ހަބަރު

ގެނބުނު ކުއްޖާ ސަލާމަތްކޮށްދިން ހަސަނަށް ކައުންސިލުން ހަދާނީ ލިޔުމެއް ދީފި

އައްޑޫ ސިޓީ ހިތަދޫގައި ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށް އެތަނުން އެއްކުއްޖަކު ސަލާމަތްކޮށްދިން ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީއަށް އައްޑޫ ސިޓީ ކައުންސިލުން އެވޯޑެއް ދީފި އެވެ.

ބްލޫ ރޯޒް ހަސަން ދީދީ އަށް އެވޯޑެއް ދިނީ އިންސާނިއްޔަތަށްޓަކައި އޭނާ ކޮށްދިން ހެޔޮކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އޭނާއާ އެވޯޑު ހަވާލުކޮށްދެއްވީ އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅުނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެ އިތުރުން 16 އަހަރުގެ އަލީ ރާއިފް އެވެ. އެ ތިން ކުދިން މޫދަށް އެރި އުޅެނިކޮށް އޮއެވަރުގައި ޖެހި ފެތެމުންދަނިކޮށް އެހީއަށް އެދި ހަޅޭއްލަވަމުން ދިޔަ ތިން ފެނި ކުދިން ސަލާމަތްކުރަން މޫދަށް ފުންމާލި ހަސަން ދީދީ އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ވެސް ނުދެއްކޭ މީހެކެވެ. އެދުވަހު ތިން ކުދިންގެ ތެރެއިން ހަސަން ދީދީއަށް ސަލާމަތްކުރެވުނީ އަލީ ރާއިފް އެކަންޏެވެ. އަނެއް ދެ ކުދިން އަދިވެސް ނުފެނެ އެވެ.

ތިން ކުދިން ފެތެމުންދިޔަ މަންޒަރު ފެނިގެން ކުދިން ސަލާމަތްކުރަން ހަސަންދީދީ ފުންމާލި މަންޒަރު ދުށް މީހަކު އެ ހާދިސާ ސިފަކޮށްދެމުން ބުނީ، ތިން ކުދިން މޫދަށް އެރި އުޅެނިކޮށް އޮޔެ ގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި ހަޅޭލެވި ވަގުތު ގޮނޑުދޮށުގައި ތިބީ އެ ރަށުގެ ދެތިން އަންހެން ވެރިއެއް ކަމަށެވެ. ދެން ހުރީ ހަސަން ދީދީ ކަމަށެވެ. ގޮނޑުދޮށުގައި ހުރި ހަސަން ދީދީއަށް އެ ކުދިން އެހީއަށް އެދި ގޮވަމުން ދިޔަ މަންޒަރު ފެނުމާ އެކު މޫދަށް ފުންމާލާ ގޮނޑުދޮށާ އެންމެ ކައިރިއަށް އެވަގުތު އޮތް ކުއްޖާ އޭނާ ސަލާމަތްކުރި ކަމަށާއި ނަމަވެސް އޭރު އަނެއް ދެކުދިން ލޮލަށް ފެންނަ ހިސާބެއްގައި ނެތް ކަމަށެވެ.

އެ ހާދިސާގައި ގެއްލުނު ކުދިން ހޯދަން ސިފައިން ވަނީ ބޮޑު ސާޗް އޮޕަރޭޝަނެއް ފަށާފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއިން ކުއްޖެއްގެ ހިލަމެއް ނުވެ އެވެ.