ކަލިދޫ ކުލިބަލީ މެޗުގެ ފަހު ވަގުތ ބޮލުން ވައްދާލި ގޯލާއެކު ސެރިއާ އެއްވަނަ މަގާމުގައި އޮތް ޔުވެންޓަސް އާއި ދެވަނަ މަގާމުގައި އޮތް ނަޕޮލީ އާއި ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަވެއްޖެ އެވެ.
އިޓާލިއަން ސެރިއާގައި ބާކީ ހަތަރު މެޗަށް ވެފައި ވަނިކޮށް ޔުވެންޓަސް ބަލިވުމުން ލީގު މިވަނީ ވަރަށް ފޯރިގަދަ ވެފަ އެވެ. ޔުވެންޓަސް ކޮޕާ އިޓާލިއާ ފައިނަލުގައި އެސި މިލާން އާއި ވަދަކުރުމުގެ އިތުރުން އެޓީމު ލީގުގައި ރޯމާ އަދި އިންޓަ މިލާން އާއި ވާދަކުރަން ޖެހެ އެވެ. އަނެއްކޮޅުން ނަޕޮލީއަށް ކުރިއަށް އޮތީ ޓޮރީނޯ، ސަމްޕްޑޯރިއާ އަދި ކްރޮޓޯނޭ އާއި ވާދަކުރަން ޖެހޭ މެޗުތަކެވެ.
ނަޕޮލީގެ ވަރުގަދަ އެޓޭކުތައް ހުއްޓުވަން ޔުވެންޓަސްއަށް ވަރުގަދަ ޑިފެންސް ލައިނެއް ބޭނުންވި އެވެ. ނަމަވެސް މެޗުގެ ކުރީ ކޮޅު ކިއެލީނީއަށް އަނިޔާވެ އޭނާ ބާލުވަން ޖެހުނެވެ. މިބަދަލާއެކުވެސް ވަރުގަދައަށް ޑިފެންސް ކުރަމުން އައި ޔުވެންޓަސްއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.
ހިލޭ ޖެހުމަކުން ޕިއާނިޗް ފޮނުވާލި ބޯޅަ އަމާޒުވީ ނަޕޮލީ ގޯލް ދަނޑިއަށެވެ. މިއީ މުޅި މެޗުގައިވެސް ޔުވެންޓަސްއަށް ފޮނުވާލެވުމަ ހަމައެކި ހަމަލާ އެވެ.
މެޗުގެ ގިނަ ވަގުތ ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަޕޮލީ ފުރަތަމަ ހާފު ނިމެން ކާރިވެފައި ވަނިކޮށް ގޯލެއް ޖެހި އެވެ. ނަމަވެސް ލޮރެންޒޯ އިންސިންއޭ އެބޯޅަ ގޯލަށް ވައްދާލީ އޮފްސައިޑް މަގާމެއްގައި ހުރެ އެވެ.
ފުރަތަމ ހާފް އާއި އެއްގޮތަކަށް ދެވަނަ ހާފުގައި ނަޕޮލީ ދިޔައީ ވަރުގަދަ އެޓޭކިން ފުޓުބޯޅައެއް ކުޅެމުންނެވެ. ހުއްޓުމެއް ނެތި އެޓޭކަކަށް ފަހު އެޓޭކެއް އުފައްދަމުންނެވެ. މެޗުގެ 88 ވަނަ މިނިޓަށް އަޅާލިއިރު ނަޕޮލީ ވަނީ 14 ހަމަލާ އުފައްދައި 7 ހަމަލާ ޔުވެންޓަސްގެ ގޯލާ އަމާޒުކޮށްފަ އެވެ.
މެޗުގެ 88 ވަނަ މިނިޓުގައި ނަޕޮލީއަށް ލިބުނު ކޯނަރަކުން ހޯސޭ ކަޔެހޯން ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ބޮލުން ވައްދާލީ ސެނެގާލް ޑިފެންޑަރު ކަލިދޫ ކުލިބާލީ އެވެ.