ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް މި ވަގުތު ބޮޑު މެޗަކަށް ނުކުންނަ ވަރަށްވުރެ ދަށް ކަމަށާއި ތައްޔާރާތީތައް ފަށަން ޖެހެނީ "ސުމަކުން" ކަމަށް ގައުމީ ޓީމުގެ ކޯޗު ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމާއެކު ދެކުނު ކޮރެއާ އަށް ޓްރެއިނިން ކޭމްޕެއްގައި ރޭ ފުރުމުގެ ކުރިން، ޕޮޕޯފް ބުނީ ކުޅުންތެރިންގެ ފިޓްނަސް މިހާރު ހުރި ފެންވަރުގެ ސަަބަބުން "މި ފަށަން ޖެހެނީ އެންމެ ބޭސިކުން" ކަމަށެވެ.
"ތެދުތެދަށް ބުނަންޏާ މި ވަގުތު ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ހުރީ ބޮޑު މެޗަކަށް ނުކުންނަ ފެންވަރަށްވުރެ ދަށްކޮށް. އަަހަރެމެން މި ފަށަން ޖެހެނީ ސުމަކުން. ބޭސިކުން މިހާރު މި ފަށަން ޖެހެނީ،" ޕޮޕޯފް ބުންޏެވެ. "މިހާރު ހުރި ފެންވަރުގައި އަހަރެމެން މި މެޗުތަކަށް ކުރިމަތިލައިފި ނަަމަ، އަހަރެމެންނަށް މާ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ. މި އޮތް ވަގުތުގެ ބޭނުންކޮށްގެން އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން މިކަން ރަނގަޅުކުރަން."
ޕޮޕޯފް ބުނީ ފެންވަރު ރަނގަޅު ކުރުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.
"ކުޅުންތެރިންނަށް ކުރެވެން އޮތް ހުރިހާ ކަމެއް އެބަކުރޭ މި ކަންތައް ރަނގަޅުކުރަން. އަހަރެން ކުޅުންތެރިން ގޯހެއް ނުކުރާނަން. މިއީ ކުޅުންތެރިންގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ނޫން،" ޕޮޕޯފް ބުންޏެވެ.
ދެކުނު ކޮރެއާގައި ރާއްޖޭގެ ގައުމީ ޓީމުގެ ދިހަ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާނެ އެވެ. މި ކޭމްޕްގައި ދެކުނު ކޮރެއާގެ ކްލަބަކާ ދެކޮޅަށް ގައުމީ ޓީމުން އެކުވެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ.
ޕޮޕޯފް ބުނީ ދެކުނު ކޮރެއާގައި ކޭމްޕްކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"ދެކުނު ކޮރެއާ އަކީ ކޭމްޕެއް ކުރަން ވަރަށް ރަނގަޅު ގައުމެއް. ވަރަށް ރަނގަޅު ފެސިލިޓީޒްތައް ދެކުނު ކޮރެއާގައި އެބަހުރި. އެހެންވީމަ އަހަރެމެންނަށް ފައިދާކުރާނެ،" ޕޮޕޯފް ބުންޏެވެ.
އަނިޔާގެ ސަބަބުން ރޭ ދެކުނު ކޮރެއާ އަށް ރޭ ފުރި ގައުމީ ޓީމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޑިފެންޑަރު ސަމްދޫހު މުހައްމަދު ނުދެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުުކުންނާނީ ގަަތަރާ ދެކޮޅަށެވެ.