ރިޕޯޓް

ކަނޑު އަޑީގެ ގެ: ޓޫރިޒަމްގެ އާ ޒަމާން!

Apr 25, 2018
3

ނަވާރަ ސަތޭކަ ހަތް ދިހައިގެ އަހަރުތަކުގައި ރާއްޖެ އަށް ފުރަތަމަ ޓޫރިސްޓުން އައުންވީ، ދުނިޔޭގެ މަލާމާތް ލިބުނު ކަމަށެވެ. އޭރު ދިވެހިންނާ ދިމާލަށް ބުނަމުން ދިޔައީ ތިޔަކަމެއް ނުވާނެ އެވެ. ރާއްޖެއަކު ޓޫރިޒަމް ފައްކާއެއް ނުކުރެވޭނެ އެވެ. ތިޔަ ނޫން އެހެން ކަމެއް ކުރެވޭތޯ ބަލާށެވެ. އެކަމަކު، އެ ދުވަސްވަރު މި މަސައްކަތުގައި ދެމިތިއްބެވި މަދު ބޭފުޅުންކޮޅު ކަރު އެލުވައިލީއެއް ނޫނެވެ. އޭގެ 44 ފަހުން މިއަދުގެ މަންޒަރު ބަދަލު ވެއްޖެ އެވެ. ދިވެހި ޓޫރިޒަމް ސާޅީސް ހަތަރު އަހަރު ފަހަނަ އަޅައި ދިޔައިރު މިއަދު ދުނިޔޭގައި ރާއްޖެއަކީ ބްރޭންޑެވެ. "ދިވެހިރާއްޖެ" އަކީ މަރުކާ އެެވެ.

ރާއްޖޭގެ ގޮނޑުދޮށްތަކުގައި އަޅަމުން ދިޔަ "ބީޗް" ކޮޓަރިތައް ބަދަލުކޮށް، ދެން ފެނުނީ މޫދު ކޮޓަރި ތަކެވެ. މި ވެސް ވީ ދުނިޔެ އަށް އޭރު މުޅިން އާ ކަމަށެވެ. އެތަށް މިލިއަން ބަޔަކު އާޝޯހުކުރުވި ކަމަށެވެ. ތިމާވެށީގެ ނާޒުކު، ރާއްޖޭގެ ފަރުތަކުގެ ރީތި މަންޒަރުތައް ކޮޓަރީގެ އެނދުމަތީގައި އޮވެގެން ފެންނަ ގޮތަށް އޭރު އެޅި މި ތަންތަނުގައި ރާއްޖެ އަންނަ ޓޫރިސްޓުން ކިތަންމެ އިރަކު ވެސް ކޮސްވެފައި ބަލަން ތިބެ އެވެ. އޭގެ ފަހުން ޓޫރިޒަމްގެ ޕައިނިއައިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ވިސްނުން ފުޅަށް އައީ އަދި މާ މޮޅު ހިޔާލެކެވެ. އޭރު ދުނިޔޭގައި އެ ހިޔާލުނު ވެސް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރީތި ކަނޑުތަކާއި ފައިސާ އޮހޭ މަހުޖަނުން ބައިވަރު ތިއްބެވެ. އެކަނަކު މިއިން އެކެއްގެ ހިޔާލަށްވެސް މިކަން ރޭކާއެއް ނުލަ އެވެ. އެއީ، މޫދުގެ އަޑީގައި ހަމަޖެހިލައިގެން ކާން ތިބެވޭނެ ގޮތް ހެދުމެވެ. އެހެންވެ ދުނިޔޭގައި އޭރު ހުޅުވި މޫދު އަޑީގެ އެންމެ ފުރަތަމަ ރެސްޓޯރެންޓް ރާއްޖޭގެ ޓޫރިޒަމަށް ގެނެސްދިނެވެ.އެއީ 2004 ވަނަ ހުޅުވި "އިތާ" ރެސްޓޯރެންޓެވެ.

ދިވެހި ޓޫރިޒަމްގެ ބްރޭންޑެއްގެ ގޮތުގައި މަގުބޫލު، ރަންގަލި ރިސޯޓުގެ ފަޅުތެރޭގައި ހެދި މި ރެސްޓޯރެންޓާއެކު ދުނިޔޭގެ މީހުންގެ ލޯ ރާއްޖެ އަށް އަމާޒުވި އެވެ. މީރު ކާނާ ލިބޭ ރެސްޓޯރެންޓްތަކާއި މޮޅެތި ކައްކާ އިން ދުނިޔޭގެ އެކި ކަންކޮޅުގައި ތިއްބަސް، "އިތާ" ގައި ތިބެ ކާލަން އެތަށް ލައްކަ ބަޔަކު ދަތުރު ކުރި އެވެ. މިއާއެކު ދެން މި ރެސްޓޯރެންޓް ފަރުމާކޮށް، މުޖޫދަށް ގެނައި މުއްސަނދި ފިކުރުމުގެ ބޭފުޅުންގެ ސިކުނޑީގައި އެހެން ހިޔާލެއް ފައްކާ ކުރި އެވެ. އެއީ ކަނޑު އަޑީގައި ތިބެ ކައި ބޮއެ ހެދޭއިރު، އަރާމުކޮށް ނިދައި ނުލެވެންވީ ކީއް ވެގެން ހެއްޔެވެ؟

