އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހު ރަޝިއާގައި ފަށާ ވޯލްޑްކަޕްގެ މެޗްތައް ދެއްކުމަށް ގައުމީ ޓީވީން ގެނެސްދޭ ވޯލްޑްކަޕް ކަވަރޭޖްގެ ސްޕޮންސަރެއްގެ ގޮތުގައި ރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވޯލްޑްކަޕް މެޗްތައް މުޅި ރާއްޖެއަށް ދެއްކުމުގެ ލައިސެންސް ދީފައި ވަނީ ޕީއެސްއެމް އަށެވެ. ޕީއެސްއެމްގެ ޓީވީއެމުންނާއި ޔެސް ޓީވީން، ވޯލްޑްކަޕުގެ މެޗުތައް ވަގުތުން ދުރައް ދައްކާނެ އެވެ. ވޯލްޑްކަޕާ ގުޅުންހުރި ކަވަރޭޖްތައް ޕީއެސްއެމްގެ އެހެން މީޑިއަމްތަކުން ގެނެސް ދޭނެ އެވެ. ޕީއެސްއެމުން ދަނީ ވޯލްޑްކަޕް ދެއްކުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.
މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވޯލްޑްކަޕް ކަވަރޭޖްގެ ޕަވާޑް ސްޕޮންސަރަކަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.
ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖްގައި ސްޕޮންސާ އެގްރިމަންޓްގައި ސޮއިކުރެއްވުމަށް ފަހު ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދިވެހިންގެ އެންމެ މަގުބޫލް ކުޅިވަރު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ގެނެސްދިނުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
"ދިވެހިންގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ މަޤްބޫލް ކުޅިވަރު ފުޓްބޯޅައަކީ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދިރާގުގެ ކަސްޓަމަރުންނަށް، ޕީއެސްއެމްގެ ކަސްޓަމަރުންނަށް، ދިވެހި ރައްޔިތުންނަށް ގެނެސްދެއްވުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް. އެފުރުޞަތު ދެއްވީތީ ޕީއެސްއެމްއަށް ޝުކުރު ދަންނަވަން،" ދިރާގުގެ ސީއީއޯ ވިދާޅުވިއެވެ.
އެ ހަފްލާގައި ޕީއެސްއެމްގެ އެމްޑީ ހަލީލް ވިދާޅުވީ، ދިރާގާއި ޕީއެސްއެމްއަކީ އަބަދުވެސް ވަރަށް ކައިރިން މަސައްކަތް ކުރާ ދެ ކުންފުނި ކަމަށާއި، ދިރާގުން ޕީއެސްއެމްގެ ވަރލްޑްކަޕް ކަވަރޭޖްގައި ބައިވެރުވުމުން އިތުރު ހިތްވަރެއް ލިބޭކަމަށެވެ. އަދި މިފަހަރުގެ ކަވަރޭޖް ވެގެންދާނީ އެންމެ ފުރިހަމަ ކަވަރޭޖަށްކަން ފާހަގަ ކުރައްވަމުން ހަލީލް ވިދާޅުވީ ކަވަރޭޖްގައި ތަފާތު ޝައުގުވެރި ބައިތަކެއް ހިމެނޭނެ ކަމަށެވެ. ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖަށް ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދެއްވުމަށް ހަލީލް އެދިވަޑައިގެންނެވި އެވެ.
" ތަފާތު ބައިތަކެއް ކަވަރޭޖްގައި ހިމެނޭނެ. ޢާއްމުންގެ ބައިވެރިވުން އިތުރުކުރެވޭނެ،" ހަލީލް ވިދާޅުވި އެވެ.