ހަބަރު

އެންޓި ޑިފެކްޝަން ގާނޫނަކުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭ: އިދިކޮޅު

ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ، އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން 12 މެންބަރުން ގެ ގޮނޑި ގެއްލޭނެ ޖގައެއް ނެތް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުން މިރޭ މ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިއަދު ސުޕްރީމްކޯޓުން ކުރި ހުކުމާ ގުޅިގެން ފާސްވި އެންޓި ޑިފެކްޝަން ގާނޫނާ މިހާރު ކޯޓުގައި އޮތް ބާރަ މެންބަރުންގެ ގޮނޑީގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އެ މެންބަރުންގެ މައްޗަށް މިއަދުގެ ހުކުމާއެކު ފާސްވެގެންދިޔަ ގާނޫނުން ބާރު ނުހިނގާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިއަދު ފާސްވި ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ގާނޫނުގައި ބުނެފައިވަނީ 13 ޖުލައި 2017 އިން ފެށިގެން ކަމަށެވެ. ނަމަވެސް ގޮނޑީގެ މައްސަލައާ ކުރިމަތިވެފައިވާ 12 މެންބަރުން ވަނީ މި ތާރީހަށްވުރެ މާކުރިން ޕީޕީއެމުން ކެނޑި، އެއާ ބެހޭ ލިޔުންތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި ކަމަށާއި އެހެންކަމުން މި ގާނޫނު އެ މެންބަރުންގެ މައްޗަށް އަމަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އަދި އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު ހުކުމުގައި ވެސް މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަަޑައަޅާފައި އޮތުމުން 12 މެންބަރުންނަކީ ސައްހަ މެންބަރުން ކަމާއި އެއިން މެންބަރުންގެ ގޮނޑި ނުގެއްލޭކަން ސާބިތުވާ ކަމަށް އިބޫ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ބަންޑާރަ ނައިބުގެ އެދިވަޑައިގަތުމަކަށް އެ ހުކުމް ވަނީ މިވަގުތަށް މަޑުޖައްސަވާލާފަ. އެހެންވީމަ ސުޕްރީމްކޯޓުން އެ މަޑުޖައްސާފައި އޮތް އޮތުމަށް ގޮތެއް ނުނިންމަނީސް މިކަމާ ދޭތެރޭގައި ގޮތެއް ނިންމޭކަށް ނެތް،" އިބޫ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިރޭ ވިދާޅުވީ، ސުޕްރީމްކޯޓުން ނިންމި ނިންމުމާ ގުޅިގެން 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން ދޭހަވާގޮތަށް ބައެއް މީޑިއާ ތަކުން ހަބަރު ފެތުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މިއަދުގެ ހުކުމުން 12 މެންބަރުންގެ ގޮނޑިއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ކުރާނެ އެއްވެސް ފުރުސަތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މާ ހިތްހަމަ ޖެހޭ ހުކުމަކަށް ނުވި ނަމަވެސް މުހިއްމު ކަންތައްތަކެއް އެ ކޯޓުން މިއަދު ފާހަގަކޮށްފައިވާކަން އަލީ ހުސައިން ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ އެއްވެސް ގާނޫނެއް މަޖިލީހުން ފާސްކުރަންޖެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 43 މެންބަރުން އެ ޖަލްސާގައި ހާޒިރުވެ ތިބެގެން ކަމަށް ބުނެފައި އޮތް އޮތުމާއި އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރެވިފައިވަނީ މި ބަޔާންކުރެވުނު 43 މެންބަރުން ތިބެގެން ނޫންކަމަށް ވާތީ އެއީ ގާނޫނު އަސާސީގައި ބަޔާންކުރާ ކޯރަމް އޮވެގެން ފާސްކުރި ގާނޫނެއް ނޫންކަމަށް މިއަދު ސުޕްރީމްކޯޓުން ފާހަގަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނަކީ ހަމައެކަނި ޓެކްސް އާ ބެހޭ ގާނޫނުތައް ނޫން ކަމާއި އަދި އޭގެ ތެރޭގައި ރައްޔިތުން އަމަލުކުރަންޖެހޭ ގާނޫނުތަކާ އަދި އިންކާރު ނުކުރެވޭނެ ގާނޫނުތަކާއި އަދި އެ ގާނޫނެއްގައި ލީގަލް ރޫލްސް ހިމެނޭ ގާނޫނުތަކާއި އަދި އެ ގާނޫނަކީ މުޖުތަމައުގައި ހިމެނޭ ފަރުދުންތަކަކާ އަމާޒުކުރެވިފައިވާ ގާނޫނެއް ކަމަށް ވިޔަސް އެއިން ކޮންމެ ގާނޫނަކަށް ވެސް ރައްޔިތުން އަމަލުކުރަންޖެހޭނެ ކަމަށާއި އަދި އެއިން ކޮންމެ ގާނޫނެއް ވެސް ފާސްކުރަންޖެހޭނީ ކޯރަމް ހަމަވެގެން ކަމަށް ވަރަށް ސާފުކޮށް ސުޕްރީމް ކޯޓުން މިއަދު ބަޔާންކޮށްފައިވާ ކަން ވެސް އަލީ ހުސައިން ވަނީ ފާހަގަކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލިސް އުވާލެވިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އަލީ ހުސައިން މިރޭ ވިދާޅުވީ، އަލީ ވިދާޅުވީ އެއްވެސް ހާލަތެއްގައި ރައީސުލް ޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލިސް އުވާލެވިދާނެ ކަމަށް ސުޕްރީމްކޯޓުން ބުނެފައި ނުވާ ކަމަށެވެ.

"ސުޕްރީމްކޯޓުން އެކަންކަން ބަޔާންކޮށްދެއްވަމުން މިސާލެއް ގޮތަށް ދެންނެވީ ޕާލިމެންޓްރީ ނިޒާމެއް އޮންނަ ގައުމުތަކުގަ ޕާލަމެންޓް ޑެޑްލޮކަކަށް ދާ ހާލަތެއްގައި އެގައުމުތަކުގައި ހުންނަ ދައުލަތުގެ ވެރިންނަށް އޮވެޔޭ މަޖިލިސް އުވާލުމުގެ ބާރު. އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު ލިބިދޭ ކަމަށް ސުޕްރީމް ކޯޓުން އެއްވެސް އިބާރާތަކުން ބުނެފައެއް ނުވޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުންކުރެ ބާރަކަށް ވާއިރު އެއް ބާރުން އަނެއް ބާރަށް އަރައިގަނެ ނުފޫޒު ހިންގާ ވެރިވެގަތުމުގެ އުސޫލު އޮވެގެން ނުވާނެ ކަމަށެވެ. އެންޓިޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފުވެވެން ނެތް ގާނޫނަކަށް ވުމުން ހިތާމަކުރާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމްކޯޓުން އެކަން އެގޮތަށް ނިންމާފައިވާތީ އެކަމަށް އިހުތިރާމްކުރާނެ ކަމަށެވެ.