(24 އޭޕްރީލް 2018 އާ ގުޅޭ) -- "ހެލޯ ބްރޯސް" އެތެރެއަށް ވަން ޒުވާނާ އެއްއަތް ހިއްލާލާމުން ނިކަން ބާރަށް ބުނެލިއެވެ. ހައިރާންވެފައި ނިމްރާއަށް މިފަހަރު ވެސް ބަލާލެވުނީ ރާދިންއާއި އަރްސަލްއަށެވެ. ރާދިން ހިނިތުންވެލައިގެން ހުއްޓެއްކަމަކު އަރްސަލް ފެނުނީ ދެބުމަގޮއްޖަހާލިތަނެވެ.
"ކީއްކުރަން ތި އައީ؟" ހަރުކަށިގޮތަކަށް އަރްސަލް ބުނެލިއެވެ.
"ޗިލް ބްރޯ... އައި އޭމް ނޮޓް ހިއާ ޓު ސީ ޔޫ... ރާދުބެ ގާތަށް މި އައީ. އަހަރެން އަސްލު އަންނާކަށްނޫނޭ ހުރީ... ވަޓް ޓު ޑޫ ދޯ. ރާދުބެ ގާތަށް އަހަރެން ބޭނުން އިރަކު އަންނަން ހުއްދަ ދީފައި އޮތީމަ މި އައީ. ރާދުބެއާ މީޓުކުރަން އޭނާ އުޅޭ ތަނަކަށް އައުން މައްސަލައެއްނޫނެއްނު" ފޫހިކަން ދައްކަން މަސައްކަތް ކުރި ނަމަވެސް ހަލަފްއަށް ވާހަކަދެއްކުނީ ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރެއެވެ. ރާދިން ދެފަރާތަށް ބޯހޫރާލާފައި ހަލަފްގެ ބުރަކަށީގައި ޖަހާލަމުން އެތެރެއަށް އަންނަން ބުންޏެވެ.
ލޫންގެ މަރާ ގުޅިގެން ހަލަފް ހުރީ އެ އެޕާޓްމެންޓަށް އަންނަން ނުކެރިފައެވެ. އަރްސަލް ގަޔާވާކަން ނުދެއްކި ނަމަވެސް ލޫންއާއި ރާދިން ދުށުމުގެ ބަހަނާގައި ހަލަފް އެ މީހުންގެ ގާތަށް އާދެއެވެ. ނުރުހުން ފާޅުކުރާ ފަދަ ގޮތަކަށް ދެތިން އެއްޗެއް ހަލަފްއާ ދިމާއަށް ބުނި ނަމަވެސް އަރްސަލް ފާޅުކޮށް އެމީހުންގެ ގާތަށް އައުން ހަލަފްއަށް މަނައެއް ނުކުރެއެވެ.
"މި އޮތީ ރާދުބެ ބުނި އެއްޗެހި... އެގޭ ފައްވަ ވަރަށް ސުވާލުކުރި. އާނާ ދައްތަ ކީއްވެ މިގޭގަ ނިދަންވީ. ޔޫ ސްލީޕިންގް ވިތް ހާ" ހަލަފްގެ އަތުގައި އޮތް ކޮތަޅު ރާދިންއަށް ދިއްކޮށްލިއެވެ. އޭނާ ބުނި އެއްޗަކުން ރާދިން ނިކަން އަވަހަށް ހަލަފްގެ ފުއްކިބައިގައި ޖަހާލިއެވެ.
"އައުޗް! ދަތުވެއްޖޭ" ފުއްކިބައިގައި ފިރުމަމުން ހަލަފް ބުންޏެވެ.
"ދުލުކުރީގަ ދެ އިނގިލިން ހިފަހައްޓައިގެން ހުރޭ... އޭރުން ބޭކާރު ވާހަކައެއްނުދެއްކޭނެ" ހިނިއައިސްފައި ހުރެ ރާދިން ބުނެލިއެވެ. އެހެންބުނެލާއިރަށް ހަލަފް އެގޮތަށް ޢަމަލުކުރަން އުޅުނެވެ. އެއާއެކު އޭނާގެ ލޮލުގައި ބަދިގެ ތެރޭގައި ހުރި ނިމްރާ އަޅައިގަތެވެ.
