ހަބަރު

އެއް ކެނޑިޑޭޓެއް ނެރެން އެއްބަސް، ރައީސް ޔާމީން ބަލިކުރާނަން: ނަޝީދު

Apr 12, 2018
11

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓެއް ނެރުމަށް އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން އެއްބަސްވާ ކަމަށާއި އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބަލި ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމަށް އެއްބަސްވާ ކަމަށާއި ރައީސް ޔާމީން ބަލިކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނުން ވަނީ އިދިކޮޅު ޕާޓީތަކުން އެކުވެގެން ނެރޭ ކެނޑިޑޭޓް ހުންނެވީ ތައްޔާރަަށް ކަމަށާއި ވަގުތު ޖެހުމުން އެއީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕާޓީތަކުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެއް ކެނޑިޑޭޓު ހުންނެވީ ތައްޔާރަށް ކަމަށާއި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން އަދި ހާމަ ކުރަން ބޭނުން ނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް ވަގުތާއި ހާލަތު ޖެހުމުން އެ ކެނޑިޑޭޓަކީ ކާކުން ރައްޔިތުންނަށް ފެންނާނެ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.