ރާއްޖެ ކުޅިވަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާމެދު އޮލިމްޕކް ކޮމެޓީގެ އުންމީދު ބޮޑު

އޯގަސްޓް މަހު ރީޔޫނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެ އަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޮލިމްޕިކް ކޮމެޓީން ބުނެފި އެވެ.

ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖޭން 10 ކުޅިވަރެއްގައި ވާދަކުރާއިރު، އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގް (މަރޭ) ވިދާޅުވީ ރާއްޖޭގެ އަމާޒަކީ "ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރޭގެ އަދަދަަކަށް" މުބާރާތުގައި މެޑަލް ހޯދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓް މި އުޅެނީ ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރޭ،" މިއަދު މެންދުރު ސޯލްޓް ރެސްޓޯރަންޓްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރޭ ވިދާޅުވި އެވެ. "މިދިޔަ އަހަރު އޮލިމްޕިކް ކޮމެޓީގެ ޓާގެޓަކަށްވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދާން ޕްލޭނެއް ހަދައި، އެ ޕްލޭންގެ ދަށުން މަސައްކަތްކޮށް ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރޭ ހާސިލްކުރަން ދިއުން. އެހެން (ބައެއް) ގޭމްސްތަކާ ހިލާފަށް މިއީ އަޅުގަނޑުމެން ކާމިޔާބަށް ދާ މުބާރާތެއް."

މަރޭ ވިދާޅުވީ މި ގޭމްްސް އަށް އެކުލަވާލި ސްޓިއަރިން ކޮމެޓީން، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ވަރަށް ބުރަ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި ގޭމްްސް އަށް ކަނޑައަޅާފައިވާ 11.7 މިލިއަން ރުފިޔާގެ ތެރެއިން 10 މިލިއަން ރުފިޔާ ކުޅިވަރާ ބެހޭ މިނިސްޓްރީން ދޭނެ ކަމަށެވެ. އަދި ބާކީ އޮތް 1.7 މިލިއަން ރުފިޔާ ރެއިޒްކުރަން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމުގެ މައްސަލައެއް ދިމާނުވާނެ ކަމަށެވެ.

މަރޭ ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް އިން މެޑައްޔެއް ހޯދުމުގެ ވާހަކަ ކުރިން ދެއްކިއިރު، އެތުލީޓުންނާއި ކޯޗުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުން އަދި އާންމުން ވެސް އެއީ ހާސިލްކުރެވޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެކަމަކު މިހާރު ގިނަ ފަރާތްތަކުން އެކަން ގަބޫލްކުރުމަކީ ކާމިޔާބެއް ކަމަށް މަރޭ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ޗެލެެންޖަކަށްވީ ކޮންވިންސްކޮށްދިނުން މެޑަލްތަކެއް ލިބިދާނެކަން. އަޅުގަނޑުމެން 2010 ވަނަ އަހަރު އެ ވާހަކަދެއްކިއިރު ކުޅުންތެރިން، ކޯޗުން، އެސޯސިއޭޝަންތަކުން އަދި އާންމުން ވެސް އެކަން ގަބޫލެއްނުކުރެވޭ. އެކަމަކު މިހާރު އެބަ ގަބޫލްކުރޭ މިއީ ވެދާނެކަމެއްކަން. މިއީ އަޅުގަނޑުމެންގެ ފުރަތަމަ ކަންތައް ހާސިލްވީ،" މަރޭ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ މިހާރު ދިމާވެފައިވާ އެއް މައްސަލައަކީ ރިޔޫނިއަން އަށް ދިއުމަށް ވިސާ ހޯދަން ޖެހުން ކަމަށާއި އެކަމަކު އެ މައްސަލަ ވެސް ހައްލުކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ޖުމްލަ 250 މީހުންގެ ކޮންޓިންޖަންޓެއް ދާނެ ކަމަށް އޮލިމްޕިކް ކޮމެޓީން ލަފާކުރެ އެވެ.

މަރޭ ވިދާޅުވީ ރާއްޖޭގެ ކޮންޓިންޖެންޓް ރިޔޫނިއަން އަށް ދިއުމެއް ބޯޓެއް ޗާޓަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެެެވެ. އަދި ބޯޓެއް ޗާޓަރުކޮށްގެން ދާއިރު، ސަޕޯޓަރުންނަށް ވެސް ފުރުސަތު ދިނުމަށް ވިސްނާފައިވާ ކަމަށެވެ.

"ޗާޓަރުކުރާ އެއާ ކްރާފްޓެއްގެ ޖާގަ އޮންނަ ގޮތުން، އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ސަޕޯޓަރުންނަށް ވެސް ޕެޖޭކްތަކެއް ވިއްކަން،" މަރޭ ވިދާޅުވި އެވެ.