ހަބަރު

މޫދަށް ގެއްލުނު އެއްކުއްޖެއްގެ ސޯޓް ގޮނޑުދޮށުން ފެނިއްޖެ

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދީންގެ ތެރެއިން އެެއް ކުއްޖަކު ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދާ ދެކުދީންގެ ތެރެއިން އެއް ކުއްޖެއްގެ ސޯޓް ކަމަށް ބެލެވޭ ސޯޓެއް ހިތަދޫ ފްލަޓްތަކާއި ދިމާލުން ގޮނޑުދޮށުން ފެނިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފެނިފައިވާ ސޯޓަކީ ގެއްލިގެން ހޯދަމުންދާ ހިތަދޫ، ޗަނބޭލީގެ އަލީ ފަހުމީ އެ ދުވަހު ލައިގެން ހުރި ސޯޓެވެ.

މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އުމުރުން 14 އަހަރުގެ މަޔާމިން އަލީ އެވެ. އެދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ނެވެ.

އެދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އިއްޔެ ވަނީ އޭގެ ތެރެއިން އެއް ކުއްޖަކު ލައިގެން ހުރި ކަމަށް ބެލެވޭ ޓީޝާޓެއް ވެސް ފެނިފަ އެވެ.

އެ ތިން ކުދީންގެ ތެރެއިން ސަލާމަތްވެފައިވަނީ ހިތަދޫ ބްލޫގޭ އުމުރުން 16 އަހަރުގެ އަލީ ރާއިފް އެވެ. އޭނާ ސަލާމަތް ކޮށްދީފައިވަނީ ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީ އެވެ. އޭނާ އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ.