ހަބަރު

އުއްތަމަ ފަނޑިޔާރާއި ސިޔާދަށް "އަނިޔާކުރާ" މައްސަލަ އެޗްއާރްސީއެމަށް

އެސްއޯއީގެ ދަށުން ހައްޔަރުކޮށް ބަންދުގައި ބައިތިއްބާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު އަދި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދް ގާސިމާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާފުށީ ޖަލުގެ އެކަހެރި ގޮޅިއެއްގައި ބައިތިއްބާފައިވަނީ އެންޓި ޓޯޗާ ގާނޫނާ ހިލާފަށް، ގަސްތުގައި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ ގޮތުން ކަމަށް ބުނެ އެ ބޭފުޅުންގެ ވަކީލުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މި ހަތަރު ދެބޭފުޅުންގެ ވަކީލުން އެޗްއާރްސީއެމަށް ވަކިވަކިން މިއަދު ހުށަހެޅި ހަތަރު ސިޓީގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި ހަސަން ސައީދު ބަންދުކޮށްގެން ގެންގުޅެނީ އެންޓި ޓޯޗާ ގާނޫނުގެ ދެވަނަ މާއްދާގެ ކ އާއި އެ ގާނޫނުގެ 14 ވަނަ މާއްދާގެ ށގެ ތިން ވަނަ ނަންބަރާ ހިލާފަށް ކަމަށެވެ. އެއްވެސް މީހަކު އެހެން އިންސާނަކާއެކު އިންސާނީ އެއްވެސް މުއާމަލާތެއް ނުހިނގާ ގޮތަށް ބަންދުގައި ބެހެއްޓުމަކީ ނުވަތަ އެއްވެސް ފިކުރެއްނެތި ޓޯޗާގެ އަމަލު ހިންގިދާނޭ މާހައުލުތައް ކަމަށް ބެލެވޭ ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުމަކީ އެ މާއްދާގެ ދަށުން މަނާކޮށްފައިވާ ކަންތައްތައް ކަމަށެވެ.

ނަމަވެސް އެ ބޭފުޅުން ވެސް މާފުށީ ޖަލުގައި ބައިތިއްބާފައިވަނީ، ވަކީލުން ވިދާޅުވި ގޮތުގައި އެހެން ގައިދީންނާ ވަކީން، އެހެން އިންސާނުންނަށް ނުފެންނަގޮތަށް އެކަހެރިކޮށެވެ. އެތަނަކީ އެއްވެސް ފިކުރެއްނެތި ޓޯޗާގެ އަމަލު ހިންގިދާނޭ މާހައުލެއް ކަމަށް ބެލެވޭނެ ތަނެއްކަމަށް ވާތީ، އެފަދައިން މުޅިން އެކަހެރިކޮށް އެ ބޭފުޅުން ބަންދުކޮށްފައި ބަހައްޓާފައި ތިބީ ނަފްސާނީ ގޮތުން ބަލިކޮށް، ސިކުނޑި ހާސްކޮށްލާ ނަފްސާނީ ގޮތުން އަނިޔާ ދިނުމަށް ކަމަށް ބެލެވޭތީ މި ބޭފުޅުންނާ މެދު ޓޯޗާގެ އަމަލު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހިންގަމުންދާ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

މި ހަތަރު ބޭފުޅުން މާފުށީ ޖަލުގައި ބައިތިއްބާފައިވަނީ ޝަރީއަތް ނިމެންދެނެވެ.