ހަބަރު

ދެ ކުދިން ހޯދުމަށް ރޮބޮޓް ބޭނުންކުރަން ފަށައިފި

މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވާ ހިތަދޫގެ ދެކުދިން ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބޮޓް ބޭނުންކޮށްގެންނާއި ކަނޑުގެ އަޑި ބަލާފައިވާ ކަމަށާއި ނަމަވެސް ދެ ކުދިންގެ ނިޝާނެއް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު އެކުވެރި ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށް ދެ ކުއްޖަކު ގެންބިގެން ގެއްލިފައިވާއިރު، ސިފައިން ގެންދަނީ ހުއްޓުމެއްނެތި އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ވައިގެ މަގުންނާއި ކަނޑުމަގުން ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި އެމްއެންޑީއެފުން ކުރަމުންދާއިރު އަދި މިހާތަނަށް ފެނުނީ އެތަކުން އެއް ކުއްޖަކު ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓެކެވެ. އެމްއެންޑީއެފުން ވަނީ ކުދިން ގެއްލުނު ސަރަހައްދުން ފެށިގެން ތިން ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ގެއްލިގެން އުޅޭ ކުދިން ހޯދުމުގައި ޑައިވިން ރޮބޮޓް ބޭނުންކޮށްގެން ވަނީ ކަނޑުގެ އަޑި ބަލާފަ ކަމަށެވެ. އަދި ވައިގެ މަގުން ހެލިކޮޕްޓަރުގެ އެހީގައިވެސް ބަލާފައިވާ ކަމަށައި އޮހުރި ގޮތް ބަލައިގެން ކަނޑުގެ އަޑި ބެލުމަށް ވެސް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދަށް އެރި އުޅުނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެ އިތުރުން 16 އަހަރުގެ އަލީ ރާއިފް އެވެ. އެތަނުން ގެއްލިފައިވަނީ އަލީ ފަހުމީ އާއި މަޔާމިން އެވެ.