ވިޔަފާރި

އޭޝިއާގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް ޖަނާ

އޭޝިއާގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް (އިފަޕްކާ) ރައީސަކަށް ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު (ޖަނާ) އައްޔަން ކުރާނެކަން އެ ޖަމިއްޔާ އިން ރޭ ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އިފަޕްކާ އިން މިކަން އިއުލާނު ކުރީ އެ ޖަމިއްޔާގެ ރައީސް މެލޭޝިޔާގެ ދާތުކް މެތިއު ތީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތު "ހޮޓެލް ޖެން" ގައި ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގަ އެވެ.

އިފަޕްކާގެ ރައީސްގެ ޝަރަފުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބޭއްވި މި ހަފުލާގައި ވާހަކަ ދައްކަވަމުން އިފަޕްކާގެ ރައީސް ދާތުކް މެތިއު ވިދާޅުވީ މި އަހަރު މެލޭޝިޔާގައި ބާއްވާ އެ ޖަމިއްޔާގެ 44 ވަނަ ކޮންވެންޝަންގައި ރާއްޖޭގެ ޖަނާހު އެ ޖަމިއްޔާގެ ރައީސްގެ މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައި ގަންނަވާނެ ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބިގެންދާނެ ޝަރަފެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"މި އަހަރުގެ ނޮވެމްބަރު މަހު މެލޭޝިޔާގައި ބާއްވާ ކޮންވެންޝަންގައި މި މަގާމު ހަވާލު ވެގެންދާނެ އުންމީދު ކުރަނީ ރާއްޖޭން ބޮޑު ވަފުދެއް މި އަހަރު ވެސް ބައިވެރިވާނެ ކަމަށް،" އިފަޕްކާގެ 44 ވަނަ ރައީސް، ދާތުކް މެތިއު ވިދާޅުވި އެވެ.

މަސީގެ ރައީސްކަން ވެސް ގިނަ އަހަރު ތަކެއް ވަންދެން ކުރައްވާފައިވާ ޖަނާހު މިހާރު ވެސް ހުންނެވީ، އިފަޕްކާގެ ފުރަތަމަ ނައިބް ރައީސްގެ މަގާމުގަ އެވެ. ޖަނާހުގެ އިތުރުން މި ޖަމިއްޔާގެ ބޯޑުގައި އެލިއާ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރެއް ކަމަށްވާ އަލާއު އަލީ އާއި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ، އަބްދުﷲ މުހައްމަދު ވެސް ހިމެނި ވަޑައި ގަންނަވަ އެވެ.

މެތިއު ވިދާޅުވީ ރާއްޖެއަށް ކުރި ޒިޔާރާތުގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދިޔައީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ. އަދި ރާއްޖޭގައި މެލޭޝިޔާގެ ވިޔަފާރިތައް އިންވެސްޓް ކުރާ އަދަދު އިތުރުވަމުން އަންނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރިސޯޓް ކޮންސްޓްރަކްޝަންގެ ގިނަ މަޝްރޫއުތަކެއް ހިންގާ، ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން ޖަނާހު ރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަނީ އިގްތިސާދީ ބޮޑު ބަދަލަކާ ދިމާލަށް ކަމަށެވެ. މިގޮތުން މި ޒައާމަތުގައި އިމާރާތް ކުރުމުގެ ސިނާއަތަށް ބޮޑު ކުރި އެރުމެއް ލިބިގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖުގެ މަޝްރޫއާއި ބަނދަރުތަކާއި ހައުސިން ފަދަ ގިނަ މަޝްރޫއުތަކެއް މިދަނީ ކުރިއަށް. އިމާރާތް ކުރުމުގެ ދާއިރާއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި،" ޖަނާހު ވިދާޅުވި އެވެ.

އިފަޕްކާ އުފެދިފައިވަނީ 1956 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ގުޅިގެންނެވެ. ފުރަތަމަ މި ޖަމިއްޔާގެ މެންބަރުގެ ގޮތުގައި އަށް ގައުމެއް ތިބިނަމަވެސް މިހާރު މި ޖަމިއްޔާގެ މެންބަރުންގެ އަދަދު ވަނީ 19 އަށް އިތުރުވެފަ އެވެ. މެންބަރުންގެ ގޮތުގައި ޗައިނާ އާއި އިންޑިޔާ އަދި ސިންގަޕޫރު ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ.