ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޔާމީނާއި ރިލްވާން މަރާލި މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފި

Aug 1, 2022

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައާއި ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މިއަދު ބުނީ ރިލްވާނާއި ޔާމީން މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަހުގީގުކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ތިން މީހަކަށް ދައުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށް ޕީޖީ އޮފީހަށް މައްސަލަތައް ހުށަހަޅާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

ދައުލަތުން ދައުވާކުރަނީ މ.ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލްގެ އިތުރުން ދަފްތަރު ނަންބަރު 8499، އަހްމަދު މުއާޒުގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށްވެސް 1990 ވަނަ އަހަރު އަމަލުކުރަން ފެށި އެކަމަކު މިހާރު އުވާލާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާކޮށްފައިވެ އެވެ. އަދި 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމު މަނާކުރުމުގެ ގާނޫނުގެ ދަށުން އިސްމާއީލް އަބްދުއްރަހީމް އާދަމާއި، އަހްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާވެސް ކޮށްފައިވެ އެވެ.

އިސްމާއީލް އަބްދުއްރަހީމް އާދަމުގެ މައްޗަށް 1990 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި އިސްމާއީލް އަބްދުއްރަހީމ،ް ރިލްވާނަށް ފާރަލައި، ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ އެވެ.

އިސްމާއީލް އަބްދުއްރަހީމް އާދަމުގެ މައްޗަށް 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޔާމީން ރަޝީދުގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމް ދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ އޭޕްރީލް 23، 2017 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލުމަށްޓަކައި އޭނާއަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީ އެވެ.

އަހްމަދު އިސްމާއީލްގެ މައްޗަށް 1990 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަހްމަދު އިސްމާއީލް އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، އޯގަސްޓް 8، 2014 ވަނަ ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ އެވެ.

އަހްމަދު އިސްމާއީލްގެ މައްޗަށް 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އޭޕްރީލް 23، 2017 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީނަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އޭނާ އެހީތެރިވެދީފައިވާތީ އެވެ.

އަހްމަދު މުއާޒުގެ މައްޗަށް 1990 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، މުއާޒު އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ އެވެ.

ރިލްވާނާއި ޔާމީން މަރާލުމާ ގުޅިގެން ދައުލަތުން މިއަދު ދައުވާކުރި ތިން މީހުންގެ ޝަރީއަތް ނިމެންދެން އެމީހުން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އަމުރުކުރުމާ ގުޅިގެން ތިން މީހުންވެސް ތިބީ ޖަލުގަ އެވެ.

ރިލްވާން ރަހީންކޮށް ގެއްލުވާލުމުގެ ކުށުގައި ދައުލަތުން މީގެކުރިން ދައުވާ އުފުލީ ގ. ހިލްޓަން، އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކުރުމުން އެ މީހުން މިނިވަންވީ އޮގަސްޓް 2، 2018 ގައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން މީގެކުރިން އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް މިދިޔަ ޖެނުއަރީ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެމީހުން މެރުމަށް ހުކުމް ކުރުމުގެ ބަދަލުގައި އުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރީ ޔާމީންގެ މަންމަ -- މަރިޔަމް ޝަފީގާ ގިސޯސް ހިފަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ މަރުގެ ދިޔަ ކަމަށް ކޯޓުގައި ބުނުމުންނެވެ. ނަމަވެސް ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނީ ގިސޯސް ހިފަން ބޭނުންވާ ކަމަށެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތުން ވާރިސުންގެ ތެރެއިން އެކަކު ދެކޮޅު ހެދި ނަމަވެސް ގާތިލްގެ މައްޗަށް މަރުގެ ހުކުމެއް ނުއިއްވޭނެ އެވެ.

އެހެންކަމުން މި މައްސަލައިގައި ހައިޝަމާއި ޒިހާންގެ މައްޗަށް ގާޒީ ކަނޑައެޅީ ގާނޫނީ އަދަބެކެވެ. އެއީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށްލުމާ އެކު މަރުގެ ދިޔަ އަށް 1.3 މިލިއަން ރުފިޔާ ދެއްކުމެވެ.
ހައިޝަމާއި ޒިހާންގެ އިއްވި 25 އަހަރުގެ ޖަލުހުކުމުން އެމީހުން އެހާތަނަށް ބަންދުގައި ތިބި މުއްދަތު ވަނީ އުނިކޮށްފަ އެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 11 ދުވަހެވެ. އެހެންވެ ހުކުމް ކުރި ދުވަހުން ފެށިގެން އެ މީހުން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި މީހަކު މެރުމުގެ ދައުވާ އިން ސަލާމަތްވި ހަތަރު މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ހަސަން ޝިފާޒާއި ހުސައިން ޒިހާންގެ މައްސަލަ އިސްތިއުނާފް ކުރެވޭ ވަރަށް ހެކި ނެތުމުން އެ މީހުންގެ ބައި އިސްތިއުނާފް ނުކުރާ ކަމަށްވެސް ދައުލަތުން ކުރިން ބުނެފައިވެ އެވެ.