ހަބަރު

ދެ ފަނޑިޔާރުންގެ ޝަރީއަތް ސިއްރުކޮށްފި

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މައްޗައް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

ދެ ފަނޑިޔާރުންނަށް ކުރާ އެ ދައުވާގެ އަޑު އެހުން ސިއްރު ކުރީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ދެ ބޭފުޅުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗައް ކުރާ އަދުލްއިންސާފަށް ހުރަސް އެޅުމުގެ ދައުވާ ކުރިޔަށް ގެންދިޔައީ ހުޅުވާލައިގެނެވެ. އެ ތިން ބޭފުޅުންނަށް ޓެރަރިޒަމްގެ ދައުވާ ވެސް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތްތައް އަދި ނުފަށަ އެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރު ކުރި މައުމޫން އާއި އަބްދުﷲ ސައީދު އާއި އަލީ ހަމީދު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެއް ބަންދުކޮށްފަ އެވެ. ދެ ފަނޑިޔާރުންނަށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ވެސްކޮށްފައިވާ އިރު އެ ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ސަސްޕެންޑުވެސް ކޮށްފަ އެވެ.