ކުޅިވަރު

ބީއެމްއެލް ކިޑްސް ރަން އަންނަ މަހު 5ގައި

Apr 21, 2018

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން 2018" އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓީއެފްޖީގެ ސީއީއޯ ޒިނާން ވިދާޅުވީ ވައު ކިޑްސް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި އަހަރު 900 ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަންގެ މަގުސަދަކީ ބެލެނިވެރިންނާއެކު ދުވެލަން ކުދިންނަށް ފުރުސަތު ލިބުން. މަޖާ ހަރަކާތެއްގެ ގޮތުގައި މިކަން ކުރިއަށްދާނީ،" ޒިނާން ވިދާޅުވި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ފަތިހު ދުވުން އޮންނާނީ މާލޭގަ އެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓީއެފްޖީގެ ސައިޓް 3000 ޓީއެފްޖީ ޑޮޓްކޮމްއިން ބައިވެރިވެވޭނެ އެވެ. މިގޮތުން ބައިވެރިވާން މީހުންނަށް އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ ފުރުސަތު ވެސް މި ސައިޓުން ލިބޭނެ އެވެ. މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ދައްކާ ރެޖިސްޓްރޭޝަން ފީގެ 15 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރަން ޓީއެފްޖީ އިން ވަނީ ނިންމާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މި އަހަރުގެ ދުވުމަށް ހާއްސަކޮށް، ފަންޑް ރެއިޒް ކުރެވޭނެ ވެބްސައިޓެއް ވެސް ފަރުމާ ކޮށްފަ އެވެ. މިގޮތުން ކޮންމެ ކުއްޖަކު ވެސް 2،000ރ. އާ ހަމަ އަށް ފަންޑް ރެއިޒްކުރެވޭނެ އެވެ.

ބީއެމްއެލްއިން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން މިފަދަ ގިނަ ހަރަކާތަކެއްގައި ބައިވެރިވަމުންނެވެ.