އެހެންވެ، ކަނޑުގެ އަޑީގައި މިހާރު އެ ވަނީ ގެއެއް އަޅަން ފަށާފަ އެވެ. "މުރަކަ" ގެ ނަމުގައި ހަދާ މި ރެޒިޑެންސް ވެގެން ދަނީ ދުނިޔޭގައި ވެސް މިގޮތަށް ހަދާ ފުރަތަމަ ތަނަށެވެ. މިތަން މި އަހަރު ހުޅުވާނެ އެވެ.

"އަޅުގަނޑުމެން އަންޑަ ވޯޓާ ރެސްޓޯރެންޓް [އިތާ] ހުޅުވުމަށްފަހު، އެ ހިސާބުން ފެށިގެން ދިރާސާތައް ފަށައިދިން ކަނޑު އަޑީގެ ވިލާ ތަކެއް ހަދަން،" ކަނޑު އަޑީގެ ގެ ހެދުމުގެ މަސައްކަތް ފެށި ހިސާބު، މި މަސައްކަތުގެ އިސް މޭސްތިރި ކަމަށްވާ، ކްރައުން ކުންފުނީގެ އެއް ހިއްސާދާރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

ސުވާލަކީ މި ތަން މިއީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލް ހެއްޔެވެ؟ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ވާހަކަ ދުނިޔޭގައި މި ވަނީ ގަދަވެފަ އެވެ. ކަނޑުގެ 16.4 ފޫޓު އަޑީގައި މިތަން ހެދިއަސް މިތަނުގެ ވާހަކަ އާއި ފޮޓޯތަށް ދައުރުވަނީ ދުނިޔޭގެ ފެންމަތީގަ އެވެ. އެ ނުފެންނަ މީހެއް މަދެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި "މުރަކަ" ހުޅުވުމާއެކު މި ފަދަ އިތުރު އިންވެސްޓްމަންޓްތަށް ރާއްޖޭގައި ފެނުމުގެ ފުރުސަތު ބޮޑެވެ. އަދި ބައެއް ރިސޯޓުތަކުގެ ކޮޓަރިތަކުގެ ބޮޑު ބައެއް ކަނޑުގެ އަޑީގައި އަޅާނެ ދުވަސް ވެސް އޮތީ މާކަ ދުރުގަ އެއް ނޫނެވެ.

"ބޭރުގެ މުއްސަނދި އެތަށް ބަޔަކު ރާއްޖޭގައި އެބަ އިންވެސްޓް ކުރޭ. ގައުމުތަކުގެ މުއްސަނދި މީހުންގެ ތެރޭގައި އެކެއް ދޭއް ތިނެއްގައި ގުނާލާ މީހުންގެ ވާހަކަ މި ދައްކަނީ. އެހެންވީމަ މި މީހުންނަށް މިއީ ފަސޭހަ ކަމެއް. އެހެންވެ ނުވާނެއެކޭ ނުބުނެވޭނެ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޓޫރިޒަމް ދާއިރާގެ އިސް ފަރާތެއް ވިދާޅުވި އެވެ.

"އެއްގޮ ތަކުން މިއީ މައްސަލައެއް ވެސް ނޫންކަން ނޭނގެ. އެކަމަކު މައްސަލަ ޖެހޭނީ ތިމާވެށީގެ އޭންގަލްއަކުން ވިސްނާނަމަ. މިހާރު މި ފެންނަނީ ފަޅުތައް ހިއްކާ ތަން. ކުރިއަށް އޮތްތަނުގައި ފަރުމަތީގައި ކޮޓަރި ހަދަން ފަށައިފިނަމަ އެ ވާނީ ބޮޑު މައްސަލަ އަކަށް."

ޓޫރިޒަމްގެ 44 އަހަރުވީއިރު، މި ވަނީ އާ ރަހަ ތަކެއް ދިވެހި ޓޫރިޒަމަށްވެސް ބޭނުންވެފަ އެވެ. އާ ހިޔާލުތަކާއެކު މުޅިން އާ ކޮންސެޕްޓް ތަކެއް ބޭނުންވެ އެވެ. އެކަމަށް އެންމެ ބޭނުންވި ވަގުތު މި ވަނީ ކަނޑު އަޑީގައި ގެ ވެސް އަޅަން ފަށާފަ އެވެ. ސުވާލަކީ މިއީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަށް ވެދާނެ ބާ އެވެ؟ އެކަން އެނގޭނީ އަދި ފަހުންނެވެ.