ހަބަރު

މަހުލޫފްގެ "ޓްވީޓް ކޭސް"ގައި ހިމެނޭ ދެ ވަކީލުން އެ މައްސަލައިން ވަކިކޮށްފި

މާފުށި ޖަލުގައި ގައިދީން މަރަނީ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ވަކާލާތު ނުކުރެވޭ ގޮތަށް މަހުލޫފްގެ ވަކީލް ނާޒިމް އަބްދުލް ސައްތާރު ކުރިމިނަލް ކޯޓުން ސަސްޕެންޑްކޮށްފައިވާތީ އެ މައްސަލާގައި ދެން ތިއްބެވި ދެ ވަކީލުން ވެސް އެ މައްސަލައިން ވަކިކޮށްފި އެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތުގައި ވަކީލް ނާޒިމަށް ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވަނީ މިއަދު އެވެ. ނާޒިމް ސައްތާރު ސަސްޕެންޑްކޮށްފައިވަނީ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމަށްފަހު އޭނާ ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގެ ސަބަބުން މައްސަލައާމެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދި، ކޯޓުގެ ހުރުމަތް ކެނޑޭ ކަމަށް މައްސަލަ ބެލުމަށް ނާޒިމަށް ފޮނުވި އެންގުމުގައި ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވެފައިވެ އެވެ. އެހެންވެ އެ މައްސަލައިން ނާޒިމް ސަސްޕެންޑްކޮށްފައިވާކަން ވަނީ އަންގާފަ އެވެ.

މިވަގުތު ގޭ ބަންދުގައި ހުންނެވި މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައްސަލާގައި ދެން ތިއްބެވި ވަކީލް އަފީފްއާއި ހަސަން އެ މައްސަލައިން ވަކިކޮށްފައިވަނީ ދެ ވަކީލުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި ކަމަށެވެ.

މަހުލޫފްގެ މި މައްސަލައަކީ ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ކޮށްފައިވާ ދައުވާއެއްގެ މައްސަލައެވެ. އޭނާ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި އިއްޔެ ގާޒީ އަލީ އާދަމް ވަނީ ކަނޑުއަޅުއްވާފަ އެވެ. ނާޒިމް ޓްވީޓްކޮށް ފާޑުވިދާޅުވީ އެކަމަށެވެ.