އަންހެނުން

އަންހެނުންގެ ބައިސްކަލު ރޭހެއް ސައުދީގައި ފުރަތަމަ ފަހަރަށް ބާއްވައިފި

އަންހެނުންނަށް ހާއްސަކޮށްގެން ބައިސްކަލު ދުއްވުމުގެ ރޭހެއް ސައުދި އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ. ޝޯޝަލް މީޑިއާގައި މި ހަބަރު މިހާރު ވަނީ އާންމުވެފަ އެވެ. މި ރޭސް ބާއްވާފައި ވަނީ މިދިޔަ އަންގާރާ ދުވަހު ޖިއްދާގަ އެވެ.

ދިހަ ކިލޯމީޓަރުގެ މި ރޭހުގައި 47 ސައުދީ އަންހެނުން ބައިވެރިވެފައިވެ އެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ސައުދީގެ އަންހެނުން ކުރިއަރުވާ ގުރޫޕެއް ކަމަށްވާ "ބީ އެކްޓީވް" އިސްނަގައިގެން، ސައުދީ ސަރުކާރާއިވެސް ގުޅިގެންނެވެ.

މި މުބާރާތުން ވަނަ ވަނައަށް ދިޔަ ފަރާތްތަކާއި ތައްޓާއި މެޑަލް ހަވާލުކުރީ ސައުދީގެ ގެނެރަލް ސްޕޯޓްސް އޮތޯރިޓީން އިންނެވެ. ވަނަ ވަނައަށް ދިޔަ ފަރާތްތައް އިއުލާނުކުރީ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ބޭއްވި ހަފްލާއެއްގަ އެވެ.

ބީ އެކްޓީވްގެ ފަރާތުން މި ހަރަކާތާއި އިސްކޮށް ހަވާލުވެހުރި ނަދީމާ އަބޫ އަލްއެނީން ސައުދީ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ ރޭހުގައި ގިނަ އަދަަދެއްގެ އަންހެނުން ބައިވެރިވުމުން ހައިރާންކަން ލިބުނު ކަމަށެވެ.

"ފުރަތަމަ މުބާރާތުގައި ބައިވެރިކުރަން ނިންމީ 30 އަންހެނުން. އެކަމަކު ލިބުނު ތަރުހީބު ބޮޑުވުމުން އެ އަދަދު 47 އަށް ބަދަލުކުރީ." އޭނާ ބުންޏެވެ. "މި އަދަދަށްވުރެ އިތުރަށްވެސް މީހުން ބައިވެރިވާން އެދުނު. އެކަމަކު ކޮމިޓީއަށް އެ ފުރުސަތުދެވޭނެ ގޮތެއް ނުވި."

ނަދީމާ ވަނީ 2017 ވަނަ އަހަރު އަމިއްލަ ބައިސްކަލު ކުލަބެއް އުފައްދާއި މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިކަން ކުރުމަށް ހިތްވަރުދީ، ޝޯޝަލް މީޑިއާ މެދުވެރިކޮށް ސައުދީގެ އަންހެނުން ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ގިނަ ބައެއްގެ ފަރާތުން މި ހަރަކާތައް ތަރުހީބު ލިބުނު ނަމަވެސް ބައެއް ފަރާތްތަކުން ތަފާތު ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ. މިކަމާއި މެދު ހިތްހަމަ ނުޖެހިގެންވެސް ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ސައުދީ ސަރުކާރުން 2013 ވަނަ އަހަރު ވަނީ އެ ގައުމުގެ އަންހުންނަށް ބައިސްކަލު ދުއްވުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް އަންހެނުންނަށް ބައިސްކަލު ދުއްވޭނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގަ އެވެ. ބައިސްކަލު ދުއްވާނަމަ ވީހާވެސް ހަށިގަނޑު ނިވާވާނެހެން ހެދުން އެޅުމަށާއި އަދި ބައިސްކަލު ދުއްވަން ނިކުމެ އުޅެންޖެހޭނީ މަހުރަމާކާއެކުގައި ކަމަށްވެސް ބުނެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ވަނީ ސައުދީގެ ފުރަތަމަ އޮޕޭރާ ހައުސް ޖިއްދާގައި ހުޅުވާނެކަންވެސް އިއުލާނުކޮށްފަ އެވެ. ސައުދީ ރަސްގެފާނު، ކިންގް ސަލްމާންގެ ސަރުކާރުން "ވިޒަން 2030" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުން އެ ގައުމަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ކުޅިވަރާއި މުނުފޫހިފިލުވުމުގެ ދާއިރާއަށް މި ކެމްޕެއިނުގެ ދަށުން ބޮޑު ހަރަދެއް ކުރަން ވަނީ ނިންމާފަ އެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހު 35 އަހަރު ވަންދެން ބަންދުކޮށްފައި ހުރި ސައުދީގެ ސިނަމާތައް އަލުންވަނީ ހުޅުވާފަ އެވެ. ސިނަމާތައް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފުރަތަމަ ފިލްމު ސްކްރީންކުރުން މި މަހު 19 ގަ އޮންނާނެ އެވެ. ރަސްމީކޮށް ހުޅުވުމުގެ ގޮތުން ސައުދީ ސިނަމާތަކުގައި ފުރަތަމަ ފަހަރަށް ދައްކާނީ ހޮލީވުޑްގެ ފިލްމު "ބްލެކް ޕެންތާ" އެވެ.