ހަބަރު

"އެކްސޮޑަސް" ރާއްޖޭގައި މަނާކޮށްފި

ރިޑްލީ ސްކޮޓް ޑައިރެކްޓްކޮށް ކްރިސްޓިއަން ބޭލް ލީޑް ރޯލު ކުޅެފައިވާ އިނގިރޭސި ފިލްމު "އެކްސޮޑަސް: ގޯޑްސް އެންޑް ކިންގްސް" ރާއްޖޭގައި މަނާކޮށްފި އެވެ.

ފިލްމުތަކަށް ފެހި ސިގްނަލް ދޭ މައި އިދާރާ، ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މޫސާގެ ފާނަށް ނިސްބަތްކޮށް އެކަލޭގެ ފާނަށް ފުރައްސާރަކޮށްފައިވާ ފިލްމެއް ކަމަށެވެ. އެހެންކަމުން އިސްލާމް ދީނާ ޚިލާފު ފިލްމަކަށް މި ފިލްމު ވާތީ، "ރާއްޖެ ގެނައުން މަނާ އެއްޗެއްގެ ގޮތުގައި" ގާނޫނަކުން ކަނޑައެޅި "ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ" ގަވާއިދާއި "ގިންތި ކަނޑައެޅުމުމާއި ދަރަޖަ ކުރުމުގެ" ގަވާއިދުގެ ދަށުން ފިލްމު މަނާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި ފިލްމު ރާއްޖޭގައި ވިއްކުމާއި ބެލުމާއި އެއްވެސް ގޮތަކަށް ބްރޯޑްކާސްޓްކުރުން އަދި މީހަކަށް ދެއްކުން ވެސް މި ވަނީ މަނާވެފަ އެވެ.

ފިލްމުގައި ދައްކުވައި ދެނީ މޫސާގެފާނުގެ މަޝްހޫރު ވާހަކަ އެވެ. ނަމަވެސް ކްލެސިފިކޭޝަން ބިއުރޯގެ ބަޔާނުގައިވާ ގޮތުން ފިލްމުގެ މޫސާގެފާނުގެ ވާހަކަ ކިޔައި ދީފައި ވަނީ ގުރުއާނާއި ހަދީސުތަކުން އިސްލާމީ ދުނިޔެ އަށް އެ ވާހަކަ އައިސްފައިވާ ގޮތާ މުޅިން ތަފާތު ގޮތަކަށެވެ.

އެގޮތުން އުނިއިތުރުތަކާ އެކު މުޅި ވާހަކަ އަކީ ހިޔާލީ ވާހަކައަކަށް އަދި މާތް ރަސްކަލާގެ ދެއްކެވި އެންމެ އަޖައިބުކުރުވަނިވި މުއުޖިޒާތްތައް ވެސް ވަނީ ހިޔާލީ ކަންތައްތަކެއްގެ ގޮތުގައި ސިފަކޮށްދީފަ އެވެ.

ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ބުނެ ޔަހޫދީންނާއި ނަސޯރާއިންގެ ފާޑުކިޔުންތައް ވެސް ވަނީ މި ފިލްމަށް އަމާޒުވެފަ އެވެ.

މި ފިލްމު އެމެރިކާގައި ޕްރިމިއާކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ބޮކްސް އޮފީސް ޕާފޯމެންސަށް ބަލާއިރު ފިލްމު ވަނީ ވިޔަފާރީގެ ގޮތުން ފްލޮޕްވެފަ އެވެ.

ފިލްމުގެ ބަޖެޓް 140 މިލިއަން ޑޮލަރަށް އަރާއިރު މިހާތަނަށް ލިބިފައި ވަނީ 100 މިލިއަން ޑޮލަރެވެ.