މީގެ ކުރިން މާލެއަކީ ދިރުމެއް ނެތް ތޮއްޖެހިފައި އޮތް ތަނެއް ކަމަށް ގަބޫލުކުރެވުނަސް މިހާރު މާލެ އޮތީ އެހެން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ މާލޭގައި މިހާރު ބިމާއި ގާޖަ އެބައޮތް ކަމަށެވެ.
މި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ތަފްސީލީ ފޮތެއް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މާލެއިން 25 ބުރީގެ އިތުރު އިމާރާތްތައް ފެންނާނެ ކަމަށެވެ. އެއީ ޖާގަ އޮތުމުން ކަމަށާއި ޖާގައަކީ ތަސައްވުރަކާ އެކު މަސައްކަތް ކުރުމުން މާލެ ފަދަ ތަނަކަށް ހޯދޭނެ ހައްލެއް ކަމަށެވެ.
މީގެ ކުރިން މާލެ ކުލަކޮށްލުމުން ސިފަ ވަނީ ވައި ނުސާފުކުރާ ކުނިގޮނޑުތަކާއި ޓްރެފިކުން ތޮށްޖެހިފައިވާ މަގުތަކަކަށް ވިޔަސް މިހާރު އެ މަންޒަރު ބަދަލުވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މާލެއަށް ބަލައިލި ކޮންމެ ތަނަކުން ފެންނަނީ އިތުރުވާ ޕޮލިއުޝަނާއި ޓްރެފިކް، މި ކަންކަމަކީ ތަރައްގީއާ އެކު އަންނާނެ ގޮންޖެހުންތަކެއް. އެހެން ނަމަވެސް ތަރައްގީ ގެނައުމުގެ ތެރޭން ތަސައްވުރަކާ އެކު މިކަންކަން ހައްލުކުރަން ވެސް ގޮތްތަކެއް ހޯދެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ 25 ބުރީގެ އިމާރާތް ސަރުކާރުން މިހާޜު އަޅާފައިވާއިރު މާލޭގައި އިތުރު 25 ބުރީގެ އިމާރާތް އެޅުމުގެ ހުއްދަ ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ 2018 މި ރިޔާސީ އިންތިހާބާ އެކީ ﷲ ގެ ރަހުމަތުން 25 ބުރީގެ އެތައް އިމާރާތެއް ފެނިގެންދާނެ. އެއީ އެއަށް ޖާގަ އޮތީމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް އަންނަ ނަމަ އަންނަންޖެހޭނީ ތަސައްވުރަކާ އެކު ކަމަށެވެ. އެހެންކަމުން މާޅެއަކީ މުޅި ރާއްޖޭގެ އެންމެން ދިރިއުޅޭ ތަނަކަށް ވާއިރު މާލެ ތޮއްޖެހުމަށް ހައްލު ކުރުމަށް ވެސް ހައްލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މާލެއަށް ބޭނުންވާ ހައްލު އެނގިވަޑައިގަންނަވާ ކަމަށާއި މާލޭގެ މައްސަލަތަކަށް ފަރުވާއެއް އެބް އޮތް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.