ބޮލީވުޑް

ސަލްމާން "ބާރަތު" ގެ ޝޫޓިން ފަށައިފި

Apr 17, 2018

ނަވާރަ ސަތޭކަ ނުވަ ދިހަ އަށް ވަނަ އަހަރު ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ ސަލްމާން ޚާން، ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ "ހަމް އާޕްކޭ ހޭ ކޯން" ޝޫޓްކުރަން ޖޯދްޕޫރަށް ގޮސް އުޅެނިކޮށް، ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ކަމަށްވާ ބްލެކްބަކް ފުއްލާ ޝިކާރަ ކުރި ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލީ ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ "ރޭސް 3" ގެ ޝޫޓިން ބައެއް ދުބާއީގައި ނިންމާލުމަށްފަހު އެނބުރި އައިތަނުންނެވެ.

ކަފާލާތުގެ ދަށުން ސަލްމާން ދޫކޮށްފައި ހުރި ނަމަވެސް އިންޑިއާއިން ބޭރަށް ދިއުމުގެ ހުއްދައެއް އޭނާ އަކަށް ނެތެވެ. އެހެންވެ އެ ފިލްމުގެ ބާކީ ހުރި މަންޒަރުތައް ވަނީ އިންޑިއާގައި ނަގާ ގޮތަށް ބަދަލުކޮށްފަ އެވެ.

"ރޭސް 3" ޝޫޓިން ނުނިމި އުޅެނިކޮށް ސަލްމާން އިއްޔެ ވަނީ އޭނާގެ އެންމެ އުންމީދީ ފިލްމު "ބާރަތު" ގެ ޝޫޓިން ވެސް ފަށާފަ އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ފެށިކަން އަލީ ވަނީ ކުރި ޓްވީޓެއްގައި ހާމަކޮށްފަ އެވެ.

ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ މި ފިލްމަކީ އޭނާ އާއި އަލީ އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ދެމީހުން އެންމެ ފުރަތަމަ އެކުގައި މަސައްކަތްކުރީ 2016 ވަނަ އަހަރު ނިކުތް "ސުލްތާން" ގަ އެވެ. އޭގެފަހުން މަސައްކަތްކުރި ދެވަނަ ފިލްމަކީ މިދިޔަ އަހަރު އެންމެ ކާމިޔާބު ފިލްމު "ޓައިގާ ޒިންދާހޭ" އެވެ.

ދެހާސް ސާދަ ވަނަ އަހަރު ނިކުތް ސައުތް ކޮރެއާގެ ފިލްމު "އޯޑް ޓު މައި ފާދާ" ގެ އަސްލަކަށް އުފައްދާ "ބާރަތު" ގައި ސަލްމާން ފެނިގެންދާނީ ވަރަށް ތަފާތު ސިފަތަކެއްގަ އެވެ. ފުރާވަރު ޒުވާނެއްގެ ރޯލުން ފެށިގެން އުމުރުން ދުވަސްވާ މީހެއްގެ ރޯލުތައް އޭނާ ކުޅޭނެ ކަމަށްވެ އެވެ.

ސަލްމާނާ އެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިޔަކު އަދި ހަމަޖައްސާފައެއް ނުވެ އެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅި ކަމުގެ ވާހަކަތައް ވެސް ދެކެވުނެވެ. ނަމަވެސް އޭނާ ފިލްމު ކުޅެން އެއްބަސްނުވުމުން، ސަލްމާނާ އެކު ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.

މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.