ބޮލީވުޑް

ސަންޖޭއާއެކު މާދުރީ "ކަލަންކް" ކުޅެނީ ޝަރުތަކާއެކު!

Apr 24, 2018

މަޝްހޫރު ދެތަރިން ކަމަށްވާ ސަންޖޭ ދަތާއި މާދުރީ ޑިކްޝިޓާކީ ނުވަދިހައިގެ ކުރީކޮޅު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑެވެ. ފިލްމުތަކުން މި ދެތަރިންގެ ފަރާތުން ފެނުނު ޖާދުވީ ކެމިސްޓްރީގެ އަވާގައި އެތަކެއް ހާސް ބަޔަކު ޖެއްސުވިއިރު، މި ދެތަރިންގެ މެދުގައި ވަރުގަދަ އޮފް ސްކްރީން ކެމިސްޓްރީއެއް ވެސް އޮތެވެ. އޭރު ކައިވެންޏެއް ކޮށް، ދަރިޔަކު ވެސް ހުރި ސަންޖޭ އާއި މާދުރީގެ ލޯބީގެ މާތަށް ފިލްމުތަކުގެ ސެޓުގައި ދިޔައީ ފޮޅެމުންނެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ގުޅުން ނިމުމަކަށް އައީ މަސްތުވާތަކެތީގެ ޝިކާރައަކަށް ސަންޖޭވެ، މާދުރީގެ އާއިލާ މީހުން އެ ގުޅުމާ ނުރުހެން ފެށުމުންނެވެ.

އެކުގައި ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މާދުރީ އާއި ސަންޖޭގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައި ފަހުން ވެސް މި ދެތަރިން ލައްވާ ފިލްމު ކުޅުވަން އެދެމުން އައި ޑައިރެކްޓަރުން މަދެއްނުވި އެވެ. ސަންޖޭ އާއި މާދުރީގެ ކުޅަދާނަ ޖޯޑު ވިހި އަހަރު ފަހުން ސްކްރީނަށް އަންނަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ މެގަ ސްޓާކާސްޓް ފިލްމު "ކަލަންކް" އިންނެވެ.

ކުރިން ޒާތީ ދިރިއުޅުމުގައި މި ދެތަރިންގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ދެން ދުވަހަކު ވެސް އެކުގައި ފިލްމެއް ނުކުޅޭނެކަން އޮތީ ޔަގީން ވާވަރަށް ކަށަވަރުވެފަ އެވެ. ނަމަވެސް "ކަލަންކް" ގެ ލީޑް ބަތަލާގެ ރޯލު ކުޅެން ހަމަޖެއްސި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ކުއްލި މަރާ އެކު، ގާތްްރަހުމަތްތެރިޔާގެ ހައްގުގައި އެ ރޯލު އަދާކުރަން މާދުރީ ވަގުތުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އޭނާ މި ރޯލު ކުޅެން އެއްބަސްވި އެންމެ ބޮޑު އެއްސަބަބަކީ ސަންޖޭ އާއެކު ވަކިން ސްރީން ޝެއާކުރަންޖެހޭ އެންމެ ފުރުސަތެއް ވެސް ނެތުމެވެ.

މާދުރީ މި ފިލްމު ކުޅެން އެއްބަސް ކުރުވަން ފިލްމުގެ ޑައިރެކްޓަރު ވަނީ އޭނާ އެދިގެން ބައެއް ބަދަލު ފިލްމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި އޭނާ އާއި ސަންޖޭ އެކުގައި ކުޅޭ މަންޒަރުތައް މަދު ކުރުން ހިމެނެ އެވެ.

ކުރިން ވަރުގަދަ ކެމިސްޓްރީ ދެއްކުވި ސަންޖޭ އާއި މާދުރީގެ ދެމެދުގައި މިހާރު ހުރި ނުތަނަވަސްކަމުގެ ސަބަބުން ވަރުގަދަ މި ފިލްމުގައި މިދެތަރިންގެ ޖާދޫވީ މަންޒަރުތަކެއް ފެނުމަކީ ވަރަށް ދުރުގައި އޮތް ކަމެކެވެ.

"2 ސްޓޭޓްސް" ގެ ޑައިރެކްޓަރު އަބީޝެކް ވަރްމަން ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑްރޯލުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސޮނާކްޝީ ސިންހާ އާއި އަދިތްޔަ ރޯއި ކަޕޫރު ހިމެނެ އެވެ. އަދި މެހެމާނެއްގެ ރޯލުން އަރްޖުން ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

ބިޔަ ސެޓެއްގައި މި މަހުގެ 18 ވަނަ ދުވަހު ޝޫޓިން ފަށާފައިވާ "ކަލަންކް" އަކީޕްރޮޑިއުސަރު ކަރަންގެ ބައްޕަ މީގެ ފަނަރަ އަހަރު ކުރިން އުފެއްދުމުގެ މަސައްކަތަށް ތައްޔާރުވަމުން އައި ފިލްމެކެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތް އޮތީ އޭނަގެ ބައްޕަ 2004 ވަނަ އަހަރު މަރުވުމުން ހުއްޓިފަ އެވެ. މި ފިލްމަކީ މީގެކުޔރިން މީޑިއާގައި "ޝިއްދަތު" ގެ ނަމުގައި ރިޕޯޓްކުރަމުން ދިޔަ ފިލްމެވެ.

އަންނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ މި ފިލްމަކީ ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ދަރްމާ ޕްރޮޑަކްޝަންގެ ފިލްމެއް މާދުރީ ކުޅޭ ފުރަތަމަ ފަހަރެވެ.