"އާނާ ރޭގައި މިގޭގައި މަޑުކުރީތަ؟ ރާދިންއާއި އާނާއާ ދެމެދު ގުޅުމެއް އޮންނަނީތަ؟" ރާދިންއަށް ބަލަން ހުރި ނިމްރާ އަމިއްލަ ނަފްސާ ސުވާލުކޮށްލީ ހަލަފްގެ ފަރާތުން އިވުނު ވާހަކަތަކަށް ވިސްނަން ހުރެއެވެ. ޝިހާނާ އަދިވެސް ހުރީ އެގޭގައިކަން ނިމްރާއަށް އެނގިފައި ނެތީމައެވެ.
"ހެލޯ! މީ ހަލަފް... ހޫ އާ ޔޫ؟ ތީ ރެޑްތަ؟ ރެޑް ރައިޑިންގް ހުޑްތަ؟" ސޯފާގައި އިށީންނަން އުޅެފައި ވެސް ހަލަފް އައިސް ނިމްރާގެ ކުރިމަތީ މަޑުކޮއްލަމުން ނިކަން ހިނިއައިސްފައި ހުރެ އަތްދިއްކޮއްލީ ސަލާމްކޮއްލާށެވެ.
"ޑޯންޓް ވޮރީ... އަހަރެން މީ ބިގް ބޭޑް ވުލްފެއްނޫނޭ" ނިމްރާ ބަލަން ހުރި ގޮތުން ހަލަފް ބުނެލިއެވެ. އެ އެޕާޓްމެންޓަށް ވަނީއްސުރެ މޮޔައެއްހެން އެއްވަރަކަށް ހިނިއައިސްފައި ހަލަފް ހުރިކަން ނިމްރާއަށް ވެސް ފާހަގަވިއެވެ. ރާދިން ކަހަލަ ހިތްހެޔޮ ގޮތެއް ހަލަފްގެ ފަރާތުން ފާހަގަވިއެވެ. ނިމްރާ ހިނިތުންވެލަމުން ދެ ފަރާތަށް ބޯހޫރުވާލީ ހަލަފް ދެއްކި ވާހަކަތަކުންނެވެ.
"އޭނާއާ ވާހަކަ ނުދައްކާ" އަރްސަލްގެ ހަރުކަށި އަޑު އިވިގެން ދިއުމާއެކު ނިމްރާ ސަލާމަށް ދިއްކޮށްލި އަތުގައި ހިފައިގެން ހުރެ ހަލަފް އެނބުރި އަރްސަލްއަށް ބަލާލިއެވެ.
"އޯލްޑް ގްރަމްޕީ" ދެ ދަތްޕިލަ ޖައްސައިގެން ހުރެ މައުސޫމުކަމުން ފުރިހެންވި ހަލަފްގެ ހިނިތުންވުން ފުޅާކޮށްލުމާއެކު ސިއްރުން ބުނެލިއެވެ. ކިތަންމެ މަޑުން ބުނި ނަމަވެސް ނިމްރާއަށް އެ އަޑު އިވި ހީނލެވުނެވެ. އެއާއެކު އަނެއްކާ ވެސް ހަލަފްގެ ސަމާލުކަން ނިމްރާއަށް ހުއްޓިއްޖެއެވެ.
"ސައި ބޯނަންތަ؟" ކުޑަކުއްޖަކު ފަދައިން ހަލަފް ޝައުގުވެރިވެފައި ހުރިހެން ހީވުމުން ނިމްރާ އަހާލިއެވެ.
"އޯ ގާލް!... ޔޫ އާ ދި ބެސްޓް... ބައެއް މީހުންނަށް ނޭނގޭނޭ ގެއަށް މެހެމާނަކު އައީމަ ހިނިތުންވެލާކަށް ވެސް. މިގޭގަ އަހަރެން ގާތު ސައިބޯން އަހާލާނޭ މީހަކު ވެސް ނުވި. ޔޫ އާ ސޯ ސުވީޓް ރެޑް. ބުނަން!... ރެޑް އަތުން ދީ ފިއްޔާ ޒަހަރެއް ވެސް ބޯލަ ފާނަން" ލޮލުގެ ހިމަކޮޅުން އަރްސަލްއަށް ބަލަމުން ހަލަފް ބޮޑު ޑްރާމާގަނޑެއް ކުޅެލި ކަހަލައެވެ. އިތުރަށް ނިމްރާއަށް ހީނލެވުނެވެ. ސޯފާގައި ހަލަފްއާއި ނިމްރާއަށް ބަލަން އިން އަރްސަލްގެ ދެބުމަ ކުރިއަށްވުރެ ކައިރިކޮށްލިތަން ފެނުނެވެ.
