި ސިނގިރޭޓުން ހިތްހަމަޖައްސަމުން ދިޔަ ޒުވާނުން ގިނައެވެ. އަރްސަލް އެނބުރި ގެއާ ދިމާއަށް ބަލާލިއެވެ. އަދި މަޑުމަޑުން އައިސް ތިރީގައި ހުރި ރެސްޓޯރެންޓުގެ ތެރެއަށް ވަނެވެ. ދެ މޭޒެއް ފިޔަވައި އިތުރު މޭޒެއްގައި އެވަގުތު މީހުން ނެތެވެ. އެވަގުތު ރެސްޓޯރެންޓުގައި އުޅުނު މެނޭޖަރު އަވަހަށް އަރްސަލްގެ ގާތަށް އައެވެ.
"އެސްޕްރެސޯއެއް ގެނެސްދީ" އަރްސަލް ބުނެލިއެވެ. އަދި އަތިރިމަތި ފެންނާނޭހެން ހުރި މޭޒުގެ ދޮށުގައި އޭނާ އިށީނެވެ. އެހާ އަވަހަށް އެޕާޓްމެންޓަށް ދިއުމުގެ ޚިޔާލެއް އޭނާގެ ނެތެވެ.
"ކީފާ އެ ބުނީ ތެދަކަށްވެދާނެތަ؟ އަހަރެން ނިމްރާ މިގެންގުޅެނީ އަހަރެންގެ އަމިއްލަ ބޭނުމަކަށްތަ؟ ނޫން! އަހަރެން އެ އަންހެންކުއްޖާ ގެނައީ އޭނާގެ ކިބައިން ބަދަލުހިފަން... އެންޑް އައި ވިލް ބްރޭކް ހާ... އަހަރެން އޭނާއާ މެދު ކަންތައްކުރާނޭ ގޮތެއް ކީފާ ބުނާކަށް ނުޖެހޭނެ. އެކަމަކު... ރަތްޖިންނި... އެ ރަތްޖިންނި އަހަރެންގެ ސިކުނޑިއާ ކުޅެނީ ކިހިނެއްކަމެއް އަހަންނަކަށް ވެސް ނޭނގޭ... ޝީ ރިއަލީ ގެޓްސް އޮން މައި ނާވްސް" މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން އިން އަރްސަލް އޭނާގެ ވައަތު ޝަހާދަތްއިނގިއްޔާއި ބޮޑުވައި އިނގިލިން ނޭފަތާއި ނިތްކުރިއާ ގުޅިފައިވާ ހިސާބުގައި ހިފަހައްޓާލިއެވެ. ދެ ލޯ މަރާލި ގޮތުން ހީވީ އޭނާގެ ބޮލުގައި ރިހުމެއް އުފެދިފައިވާ ހެނެވެ.
* * * *
"އަހަރެން ގެއަށްދާން ބޭނުމީ" ހަމައަކަށް އެޅިފައި ހުރި ކީފާ ބުނެލިއެވެ. އޭނާ ރާދިންގެ ކޮޓަރީގެ ފާޚާނާއަށް ވަދެ މޫނު ދޮވެލައި މޭކަޕް ރަނގަޅު ކޮއްލިއެވެ. ލޮލުގައި ހުރި މަޑު ރަތްކަން ފިޔަވައި ކީފާ ރޮއެފައި ހުރިކަމުގެ އިތުރު ނިޝާނެއް އެ މޫނުގައި ނެތެވެ. ފާޚާނާއިން ނުކުމެ ރީތިވާ މޭޒުދޮށުގައި ކީފާ ހުއްޓިލައި އަމިއްލަ ސޫރައަށް ބަލާލިއެވެ.
