ހަބަރު

15 މިލިއަން ޑޮލަރުގެ ބަދަލު އާބިޓްރޭޝަން އިން ޖީއެމްއާރަށް ނަގައެއް ނުދިން

Apr 17, 2018
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި އިތުރު، 15 މިލިއަން ޑޮލަރު ހޯދަން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފި އެވެ.

ޖީއެމްއާރު ކުންފުނިން ވަނީ 271 މިލިއަން ޑޮލަރުގެ އިތުރުން، އިތުރު 15 މިލިއަން ޑޮލަރު ހޯދަން އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެކޮޅަށް ހުށަހަޅާފަ އެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ޖީއެމްއާރުން ހުށަހެޅި ބަދަލު ނަގައި ދެވެން ނެތް ކަމަށް ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ވެލާނާ އެއާޕޯޓްގެ އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ޖީއެމްއާރަށް އިތުރު ދައުވާއެއް ނުކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 25 އަހަރަށް ރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރު ކުންފުންޏަށް ދޭން އެއްބަސްވުން ގާއިމްކުރީ 2009 ވަނަ އަހަރު އެވެ. އަދި މި އެއްބަސްވުން އުވައިލީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން 2012 ވަނަ އަހަރު އެވެ. އަދި މިއާއެކު ޖީއެމްއާރުން ވަނީ ބަދަލުގެ ގޮތުގައި 800 މިލިއަން ޑޮލަރު ހޯދަން ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ގޮސްފަ އެވެ. ނަމަވެސް އާބިޓްރޭޝަނުން ކަނޑައަޅާފައިވަނީ 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ނަގައި ދިނުމަށެވެ. އަދި މި ފައިސާ ސަރުކާރުން ދައްކާފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފައިސާ ދެއްކީ އެމްއޭސީއެލްއިން ދައުލަތުގެ އެމްއޭއިން ބޮންޑެއް ގަނެގެންނާއި އެ ކުންފުނީގެ ބަޖެޓުންނެވެ.