ހަބަރު

ސަސްޕެންޑް ކުރި ޓީޗަރު ވަޒީފާއިން ކެނޑިގެން ފުރައިފި

ދަރިވަރަކާ މެދު މާރާމާރީ ހިނގި ކަމަށް ބުނެ ސަސްޕެންޑް ކުރި މަޖީދިއްޔާ ސްކޫލްގެ ޓީޗަރު ވަޒީފާއިން ކެނޑިގެން އޭނާގެ އަމިއްލަ ގައުމަށް މިއަދު ފުރައިފި އެވެ.

މަޖީދިއްޔާ ސްކޫލުން ސަސްޕެންޑް ކުރި އެ ޓީޗަރަކީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 9،10 އަކަށް ހިސާބު ކިޔަވައިދޭ ފިރިހެން ޓީޗަރެކެވެ.

މަޖީދިއްޔާ ސްކޫލުން "އަވަސް" އަށް މައުލޫމާތު ދެއްވި ލީޑިން ޓީޗަރަކު މިއަދު ވިދާޅުވީ ހިސާބު މުދައްރިސް ރާއްޖެ ދޫކޮށް ދިއުމަށް ފުރާފައިވާ ކަމަށެވެ. އޭނާއާ އެކު ހަމަ އެ ސްކޫލްގައި ކިޔަވައިދޭ އޭނާގެ އަންހެނުންވެސް ވަޒީފާ ދޫކޮށް ދިޔަ ކަމަށެވެ.

ބެލެވޭ ގޮތުގައި އެ ދެ ޓީޗަރުން ވަޒީފާއިން ކެނޑިގެން ދިޔައީ އެ ހާދިސާއާ ގުޅިގެން ގްރޫޕަކުން އިންޒާރު ދޭތީ މާލޭގައި މަސައްކަތް ކުރާނެ ރައްކާތެރި މާހައުލެއް ނެތުމުގެ ސަބަބުންނެވެ. އަދި އެ ދެމަފިރިން ފުރާފައިވަނީ މައްސަލައާ ގުޅޭގޮތުން އިތުރަށް ކަންކަން އޮޅުންފިލުވަން އެޑިއުކޭޝަނުންވެސް އެ ޓީޗަރަށް އަންގާފައިވަނިކޮށެވެ.

އެ ސްކޫލްގެ އެހެން ޓީޗަރަކު ބުނީ އެ މައްސަލާގައި ޝާމިލުވާ ދަރިވަރު ވަނީ އެ ޓީޗަރު ހުންނަ ގެ ކައިރިއަށް ގޮސް ޓީޗަރަށް ހަމަލާ ދިނުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

ޓީޗަރަކާ ދަރިވަރަކާ ދެމެދު މާރާމާރީ ހިނގިކަމަށް ބުނަނީ، މުދައްރިސްއަކު ކްލާހެއްގައި ކިޔަވައިދެމުންދަނިކޮށް އެހެން ކްލާހެއްގެ ދަރިވަރަކު އެ ކުލާހަށް ވަންނަ އުޅުމުން ޓީޗަރު އެ ދަރިވަރު ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގަ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ކުއްޖާ މުދައްރިސް ގައިގާ ތަޅައިގަންނަން އުޅުމުން ދިފާއުގައި މުދައްރިސް ކުއްޖާގެ ގައިގައި ހިފައި ކޮށްޕާލިކަމަށް ވެ އެވެ. އެ މައްސަލަ އޮފީހާ ހަމައަށް ދިއުމުން މުދައްރިސް ކުއްވެރިކޮށް ސަސްޕެންޑް ކުރީ އެވެ. ކުއްޖާއާ މެދު ފިޔަވަޅު އެޅިކަމެއް އެނގިފައެއް ނުވެ އެވެ.

މި މައްސަލާގައި މިއަދު މަޖީދިއްޔާ ސްކޫލްގެ ހެނދުނު ދަންފަޅީގައި ކުދިން ސްކޫލަށް ދިޔަ ނަމަވެސް އެއްވެސް މުދައްރިސަކު ކިޔަވައެއް ނުދެ އެވެ.

ޓީޗަރު ސަސްޕެންޑު ކުރި މައްސަލާގައި އެހެން ޓީޗަރުންގެ ކަންބޮޑުވުމަކީ ކިޔަވައި ދެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުވެފައި ނެތުމެވެ. އެ މައްސަލާގައި ދަރިވަރަށް ފިޔަވަޅު އެޅިކަމެއް ވެސް އަދި އެނގިފައެއް ނެތެވެ.