"މާބޮޑަށް ނުވިސްނާ މިރޭ ގެއަށް ގޮސް ދެން ރެސްޓްކޮއްލާ... ކީފާ! އަހަރެން ބޭނުމެއްނޫން ކީފާ މި ޕްރޮޖެކްޓުން ވަކިވާކަށް" ރީތިވާ މޭޒުގެ ލޯގަނޑު ކައިރިން ކީފާ ދުރަށް ދިއުމުން އެނދުގައި އިން ރާދިން ތެދުވެ ވާހަކަދެއްކިއެވެ.
"އައި ނޯ.... މި ޕްރޮޖެކްޓް އަރްސަލްއަށް ވަރަށް މުހިންމުކަން. ޑޯންޓް ވޮރީ... އައި ވޯންޓް ޖެޕެޑައިޒް ހިޒް ވޯކް... އެހެންނޫނަސް ރާދުއެއްނު ބުނީ އަދިވެސް އަރްސަލް ބަދަލުވެދާނޭ... މި ޕްރޮޖެކްޓްއަކީ ލޯންގް ފްރޮސެސްއެއް. އަރްސަލްގެ ހޮޓެލް ނިމެންވާއިރު އޭނާގެ ޚިޔާލު ވެސް ބަދަލުވެދާނެ. އެކަންވާނީ އަރްސަލްގެ އެންމެ ގާތުގައި ހުރެގެންނު. އަހަރެން އަރްސަލްއާ ދުރަކަށް ނުދާނަން. އޭނާއަށް ހުރިހާ ގޮތަކުން އެހީވާނަން" ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން ކީފާ ބުނެލިއެވެ. ރާދިން ހުރީ އަޖައިބުވެފައެވެ. ކީފާ އޭނާގެ ގޮތުގައި ހިފަހައްޓަން ބޭނުންވާވަރު އެނގި އޭނާއާ ދެކޮޅަށް އެއްޗެއް ބުނާކަށް ރާދިން ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އޭނާއަށް އަރްސަލްގެ ގޮތް ވެސް އެނގެއެވެ.
"ގުޑް ފޯ ޔޫ... ހިނގާ ދަމާ" ރާދިން އެއްމިޔަކަނުން ހިނިތުންވެލުމާއެކު ބުނެލިއެވެ. އަދި ސިކުނޑިއަށް އައި ޚިޔާލާއެކު ރާދިން އިސްޖަހާލަމުން ދެފަރަތަށް ބޯހޫރާލިއެވެ.
ކީފާ ގޮވައިގެން ގޭޓުން ބޭރަށް ނުކުމެ ކާރަށް ރާދިން އެރިއިރު އެ އިމާރާތުގެ ތިރީގައި ހުންނަ ރެސްޓޯރެންޓުގެ މޭޒުދޮށުގައި އަރްސަލް އިންކަމެއް ނޭނގެއެވެ. ރާދިންއާއެކު ކީފާ ވެސް ކާރުގެ ކުރިއަށް އެރިއެވެ. ރާދިން ކާރު ދުއްވާލިކަން އެނގުމާއެކު އަރްސަލް މޭޒު ދޮށުން ތެދުވިއެވެ. ކައުންޓަރު ކައިރިއަށް އައިސް ފައިސާ ދައްކާފައި އޭނާ ރެސްޓޯރެންޓުން ނުކުތީ އެޕާޓްމެންޓަށް ދިއުމަށެވެ.
