ބޭރު ކުޅިވަރު

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމު ސަލާހުއަށް

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލްގެ މިސްރު ފީވާޑް މުހައްމަދު ސަލާހް ކާމިޔާބުކޮށްފި އެވެ. އަހަރުގެ ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެންޗެސްޓާ ސިޓީގެ ލިއޮރޭ ސާނޭ އެވެ.

ސަލާހް މިމަގާމު ހޯދީ މެންޗެސްޓާ ސިޓީގެ ކެވިން ޑެބްރުން، ލިއޮރޭ ސާނޭ، ޑޭވިޑް ސިލްވާގެ އިތުރުން ޓޮޓެންހަމްގެ ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ އާއި ވާދަކޮށްގެންނެވެ.

ސަލާހު ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 31 ގޯލް ޖަހާފަ އެވެ. އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިން ތެރެއިން އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާ އެވެ.

އިޓަލީގެ ރޯމާއިން 34 މިލިއަން ޕައުންޑައް ލިވަޕޫލް އާއި ގުޅުނު ސަލާހު ވަނީ ނުވަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑައް ސަލާހު އާއި އެންމެ ކާރިން ވާދަކުރީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފިލްޑަރު ކެވިން ޑެބްރުން އެވެ. ލީގު ޗެމްޕިއަންކަން ސިޓީ ހޯދުމުގައި ޑެބްރުންގެ ދައުރު ވަރަށް ބޮޑެވެ. ޑެބްރުން ވަނީ ލީގުގައި މިހާތަނަށް 15 އެސިސްޓްކޮށްދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 104 ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑް ކާމިޔާބުކުރުމަށްފަހު ވާހަކަ ދައްކަމުން ސަލާހު ބުނެފައިވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. "މިއީ ވަރަށް ބޮޑު ޝަރަފެއް. އަހަރެން މިހިރީ ވަރަށް އުފާވެފަ އަދި އެހާމެ ފަހުރުވެރިވެފަ" ސަލާހު ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސަލާހު ބުނީ ޗެލްސީގައި އޭނާއަށް ކުޅެލުމުގެ ފުރުސަތު ނުލިބޭ ކަމަށާއި އެހެންކަމުން އަލުން އިނގިރޭސިވިލާތަށް އެނބުރި އައިސް އެނާގެ ކުޅުން ދައްކާލެވުމުން ވަރަށް އުފާވާކަމަށެވެ.