ހަބަރު

ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ

Apr 15, 2018

މިއަހަރު ރަޝިޔާގައި ބާއްވާ ވޯލްޑްކަޕް ކަވަރޭޖްގެ ޕީއެސްއެމްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބް ހާންއެވެ. މި އެއްބަސްވުމާއެކު އުރީދޫގެ ނެޓްވޯކާއި، ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް މުބާރާތް އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތަށް އުރީދޫއިން އެހީތެރިވެދޭނެ އެވެ.

ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖެހިގެން ދިއުމަކީ އޯލްޑްކަޕް ކޮލިޓީކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެޅޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އެގޮތުން އުރީދޫއާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި މެޗުތައް ފެންނާނެ ގޮތުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ވޯލްޑްކަޕަށް ޕީއެސްއެމުން ވަމުންދާ ތައްޔާރީތައް ވަރަށް ދުރާލާ އަޅުގަނޑުމެން މިދަނީ ގެނެސްދެމުން. ސްޕޮންސަރުންނާއެކު އެޅޭ ފުރަތަމަ ފިޔަވަޅުމިއީ. އަޅުގަނޑު ޔަގީންކަން އަރުވަން އުރީދޫއާއިއެކު އުރީދޫގެ ނެޓްވޯކާއި، ޕީއެސްއެމްގެ ޗެނަލްތަކުން މުބާރާތުގެ ތާޒާ މައުލޫމާތާއި ހަބަރު ގެނެސްދޭނަން" ހަލީލް ވިދާޅުވިއެވެ.

ޕީއެސްއެމާއެކު މަސައްކަތްކުރަން ލިބުނު ފުރުސަތާމެދު އުފާކުރައްވަމުން އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ " މިއަހަރުގެ ވޯލްޑްކަޕްގެ މެޗުތައް އުރީދޫ ނެޓްވޯކް މެދުވެރިކޮށް ޕީއެސްއެމާއި ގުޅިގެން ކުއަލީޓީކޮށްހުރިހާ ރައްޔިތުންނަށްވެސް ފެންނާނެ" ކަމަށެވެ.

ވޯލްޑްކަޕް ކަވަރޭޖް ރާއްޖޭގައި ދެއްކުމާ ގުޅޭ ގޮތުން މީޑިއާގައި އޮޅުންއަރާ ގޮތަށް ވާހަކަ ދެކެވެމުންދާކަން މިއަދު ހަލީލް ފާހަގަކުރެއްވި އެވެ. ވިދާޅުވީ، ޕީއެސްއެމް ފިޔަވައި ރާއްޖެ އެހެން ޗެނަލަކުން ވޯލްޑްކަޕް ނުދެކޭނެކަމަށް ނުވަތަ ނުދައްކާނެކަމަށް ޕީއެސްއެމުން ފާހަގަކޮށްފައި ނުވާނެކަމަށާއި، އެކަމަކު ދިވެހިރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ލައިސެންސް އޮތީ ހަމައެކަނި ޕީއެސްއެމްގެ އަތުގައިކަމަށެވެ. އަދި ސާކް ސަރަހައްދުގެ ރައިޓްސް ވިއްކާފައިވާ ސޮނީ ޕިކްޗާސްއިން ޕީއެސްއެމްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި އެހެން ފަރާތްތަކުން ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސްއާއި ހިލާފުވޭތޯ ބެލުންވެސް ހިމެނިފައިވާކަމަށެވެ.

އަޅުގަނޑުމެން މިއަންނަނީ މުބާރާތުގެ އެކި މައުލޫމާތުތައް އެންމެންނާއި ހިއްސާކުރަމުން. އެއްވެސް އިރަކު ޕީއެސްއެމުން ހާމަކޮށްފައި ނުވާނެ އެހެން ޗެނަލްތަކަކަށް ވޯލްޑްކަޕް ނުދެއްކޭނެ ނުވަތަ ނުދައްކާނެ ވާހަކަ. 2018ގެ ފީފާ ވޯލްޑްކަޕްގެ ސާކް ސަރަހައްދުގެ ރައިޓްސް ފީފާއިން ގަނެފައިވަނީ ސޮނީ ޕިކްޗާސްއިން. ރާއްޖޭގެ ޓެރިޓަރީގެ ރައިޓްސް ސޮނީން އަޅުގަނޑުމެން މި ހޯދީ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވަނީ މިއަހަރުގެ ވޯލްޑްކަޕް ކަވަރޭޖް ދިވެހިންނަށް ކަމުދާ ޝައުގުވެރި ކަވަރޭޖަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.