އެޕާޓްމެންޓަށް ވަދެގެން އައި އަރްސަލް ސޯފާގައި އިށީނެވެ. އޭރު ވެސް އެމީހުން ކުރަން ތިބި މަސައްކަތާ ބެހޭ ފައިލްތަކާއި ލިޔުންތަކުގެ އިތުރުން ލެޕްޓޮޕްތައް ކޮފީ މޭޒުމަތީގައާއި ކާޕެޓު މަތީގައި ހުއްޓެވެ. ޚިޔާލުތަކުން ދުރުވުމަށް އެންމެ ރަނގަޅު ހައްލަކީ އެހެންކަމަކަށް ސިކުނޑި ހުސްކޮށްލުންކަން އަރްސަލްއަށް ވިސްނުނެވެ. ނަމަވެސް މަސައްކަތައް އެނބުރިދިއުމުގެ ކުރީން އޭނާގެ ނަޒަރު ގޭތެރެ ހޯދާލިއެވެ. ނިމްރާވީ ކޮޓަރީގައިކަން އެނގޭއިރު އޭނާގެ ގާތަށް ދިއުމަށް އަރްސަލް ހިތަށް އެރީއެވެ. ކޮޅަށް ތެދުވެފައި ވެސް އަރްސަލް ހުއްޓުނީ ނިމްރާ ގާތަށް ދިއުން ރަނގަޅު ޚިޔާލަކަށް ނުވާނޭކަން އޭނާގެ ޟަމީރު ބުނަން ފެށުމުންނެވެ. އެހެންވެ ކޮފީ މޭޒު ދޮށުގައި އިށީނދެ އޭނާގެ މެކްބުކް ޕްރޯ ހުޅުވާލިއެވެ. ކުރަންފަށާފައި ހުރި މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އެޕާޓްމެންޓުގެ ދޮރުހުޅުވާލުމުން އެ އައީ ރާދިންކަން އެނގި އަރްސަލް އޭނާއަށް ގޮވާލިއެވެ. ދޮރުލައްޕާލާފައި ރާދިން އައިސް އަރްސަލް ފެންނަ ހިސާބުގައި މަޑުކޮއްލިއެވެ.
"އަހަރެން ވާހަކައެއް ދައްކަންވެގެން" ރާދިން އަނގައިން ނުބުނެ ހުންނަން ފެށުމުން އަރްސަލް ބުނެލިއެވެ.
"ކީފާގެތަ؟ އަހަރެން މި އައީ އޭނާ ބުނެގެން ގެއަށް ލާފައި" ވަކިންހުރި ގޮނޑީގައި ރާދިން އިށީންނަމުން ބުނެލިއެވެ.
"އަހަންނަށް އެނގޭ... އަހަރެން އިނީ ތިރީ ރެސްޓޯރެންޓުގައި" އަރްސަލް ބުނެލިއެވެ.
"ރާދު!... ކީއްވެތަ ކީފާ ގާތުގައި ރައްޓެހިވާން ނާހާ ތި ހުންނަނީ. އަހަންނަށް އެނގޭ ރާދު ލައިކްވާކަން އޭނާދެކެ" އަރްސަލް އެހިއެވެ.
"އަރްސަލްއަށް ހަމަ ނޭނގިގެންތަ ތި އެހީ؟" ރާދު ބުނެލިއެވެ.
"އެހެނެއްނޫން... ރާދު! އަހަންނަކަށް ނުދެވޭނެ ކީފާ ބޭނުންވެގެން އުޅޭ އެއްޗެއް. ރަޙުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން. އައި ކާންޓް... އައި ޖަސްޓް ކާންޓް. ރާދު އޭނާއަށް ވިސްނައިދޭން މަސައްކަތްކޮއްބަލަ. އަހަރެންގެ އެއްގޮތަކަށް ވެސް އެކަހަލަ ފީލިންގެއް ނެތޭ ކީފާއާ މެދު. އަހަރެން ކީފާއާ އެހެން އަންހެންކުދީންނާ އޭރު އެއްވަރު ނުކުރީ ރާދު އޭނާދެކެ ލައިކްވާކަން އަހަންނަށް އެނގޭތީ. އެކަމަކު ބައެއްފަހަރު ހިތަށް އަރާ އޭރުގައި އުޅުނު އެހެން އަންހެންކުދީންހެން ވަގުތީ ރިލޭޝަންޝިޕަކަށް ގެނެސްފައި ދޫކޮއްލެވުނުނަމައޭ. އޭރުން ގައިމު ވެސް ކީފާއަށް އެނގޭނެ އަހަރެން ބޭނުންނުވާކަން... އަހަރުތަކެއް ފަހުން އަނެއްކާ އައިސް ކީފާ އެހެން އުޅުނީމާ އަހަރެންގެ ބޮލަށް ވަރަށް އުނދަގޫވޭ. މިހާރު އަހަރެން ބޭނުމެއްނޫން އެއްވެސް އިތުރު ބޮލުގައި ރިހުމެއް... އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުއްޓާލަން ބޭނުންވަނީ މި ޕްރޮޖެކްޓަށް" އަރްސަލް ބުންޏެވެ.
