ހަބަރު

ހުޅުމާލެ އަށް ގެންދިޔައީ އާލިފްގެ ކާރެއްކަން ހެކިވެރިންނަކަށް ނޭނގެ

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލާގައި ދައުވާ ލިބޭ އަހުމަދު އާލިފް ރައޫފްގެ ކާރެއް ހުޅުމާލެ އަށް ގެންދިޔަކަން ނޭނގޭ ކަމަށް ދެމީހަކު މިއަދު ކޯޓުގައި ހެކިބަސް ދީފި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު މި ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ވަނީ ނޫރައްދީނާއި އާލިފް، ހުޅުމާލޭގައި ރިލްވާން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ހެކިބަސް ނަގާފައިވަނީ ރިލްވާން އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ރަތް ކާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަަށް ގެންދިޔަ ފަރާތުގެ ހެކިބަހެވެ. އޭނާ އަކީ އާންމު ގޮތެއްގައި ވިޔަފާރި އުސޫލުން ދޯނި ކުއްޔަށް ހިފައިގެން ކާރު ގެންގޮސްދޭ ފަރާތެކެވެ. ހެކިވެރިޔާ ބުނީ، އާލިފް އާއި ނޫރައްދީން ކޮންމެސް ވަރަކަށް ދަންނަ ކަމަށެވެ. ނޫރައްދީން ދަންނަނީ ހެކިވެރިޔާ ހުޅުމާލެއަށް ބަދަލުވި ފަހުން ކަމަށާއި ނަމަވެސް އޭނާއަކީ ގާތް ރަހުމަތްތެރިއެއް ނޫން ކަމަށެވެ. އަދި އާާލިފް އަކީ ދެކެފަރިތަ މީހެއް ކަމަށާއި ނަމަވެސް އެހާ ރަނގަޅަށް އޭނާވެސް ނުދަންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދައުލަތުން ވަނީ، ވަނަމަކަށް އައްކޮ ކިޔާ މީހަކު ދަންނަންތޯ އާއި އައްކޮ ބުނެގެން ކާރެއް ހުޅުމާލެ އިން މާލެ އަށް ގެންދިޔަތޯ ސުވާލުކޮށްފަ އެވެ. ހެކިވެރިޔާ ވަނީ އައްކޮ ދަންނަ ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. އަދި އައްކޮ ބުނެގެން މާލެ އިން ހުޅުމާލެ އަށް ކާރެއް ގެންގޮސްފައިވާނެ ކަމަށާއި ނަމަވެސް އެއީ ކޮން ކުލައިގެ ކާރެއް ކަމެއް ނުވަތަ ގެންދިޔަ ތާރީހު ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި މާލެ އިން ހުޅުމާލެ އަށް ގެންދިޔަ ކާރު ހުޅުމާލެ އިން މާލެ އަށް އައްކޮ ބުނެގެން ވެސް ގެނެސް ދިނީ އޭނާ ކަމަށް ކޯޓުގައި ވަނީ ހެކިބަސް ދީފަ އެވެ.

އޭނާ ބުނީ، ތަންކޮޅެއް ކުރިން ނޫރައްދީން ކާރެއް ގެންގުޅުނު ކަމަށާއި އެއީ ރީންދޫ ކުލައިގެ ކާރެއް ކަމަށެވެ. ނަމަވެސް ފަހުން އެހެން މީހެއްގެ ކާރެއް ދުއްވަނިކޮށް ފެނިފައިނުވާ ކަމަށާއި އަދި އެހެން މީހެއްގެ ކާރެއް ނޫރައްދީން ދުއްވި ކަމެއްވެސް ނޭނގޭ ކަމަށެވެ.

ދެވަނަ އަށް ހެކިބަސް ނަގާފައިވަނީ ފުރަތަމަ ހެކިވެރިޔާ ގާތު ކާރެއް މާލެ އިން ހުޅުމާލެއަށް ގެންދަން ބުނި އައްކޮގެ އެވެ. އޭނާ ބުނީ އެދެމީހުންވެސް ދަންނަ ކަމަށާއި ނަމަވެސް އެ ދެ މީހުންނާއި އެހާ ގާތް ރައްޓެހިކަމެއް ނޯންނަ ކަމަށެވެ. އޭނާ ބުނީ، އާލިފް ކާރެއް ގެންގުޅޭކަން ނޭންގޭ ކަމަށެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގައި ވަނީ އާލިފް ގެންގުޅޭ ރަތް ކާރެއް މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް ގެންދިޔަ ދޯނީގެ ކައްޕީންގެ ހެކިބަސް ނަގާފަ އެވެ. އޭގެ ތެރެއިން އެއްވެސް ފަރާތަކަށް ހުޅުމާލެ އަށް ގެންދިޔައީ އާލިފްގެ ކާރެއްކަން ޔަގީން ކަމާއެކު އެއްވެސް ފަރާތަކަށް ބުނެދެވިފައެއް ނުވެ އެވެ.

އެމައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާއަށްވެސް ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން މާދަމާ އޮތީ ދައުލަތުން ހުށަހަޅާ ސިއްރު ހެއްކެއްގެ ހެކިބަސް ނެގުމެވެ.

ރިލްވާން ރަހީނު ކުރިކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ 29 ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިއްރު ހަ ހެކިވެރިން ހިމެނެ އެވެ. މީގެއިތުރުން ރިލްވާންގެ މަންމަ އައިމިނަތު އީސާ އާއި، ރިލްވާންގެ ތިން ބޭބެއަކާއި ހަތަރު ދައްތައެއް ހެކިވެރިންގެ ގޮތުގައި ހިމެނެ އެވެ. އާއިލާގެ މެންބަރުންގެ ތެރެއިން ރިލްވާން ބޭބެ، މޫސާ ރިލްވާންގެ ހެކިބަސް ނެގުމާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމުމަށް ފަހު އެވެ.