ރަށްރަށުގައި ތިބި އަތްތެރި މަސައްކަތްތެރިންނަށް ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތް ކުރެވޭނެ ގޮތް ފަހިކޮށް، އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރު ގާއިމްކުރުމަށް ނިންމައި އެ މަޝްރޫއުގެ ދަށުން ފުރަތަމަ އާޓްސް އެންޑް ކްރާފްސް ޕްރޮގްރާމް ގދ ވާދޫގައި އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެހީއާއެކު ރާއްޖޭގައި ހިންގާ ސަބާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފަސް ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރު ގާއިމްކުރަން ވަނީ ނިންމާފަ އެވެ. އަދި ބައެއް ރަށްރަށުގައި ޓްރޭޑް ފެސިލިޓޭޝަން ސެންޓަރުވެސް ގާއިމްކުރާނެ އެވެ. ބޭނުމަކީ ގޭގައި މަސައްކަތްކޮށްގެން ފައިސާ ހޯދާ ފަރާތްތަކަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދީ އެމީހުންނަށް ބޭނުންވާ ތަމްރީން ދީ، އުފައްދާ އުފެއްދުންތަކަށް މާކެޓް ހޯދައިދީ ވިޔަފާރި އިުރުކޮށްދިނުމަށް މަސައްކަތްކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ސަބާ ޕްރޮޖެކްޓްގެ ދެވަނަ މަޝްރޫއު ފެށުމަށް ވާދޫގައި އަތްތެރި މަސައްކަތުގެ ތަމްރީން ޕްރޮގްރާމެއް މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ޓްރޭޑް ފެސިލިޓީ ސެންޓަރު އަޅާނީ އެރަށުގަ އެވެ. އެހެންކަމުން މިހާރު ފަށާފައިވާ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އަތްތެރި މަސައްކަތްކުރަން ފަރިތަކޮށްދިނުމަށް އިސްކަންދޭނެ އެވެ. އަދި ގޭގައި ތިބެގެން އަތްތެރި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ދާއިރާއިން ކުރިއަށްދިއުމަށް ބާޜު އަޅައި އަމިއްލަ އުފެއްދުންތަކަށް މާކެޓް ހޯދާނެ ގޮތް ބުނެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސަބާ ޕްރޮޖެކްޓަކީ ސާކް އިން އިސްވެ މެންބަރު ގައުމުތަކުގައި ގޭގައި މަސައްކަތްކޮށްގެން ފައިސާ ހޯދާ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓް ރާއްޖޭގައި ހިންގުމަށް ސަބާ މޯލްޑިވްސްގެ ނަމުގައި ސަރުކާރުގެ 60 ޕަސެންޓް ހިއްސާ އޮންނަ ކޯޕަރޭޓިވް ސޮސައިޓީއެއް ވެސް ވަނީ 2012 ވަނަ އަހަރު އުފައްދާފަ އެވެ.