"އެއީ ނިމްރާ... ނީމް! އޭނާއަށް ސައި ހަދައިދީ. އަހަރެން އަންނާނަން އާނާ ހޭލައްވާލާފައި" ހުރިހާ މަންޒަރެއް ބަލަން ހުރި ރާދިން ބުނެލިއެވެ. އަދި އަތުގައި އޮތް ކޮތަޅު ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.
ނިމްރާ ތަށިތައް ގެނެސް ކައުންޓަރު މަތީ އަތުރާލާފައި ހަލަފްގެ ގާތު ސައިބޯން ފަށަން އެދުނެވެ. އަދި އިތުރު އެއްޗެއް ބޭނުންތޯ އަހާލިއެވެ. އެއާއެކު ހަލަފް އެދުނީ އޭނާއަށް ފެންނަ ހިސާބުގައި ސައިބޮއެ ނިމެންދެން މަޑުކޮށްލަ ދިނުމަށެވެ. ނިމްރާ ފާޑަކަށް އަރްސަލްއަށް ބަލާލާފައި ކާމޭޒު ދޮށުން ގޮނޑިއެއް ދުރަށް ޖައްސާލާ ހަލަފްއާ ކުރިމަތިވާނޭހެން އިނެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ޓިވީ ރިމޯޓު ހިފައިގެން އިން އަރްސަލްގެ ނަޒަރު ހުރީ ނިމްރާއަށް ހުއްޓިފައިކަން އޭނާއަށް އެނގެއެވެ. ހަލަފް ވާހަކައެއް ފަށާނޭ ކަމަށް ނިމްރާ މަޑުކޮށްލައިގެން އިންދާ ކައުންޓަރު މަތީ ހަލަފް ބާއްވާފައި އޮތް ތަޅުދަނޑި ފަތި ފެނުމުން ނިމްރާގެ ސަމާލުކަން އެކަމަށް ދިޔައެވެ.
"އެއީ... އެއީ އޮރިޖިނަލްތަ؟ ޔޫ އޯން އަ ޑޭވިޑްސަން" ނިމްރާއަށް ވަރަށް ހައިރާންކަމާއެކު އަހާލެވުނު އިރު އެ ދެލޮލުން ތަފާތު ވިދުމެއް ފާޅުވެގެންދިޔައެވެ. ނިމްރާގެ ސުވާލާއެކު ހަލަފް ހީވީ ސްޓޫލް ދޫކޮށްލާފައި ކައުންޓަރުމަތިން ފުންމާލައިގެން ނިމްރާގެ ގާތަށް އަތުވެދާނޭ ހެނެވެ.
"ރެޑް! ތީ ބައިކް ގާލެއްތަ؟ އަހަރެންގެ ބަޑީއާ މީޓުކޮށްލާނަންތަ؟ ޔޫ ގޮނާ ލަވް މައި ފެޓްބޯއީ. އިޓްސް އަ ވަންވަންފޯ ސޮފްޓެއިލް. ހީޒް އަ ބްލެކްނައިޓް. އާދެބަލަ ފޮޓޯތައް ދައްކާލާނަން" ހަލަފް އަވަސްއަވަހަށް ނޭވާއަކަށް ވެސް ހުއްޓުމެއްނެތި ވާހަކަދައްކަމުން ދިޔައިރު ނިމްރާ ނިކަން އަވަހަށް އައިސް ހަލަފްއާ ޖެހިގެން ހުރި ސްޓޫލްގައި އިށީނދެއްޖެއެވެ. އެއާއެކު ހަލަފްގެ އައިފޯނުގައި ހުރި އޭނާގެ ސައިކަލުގެ ފޮޓޯތައް ދައްކަން ފެށިއެވެ. އޭނާގެ ވިހިވަނަ އުފަންދުވަހަށް ބައްޕަ ދިން ހަދިޔާ ކަމުގައި ބުނެލީ ނިކަން ފޮނިކޮށެވެ. ހަލަފް ވަރަށް ބޮޑަށް ގަޔާވި ކަމަކަށް ނިމްރާއަށް ސައިކަލާ ބެހޭ ކަންކަން އެނގުން ވިއެވެ. އޭނާގެ ހަޔާތުގައި ސައިކަލުގެ ބައިބައިގެ ވާހަކަދެއްކުމުން އޭނާއާ އެއްހަމައެއްގައި ވާނުވާ އެނގިގެން ވާހަކަދައްކާލެވޭނޭވަރުގެ އަންހެންކުއްޖާ މި ނޫނީ ދިމާނުވެއެވެ.
