ހަބަރު

ޓީޗަރު މާރާމާރީ ހިންގި ކަމެއް ސާބިތެއް ނުވޭ: މިނިސްޓްރީ

މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކާ މެދު މުދައްރިސަކު މާރާމާރީއެއް ހިނގިކަން މިނިސްޓްރީން މައްސަލަ ބެލި ބެލުމުން ސާބިތު ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މަޖީދިއްޔާގެ ދަރިވަރަކާ މުދައްރިސަކާ ދެމެދު މާރާމާރީއެއް ހިގައި އެ މައްސަލާގައި ހިމެނޭ މުދައްރިސް ސަސްޕެންޑްކުރުމުން އޭނާ ވަނީ ވަޒީފާއިން ކެނޑިގެން އެނބުރި ގައުމަށް ވެސް ގޮސްފަ އެވެ. އަދި އެ މައްސަލާގައި މުދައްރިސް އެކަނި ފިޔަވަޅު އެޅުމުން އެ ސްކޫލްގެ ސެކަންޑްރީ ގްރޭޑްތަކުގެ ޓީޗަރުން އިއްޔެ ވަނީ ކިޔަވައިދިނުން ހުއްޓާލައި ސްކޫލްގައި ހަމަހިމޭން ހަޅުތާލެއް ކޮށްފަ އެވެ.

މަޖީދިއްޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން އިއްޔެ ހުއްޓިފައި އޮތުމުން އެޑިއުކޭޝަންގެ ޓީމަކުން ވަނީ އެ ސްކޫލަށް ގޮސް މައްސަލަ ހިނގަން މެދުވެރިވި ގޮތް އޮޅުންފިލުވާފަ އެވެ. އަދި އެ މައްސަލާގެ ތެރޭގައި ހިމެނޭ އެކި ފަރާތްތަކާ ވާހަކަދައްކައި މައްސަލަ ތަހުގީގުކޮށް، އެޑިއުކޭޝަނުން ވަނީ ފައިނަލް ނިންމުން ވެސް ނިންމާފަ އެވެ.

އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެރެޓަރީ، މުހައްމަދު ސައީދް މިއަދު ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކާ މެދު މުދައްރިސް މާރާމާރީއެއް ހިނގިކަން އެ މައްސަލަ މިނިސްޓްރީން ބެލި ބެލުމުން ސާބިތު ނުވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ ހުރިހާ މީހުންނާ މަޝްވަރާކޮށް ވާހަކަދެއްކި ކަމަށް ސައީދު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ މުދައްރިސް ސަސްޕެންޑް ކުރީ މާރާމާރީއެއް ހިންގިކަން ސާބިތުވާތީ ނޫން ކަމަށެވެ. އެއީ އެފަދަ މައްސަލައެއް ހުށަހެޅިފައި އޮތުމުން އެކަން ބަލައި ނިމެންދެން މުދައްރިސަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ދަރިވަރަށް އެފަދަ ފިޔަވަޅެއް އެޅިކަމަށް ވިދާޅެއް ނުވެ އެވެ.

"ބަލާ މައްސަލަތަކުގައި ފިޔަވަޅު އަޅާ މީހުންނާއި އަޅާ ފިޔަވަޅުތަކަކީ އަޅުގަނޑުމެން ހާމަކުރާ ކަންކަމެއް ނޫން. އެފަރާތްތަކުގެ ވެސް ހައްގުތަކެއް އޮންނާތީ އެގޮތަށް އަމަލުކުރަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގަ މިނިސްޓްރީގެ ނިންމުން މިހާރު ސްކޫލަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ޓީޗަރަކާ ދަރިވަރަކާ ދެމެދު މާރާމާރީ ހިނގިކަމަށް ބުނަނީ، މުދައްރިސްއަކު ކްލާހެއްގައި ކިޔަވައިދެމުންދަނިކޮށް އެހެން ކްލާހެއްގެ ދަރިވަރަކު އެ ކުލާހަށް ވަންނަ އުޅުމުން ޓީޗަރު އެ ދަރިވަރު ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގަ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ކުއްޖާ މުދައްރިސް ގައިގާ ތަޅައިގަންނަން އުޅުމުން ދިފާއުގައި މުދައްރިސް ކުއްޖާގެ ގައިގައި ހިފައި ކޮށްޕާލިކަމަށް ވެ އެވެ. އެ މައްސަލަ އޮފީހާ ހަމައަށް ދިއުމުން މުދައްރިސް ކުއްވެރިކޮށް ސަސްޕެންޑް ކުރީ އެވެ. ކުއްޖާއާ މެދު ފިޔަވަޅު އެޅިކަމެއް އެނގިފައެއް ނުވެ އެވެ.

މަޖީދިއްޔާ ސްކޫލުން ސަސްޕެންޑް ކުރި އެ ޓީޗަރަކީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 9،10 އަކަށް ހިސާބު ކިޔަވައިދޭ ފިރިހެން ޓީޗަރެކެވެ.