ފިނިޕޭޖް

ބަޒްފީޑްއިން ނެޓްފްލިކްސްއާއެކު ޑޮކިއުމެންޓްރީއެއް ގެނެސްދެނީ

ނެޓްފްލިކްސްއާއެކު ޖާނަލިޒަމް އޮރިއެންޓެޑް ޑޮކިއުމެންޓްރީ ސީރީޒެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް ބަޒްފީޑްއިން ހާމަކޮށްފި އެވެ.

އަންނަ ޖުލައި މަހު ނުވައެއްގައި ދައްކަން ފަށާ މި ސީރީޒްގެ 20 އެޕިސޯޑު ކޮންމެ ހަފްތާއަކު ދައްކާނެ އެވެ. އެޕިސޯޑެއްގެ ދިގުމިނުގައި ހުންނާނީ 15 މިނެޓެވެ.

ކޮންމެ އެޕިސޯޑެއްގައި ތަފާތު ވާހަކަތަކާއި ބެހޭގޮތުން މައުލޫމާތު އެއްކުރުމަށް ބަޒްފީޑްގެ އެކި ބިއުރޯތަކާއި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ މަސައްކަތްތައް ދައްކުވައިދޭނެ އެވެ.

މި ސީރީޒްގެ ޓްރެއިލާއެއް މިހާރު ވަނީ ޔޫޓިއުބުގައި އާންމުކޮށްފަ އެވެ. ސީރީޒް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަން ޝޯޝަލް މީޑިއާގައި އާންމުކުރަމުން ބަޒްފީޑްގެ އެޑިޓާ އިން ޗީފް ބުނީ، މި ސީރީޒް ގެނެސްދިނުމަށް ވަރަށް ކެތްމަދުވެފައިވާ ކަމަށެވެ.

ބަޒްފީޑް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ޑޮކިއުމެންޓްރީ ސީރީޒްގެ ފުރަތަމަ އެޕިސޯޑުގެ ޓްރެއިލާ.

ނެޓްފްލިކްސް އިން އާ ވައްތަރުތަކުގެ ޝޯތައް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، 15 މިނެޓްގެ ދިގުމިން ހުންނަ ޝޯތައް ތައްޔާރުކުރުމަށްވެސް އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސީރީޒް ވެގެން އަންނަނީ އެ މަސައްކަތުގެ ފެށުމަކަށެވެ.

މިއީ ނެޓްފްލިކްސް އިން ހަބަރު ފެތުރުމާއި ގުޅުންހުރި ޝޯއެއް ގެނެސްދޭނެ ފުރަތަމަ ފަހަރެވެ.