ހަބަރު

އުއްތަމަ ފަނޑިޔާރާ ދެކޮޅު ހެކީ ގޮތު މައްސަލަ ބައްލަވާ ގާޒީގެ އަމުރެއް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތު ކުރުމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ޝަހީދު ނެރުއްވާފައިވާ އަމުރެއް ދައުލަތުން ހުށަހަޅައިފި އެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލާގެ ޝަރީއަތުގައި ދައުލަތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެކެވެ. މި ދައުވާއަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ކުރާ ދައުވާއެކެވެ.

ސިއްރު ހެކިން ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ނުފޫޒު ފޯރުވާފައިވާކަން ސާބިތުކުރުމަށެވެ. އޭގެ އިތުރުން ކޯޓު އަމުރުތައް ހުށަހަޅާފައިވަނީ އެއީ އެ ދެ ބޭފުޅުންގެ ނުފޫޒުން ކޮށްފައިވާ ކަންކަން ސާބިތުކުރުމަށެވެ.

ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ކޯޓު އަމުރުތަކުގެ ތެރޭގައި އެ މައްސަލަ ބައްލަވާ ގާޒީ ޝަހީދު ނެރުއްވާފައިވާ އަމުރެއް ވެސް ހިމެނެ އެވެ. އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވަނީ ޝަރީއަތުގައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެކަމުގައި މަސްލަހަތު ފުށު އެރުމެއް ނެތް ކަމަށް ވަނީ ނިންމާފަ އެވެ.

މި މައްސަލަ ވަނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ގާޒީ ކަނޑުއަޅުއްވާފަ އެވެ. އަދި މިއަދުގެ 12:00ގެ ކުރިން ދިފާއީ ހެކިން ހާމަކުރުމަށް ވަނީ އަންގާފަ އެވެ. އަދި، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަން ވަނީ އަންގާފަ އެވެ.

މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ދެ ބޭފުޅުންގެ މައްޗަށް ކުރާއިރު ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.