ހަބަރު

ޖަލުގައި ގައިދީން މަރާކަމަށް މަހުލޫފް ބުނި މައްސަލައިގެ ޝަރީއަތް ފަށަނީ

މާފުށި ޖަލުގައި ގައިދީން މަރަނީ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް ތާވަލްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރި ޓްވީޓާއި ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތައާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ. މަހްލޫފްގެ މައްޗަށް އުފުލާފައިވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާއަށް މިހާރު ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހު 20 ވަނަ ދުވަހު މަހުލޫފް ކޮށްފައިވާ ޓްވީޓްގައި ވަނީ، ގައިދީން ޖަލުގައި މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ބޭސް ފަރުވާ ނުދީ މަރަނީ ކަމަށެވެ. އަދި ވިދާޅުވީ، އަހަރެއް ތެރޭގައި 10 ގައިދީން މަރުވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެއީ ސީރިއަސް ކަމެއް ކަމަށެވެ.

އޭގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން އުފުލަންޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވިއިރު ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކުރެވުނު އަދަދު ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުލޫފް ކުރެއްވި ޓްވީޓް

މަހުލޫފްގެ މައްޗަށް މިހާރުވެސް ވަނީ ގިނަ ދައުވާތަކެއް އުފުލާަ އެވެ. އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ، އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އޭނާ މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިންނަށް މާސްކް ބެހި މައްސަލައާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ ގުޅޭގޮތުން މަހްލޫފް ކުރެއްވި ޓްވީޓެއްގެ މައްސަލައިގަވެސް ދައުވާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.