ހަބަރު

މަޖީދިއްޔާގެ ކިޔެވުން ނުފެށިފައި، މިނިސްޓްރީން މައްސަލަ ބަލަނީ

މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކާ މާރާމާރީ ހިންގި ކަމަށް ބުނެ ސަސްޕެންޑް ކުރި މައްސަލައެއްގައި ޓީޗަރު ސަސްޕެންޑް ކުރުމުން އެ ސްކޫލްގެ ޓީޗަރުން މިއަދު ވަނީ ކިޔަވައިދިނުން ހުއްޓާލައި އިހުތިޖާޖުކޮށްފަ އެވެ. މިއަދު ހެނދުނު ދަންފަޅީގައި ކުދިން ސްކޫލަށް ދިޔަ ނަމަވެސް ކިޔަވައެއް ނުދެ އެވެ.

މަޖީދިއްޔާ ސްކޫލުގެ ލީޑިން ޓީޗަރަކު މިއަދު "އަވަސް" އަށް ވިދާޅުވީ، މައްސަލަ އަދިވެސް މުޅިން ހައްލުވެ ސްކޫލްގެ ކިޔަވައިދިނުން އަދިވެސް ނުފަށާ ކަމަށެވެ. ހެނދުނު ދަންފަޅި ނިމުމަކާ ގާތްވެފައިވާއިރު އިހުތިޖާޖްކުރަމުންދާ އެއްވެސް ޓީޗަރަކު ކްލާހެއްގައި ކިޔަވައި ނުދޭ ކަމަށާއި އެ މައްސަލަ ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމަކުން ސްކޫލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"މިއަދުގެ ހެނދުނު ދަންފަޅި މި ނިމުނީ. އަދިވެސް ކިޔަވައިދިނުން ނުފެށޭ އަޅުގަނޑަށް އެނގިގެނެއް. ޓީޗަރުން ތިބީ ހާދިސާއާ ގުޅިގެން ކަންބޮޑުވެފަ،" ލީޑިން ޓީޗަރު ވިދާޅުވި އެވެ. "އަވަސް" ގެ ނޫސްވެރިން ވެސް މަޖީދިއްޔާ ސްކޫލަށް ދިޔައިރު މަތީ ސާނަވީ ކްލާސްތަކުގައި ކިޔަވައެއް ނުދެ އެވެ. މަޖީދިއްޔާ ބޭރުގައި ތިބި ބައެއް ޓީޗަރުން ބުނީ، މައްސަލަ އަދި ހައްލު ނުވާ ކަމަށާއި މައްސަލަ ހައްލު ނުވާ ނަމަ މާދަމާ ވެސް އިހުތިޖާޖު ކުރަން ޖެހިދާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މައްސަލަ ހައްލު ކުރަން މިނިސްޓްރީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓީޗަރަކާ ދަރިވަރަކާ ދެމެދު މާރާމާރީ ހިނގިކަމަށް ބުނަނީ، މުދައްރިސްއަކު ކްލާހެއްގައި ކިޔަވައިދެމުންދަނިކޮށް އެހެން ކްލާހެއްގެ ދަރިވަރަކު އެ ކުލާހަށް ވަންނަ އުޅުމުން ޓީޗަރު އެ ދަރިވަރު ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގަ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ކުއްޖާ މުދައްރިސް ގައިގާ ތަޅައިގަންނަން އުޅުމުން ދިފާއުގައި މުދައްރިސް ކުއްޖާގެ ގައިގައި ހިފައި ކޮށްޕާލިކަމަށް ވެ އެވެ. އެ މައްސަލަ އޮފީހާ ހަމައަށް ދިއުމުން މުދައްރިސް ކުއްވެރިކޮށް ސަސްޕެންޑް ކުރީ އެވެ. ކުއްޖާއާ މެދު ފިޔަވަޅު އެޅިކަމެއް އެނގިފައެއް ނުވެ އެވެ.

ޓީޗަރު ސަސްޕެންޑު ކުރި މައްސަލާގައި އެހެން ޓީޗަރުންގެ ކަންބޮޑުވުމަކީ ކިޔަވައި ދެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުވެފައި ނެތުމެވެ. އެ މައްސަލާގައި ދަރިވަރަށް ފިޔަވަޅު އެޅިކަމެއް ވެސް އަދި އެނގިފައެއް ނެތެވެ.