ހަބަރު

ޔާމީންގެ މަރުގެ ޝަރީއަތް ހުޅުވަން ގޮވާލައި އަޑުއުފުލައިފި

މީގެ އެއް އަހަރު ކުރިން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް ހުޅުވާލުމަށާއި އޭނާއަށް އިންސާފު ހޯދުމަށް ގޮވާލައި މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ. އެ ހިނގާލުމަކީ ޔާމީންގެ އާއިލާ އާއި ރަހުމަތްތެރިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

ޔާމީން ރަޝީދުގެ މަންމަ އާއި ބައްޕަ ވެސް ބައިވެރިވި ހިނގާލުމުގައި އެންމެ ބޮޑަށް ގޮވާލާފައިވަނީ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާ މީހުންގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ. އެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަކީ އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ހަވީރު ރަސްފަނުން ފެށި ހިނގާލުމަށް މާވެޔޮ މަގާ ހިސާބުން ފުލުހުން ހުރަސް އަޅަން މަސައްކަތް ކުރި އެވެ. ހިނގާލުމަށް ފުލުހުން ހުރަސް އެޅުމުން ހިނގާލުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވެ އެވެ. އެކަމުގެ ތެރެއިން އެމްޑީޕީ ޔޫތް ވިންގްގެ ރައީސް މީކާއިލް ނަސީމާއި އޭނާގެ މަންމަ މަރިޔަމް ޒުބެއިރު ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރުކުރި އެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ދެ މީހުން ދޫކޮށްލި އެވެ.

ފުލުހުންގެ ހުރަސްތަކާއެކު ވެސް ހިނގާލުން ކުރިއަށް ގެންދިޔަ އެވެ. އާޓިފިޝަލް ބީޗަށް ހިނގާލުމުގެ ބައިވެރިން ގޮސް އެ ތަނުގައި އިހްތިޖާޖު ވެސް ކޮށްފައިވެ އެވެ. އެ ތަނުގައި ކުރިއަށް ދިޔަ އިހްތިޖާޖުގައި ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ޔާމީންއަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ޔާމީނަށް އިންސާފު ބޭނުންވާ ކަމަށާއި އެކަމުގައި އެންމެ މުހިންމު ކަމަކީ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިޔުން ކަމަށެވެ.

މިދިޔަ އަހަރުގެ 23 އޭޕްރީލްގައި ޔާމީންގެ ގައިގެ އެތައް ތަނަކަށް ގިނަ ހަމަލާތަކެއްދީ އޭނާ މަރާލާފައިވަނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ ގޭގެ ސިޑި ކައިރިންނެވެ. އެ މައްސަލާގައި އޭނާއަށް ފަރާލީ މީހުން ވެސް ހިމެނޭ ގޮތަށް އަށް މީހަކު ހައްޔަރުކުރި އެވެ. ދައުވާކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ.