ނިއު ރޭޑިއަންޓްގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ދެ މެޗަށް ސަސްޕެންޑްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރި މެޗުގައި ރިލޭގެ "ފަރާތުން ފެނުނު ކަންތައްތައް" އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ފަހު، ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ރިލްވާން ދެ މެޗަށް ސަސްޕެންޑްކޮށް، 4000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.
ސަސްޕެންޝަން ހަމަވުމުގެ ކުރިން ޖޫރިމަނާ ފައިސާ ދެއްކުމަށް އެފްއޭއެމް އިން ވަނީ ރިލޭ އަށް އަންގައިފަ އެވެ.
ވިކްޓަރީ އަތުން 3-1 އިން ނިއު މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރިލޭ އަށް އެ މެޗުގައި ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ރިލޭ އަށް ރަތްކާޑު ދެއްކީ ވިކްޓަރީގެ އަހުމަދު ޒިއާން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ނިއުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވެސް އެފްއޭއެމް އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޕީޕަލްސް ކަޕްގައި ސިންގަޕޫރުގެ ލަޔަންސްގެ ކުޅުންތެރިއެއްގެ ކަރަށް ހޮކޭ ގަސްދުގައި އެރި މައްސަލައިގައި އެފްއޭއެމް އިން ވަނީ ހޮކޭ ހަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.