ހަބަރު

ކޮންގްރެސް ނުބޭއްވިގެން ދިމާވާ މައްސަލަ ހައްލު ކުރަން ގާނޫނަށް ބަދަލު ގެންނަނީ

ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ނުވަތަ އާންމު ޖަލްސާ ނުބޭއްވިގެން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަން ނިންފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިހެން ބުނީ ޕީޕީއެމް އިން އަންމު ޖަލްސާ ޖަލްސާއެއް ނުބާއްވާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެ ޕާޓީގެ އުވާލަން ޖެހޭ ކަމަށާއި ސައްހަކަން ކެނޑިފައިވަ ކަމަށް ބުނެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް އެ ޕާޓީ އާންމު ޖަލްސާ ބޭއްވި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް މިހާތަނަށް ސާފުކޮށްދީފައެއް ނުވެ އެވެ. -- މިހާރުގެ ގާނޫން އޮންނަ ގޮތުން އާންމު ޖަލްސާ ނުބާއްވާތާ ފަސް އަހަރުވުމުން ޕާޓީ އުވާލަން ޖެހެ އެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން އީސީގެ ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ މިހާތަނަށް އެ ކޮމިޝަންއަށް ލިބިފައިވާ މައުލޫމާތުތަކުގެ ތެރޭގައި އެމްޑީޕީ އަދި ޕީޕީއެމްއިން ވެސް އާންމު ޖަލްސާއެއް ބާއްވާފައިވާކަން އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން މި ފަހުން ޕާޓީތަކާއެކު ބޭއްވުނު ބައްދަލުވުމުގައި އެ މައްސަލާގައި މަޝްވަރާ ކުރެވުނު ކަމަށާއި އަލަށް އިސްލާހު ކުރަން އުޅޭ ގާނޫނުތަކުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ޝަަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްލާހު ކުރަން އުޅޭ ގާނޫނުތަކުގައި ހުރި ފުށުއެރުމާ ވަރަށް ބޮޑަށް ގުޅިފައި ހުރި މައްސަލައެއް އެއީ، ބައެއް މުއައްދަތުތައް ބުނެފައި ހުރި އިރު އެ މުއްދަތުތައް ގުނަން ޖެހޭނީ ބަންދު ދުވަސްތައް ނުލައި ބުނެފައި އޮންނަ އޮތުމާއި ތިން މަހަކާއި ފަސް އަހަރަކާއި އޮވޭ، އެހެންވެ އެކަހަލަ ފުށުއެރުންތައް ނައްތާލަން މައިގަނޑު ގޮތެއްގައި މި އިސްލާހު ހުށަހަޅަން ޖެހެނީ،" ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްގެ އާންމު ޖަލްސަ ނުބާއްވާ ކަން އީިސީގެ ސަމާލުކަމަށް ފުރަތަމަ ގެނައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ. އެ ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މައުމޫން އީސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ގަވާއިދާއި އެއްގޮތަށް ޕާޓީ ހިންގުމަށްޓަކައި ކައުންސިލާއި އެންމެހާ ކޮމިޓީތައް އިންތިހާބު ކޮށްފައިވާ ކަމަށާއި ގަވައިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު އެ މަގާމްތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށެވެ. އަދި އެ ޕާޓީގެ އިންތިހާބީ މަގާމްތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލާގައި އެއްޗެއް ނުބުނެ ޕީޕީއެމް އިން ބުނަމުން އައީ އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތުން ވެސް ކޮންގްރަސް ބާއްވާފައި ނުވާ ކަމަށެވެ. ނަމަވެސް ޕީޕީއެމް އިން އަމަލުކޮށްފައި ހުންނާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.