"ކީފާއަށް އަރްސަލް ފެނުނު ދުވަހުން ފެށިގެން އޭނާ އަރްސަލްދެކެ ލޯބިވޭ. އޭގައި އަހަރެން ކުރާނީކީއް. އަރްސަލްއަށް އެނގޭނެ އަހަރެން ގަދަބާރުން އަންހެންކުއްޖެއްލައްވާ ކަމެއް ނުކުރުވާނެކަން... އައި ވޯންޓް ފޯސްޑް މައިސެލްފް އޮން އެނީވަން. އެމީހެއްގެ ހިތުގެ އިހުސާސްތައް އެމީހަކަށް ބޮޑަށް އެނގޭނީ. އަހަރެން ބޭނުންވިޔަސް ކީފާ ނާންނާނެ އަރްސަލް ހުއްޓަ. އަހަރެން ވެސް މިވަގުތު ބޭނުންވަނީ މި ޕްރޮޖެކްޓަށް ސަމާލުވާން. ހާސްނުވޭ... ކީފާ ޔަގީންކަން ދިން މިކަމުގައި އަރްސަލްއަށް އެހީވާނެކަން. އެއްވެސް ކަހަލަ އިޝޫއެއް ކުރިމަތިވިޔަ ނުދޭނަންކަން. އެހެންވީމަ އެހެންކަންތައްތަކާ ނުވިސްނާ އަހަރެމެން ވެސް ވީ މިކަން ކޮޅެއްގައި ޖެއްސޭތޯ ބަލަން. އޭގެ ފަހުގައި ދިރިއުޅުމުގައި ދެން ހުރި ކަންކަން ހައްލުކުރަން އުޅެމާ" ރާދިން އާދައިގެ ގޮތަކަށް ބުނެލިއެވެ. ކީފާ އޭނާ ބަލައިނުގަންނާނޭކަން ރާދިންއަށް ޔަގީންވާއިރު އެކަން އޭނާ ޤަބޫލުކޮށްގެން އިން ކަހަލައެވެ.
"އާން! ތި ނޫން ގޮތެއް ދެން ނެތެއްނު" ހަށިފުރާ ނޭވާއެއް ލަމުން އަރްސަލް ވެސް ޤަބޫލުވިއެވެ.
"ފްރެންޑްލީ މޫޑްގަ ހުންނާނީ ކީފާ އަންނަފަހަރަކު. އޭނާ މިގެއަށް އައުން އެއްކޮށް ހުއްޓައެއްނުލާނެ. ޚާއްޞަކޮށް މި މަސައްކަތް ކުރިއަށްދާއިރު. ސޯ ޕްލީޒް... ބިހޭވް" ރާދިން ބުނެލިއެވެ. އަރްސަލް ފާޑަކަށް ބަލާލާފައި ލާނެތްގޮތަކަށް ހީނލިއެވެ.
"މިރޭ ކުރަންއުޅުނުކަހަލަ ކަމެއް ނުކުރަންޏާ އޯކޭ" ރާދިންއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ.
"ޑޯންޓް ޓެލް މީ... އައި ޑޯންޓް ވޯންޓު ހިއާ" ނިކަން އަވަހަށް ރާދިން ބުނެލިއެވެ. (ނުނިމޭ)