ބޮލީވުޑް

ރަންވީރާއި ދިޕިކާ އިތުރު ފިލްމެއް ކުޅެނީ

Apr 16, 2018

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ރަންވީރު ސިންގާއި ދިޕިކާ ޕަދުކޯންގެ ކައިވެނީގެ ވާހަކަތައް ހުއްޓުމެއް ނެތި ދެއްކެވެމުން އަންނަނިކޮށް، މިދެތަރިން އެކުގައި އާ ފިލްމެއް ކުޅެން އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

"ރާމް ލީލާ" އާއި "ބާޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތް" އިން އެކުގައި ފެނިގެން ގޮސްފައިވާ ދިޕިކާ އާއި ރަންވީރު ސޮއިކޮށްފައިވަނީ އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝްރާޖް ފިލްމްސްގެ ފިލްމެއް ކުޅޭށެވެ.

އެ ކުންފުނީގެ ވެރިޔާ އަދިތްޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް، މަނީޝް ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ރަންވީރު ބޮލީވުޑަށް ނިކުތް ފިލްމު، "ބޭންޑް ބާޖާ ބާރަތް" ޑައިރެކްޓްކޮށްފައިވަނީ ވެސް މަނީޝް އެވެ. އަދި އޭގެފަހުން ކުޅުނު "ލޭޑީސް ވާސަސް ރިކީ ބަލް" ގެ ޕްރޮޑިއުސަރަކީ ވެސް މަނީޝް އެވެ.

މި ފިލްމަކީ މަނީޝް ޑައިރެކްޓްކުރާ ފިލްމެއްގައި ދިޕިކާ ފެނިގެންދާ ފުރަތަމަ ފަހަރެވެ. ނަމަވެސް ދިޕިކާ މީގެކުރިން ވަނީ ޔާޝް ރާޖްސްއިން އުފެއްދި ފިލްމެއް ކުޅެފަ އެވެ. ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ކުޅެފައިވާ 2008 ވަނަ އަހަރު ނިކުތް "ބަޗްނާ އޭ ހަސީނޯ" އެވެ.

ބުނެވޭ ގޮތުގައި ރަންވީރު މި ފިލްމު ކުޅެން ސޮއިކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި ދިޕިކާ މި ފިލްމު ކުޅެން އެއްބަސްވީ އިރްފާން ޚާނާ އެކު ކުޅެން ހަމަޖެހިފައި އޮތް ފިލްމު އޭނާ ބަލިވުމުގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުންނެވެ.

ޔާޝް ރާޖްސް މަޝްހޫރުވެފައިވަނީ އަސަރު ގަދަ ލޯބީގެ ފިލްމުތައް އުފެއްދުމަށް އެންމެ ކުޅަދާން ޕްރޮޑަކްޝަން ހައުސްގެ ގޮތުގަ އެވެ. އަދި ރަންވީރާއި ދިޕިކާ މީގެކުރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގައި ދައްކުވާފައިވާ ކެމިސްޓްރީ އާއި އެ ދެތަރިންގެ ޖޯޑުގެ މަގުބޫލުކަން ބޮޑުވުމުގެ ސަބަބުން، މިދެތަރިންގެ އާ ފިލްމު ޔަގީނުން ވެސް ވެގެންދާނީ ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާނެ ފިލްމަކަށެވެ.

ރަންވީރު މިހާރު ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" ޝޫޓްކުރަމުން އަންނައިރު، އެ ފިލްމު ނިމުނުހާ އަވަހަކަށް ސާރާ އަލީ ޚާން އާއެކު ކުޅޭ "ސިމްބާ" ގެ ޝޫޓިން ފަށާނެ އެވެ. އަދި އެ ފިލްމަށްފަހު ކަބީރް ޚާންގެ "83" ގެ މަސައްކަތް ފަށާނެ އެވެ. އެހެންކަމުން ދިޕިކާ އާއެކު ކުޅޭ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.