"ވަރަށް ބަލާލަން ބޭނުން" ފޮޓޯތައް ބަލަން އިނދެ ނިމްރާއަށް ބުނެލެވުނީ ކާއެއްޗެއް ފެނި ކުޅުދިޔާވެފައި އިންހެނެވެ. އެއާއެކު ހަލަފް އަވަސްއަވަހަށް ކެއުން ކުރިއަށް ގެންދިޔައީ ކައި ނިންމާލާފައި ނިމްރާއަށް ސައިކަލު ދައްކާލަން ދިއުމުގެ ޝައުގުވެރިކަމުގައެވެ.
އެނބުރި އައި ރާދިންއަށް ނިމްރާއާއި ހަލަފް މާ އޮލަ ވާހަކައެއްގައި ތިބިކަން ފާހަގަކުރެވުނެވެ. ހަލަފްގެ މިޒާޖުގެ ގޮތުން ވެސް އޭނާއަކީ މީހުންނާ ފަސޭހައިން ރައްޓެހިކަން ބަދަހިކުރާ ޒުވާނެއްކަން ރާދިންއަށް އެނގެއެވެ. އެކަމަށް ހަލަފްގެ ހުންނަ ޅަގޮތް އެއްބާރުލުން ދެއެވެ. ހަމައެއާއެކު ރާދިންގެ ނަޒަރުގައި އަރްސަލް އަޅައިގަތެވެ. އޭނާ އައިސް ސޯފާގައި އިށީނދެ އަރްސަލްއަށް ގޮވާލިއެވެ.
"ހަލަފްގެ ގޮތް އެނގެއެއްނު... އޭނާ އަންނަހިތުން އުޅޭ ވަރުންނޭ އަހަރެން ބުނީ އަންނާށޭ" ރާދިން ބުނެލިއެވެ.
"އެ ދެ މީހުން އެހާ ކައިރީގައި ތިބެގެން ކޮންވާހަކައެއް އެ ދައްކަނީ... ދެންމެއޭ ފެނުނީ. އެކަމަކު އެ އަންހެނާ ވެސް ބަލާބަލަ. ހީވަނީ އަހަރުތަކެއްވަންދެން ދަންނަ ދެމީހުން ދިމާވެގެން އުޅޭހެން. އަދި ހޭވަރު ބަލާބަލަ" ނިމްރާއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ. ރާދިން ދެވަނަ ފަހަރަށް ހަލަފްއާއި ނިމްރާއަށް ބަލާލިއެވެ.
"އެ ތިބީ ޓިއުން ދިމާވެފައި. ހަލަފަށް އޭނާގެ ސައިކަލުގެ ވާހަކަނޫން އިތުރު ވާހަކައެއް މީހަކު ގާތުގައި ދެއްކޭނޭތަ. ދެ މޮޔައިން ޖެހިފައި އެ ތިބީ. ހެ ހެ ހެ.... މަ ވެސް އަލަށް މި ދުށީ ނިމްރާ އެވަރަށް ހިނިތުންވާތަން. މީހަކާ ވެސް އެހާ ގިނައިން ވާހަކަދައްކަނިކޮށް ފެނުނު ފުރަތަމަ ފަހަރު. ނިމްރާ ހިނިތުންވީމާ އޭނާއާ ވަރަށް ގުޅޭ ދޯ" ރާދިންގެ ވާހަކައިން އަރްސަލްއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ.
"ކޮންތާކަށް؟" ނިމްރާގެ އަތުގައި ހިފާ ދަމާލަމުން ހަލަފް އެޕާޓްމެންޓުގެ ދޮރުން ނުކުންނަން ދިޔަ ތަން ފެނި އަރްސަލް ގޮވާލިއެވެ.
"ދޮންބޭ!... އަންނާނަން ރެޑްއަށް ބަޑީ ދައްކާލާފައި" ހިތްއަވަސްވެފައި ހުރި މީހަކުހެން ނިކަން އަވަހަށް ހަލަފް ބުނެލިއެވެ.
"އޭނާ ގެންދާނެކަމެއްނެތް... ހަލަފް ދާތަނަކަށް އެކަނި ދޭ" އަރްސަލް ބުނެލިއެވެ. އެއާއެކު އަރްސަލްގެ ކޮނޑުގައި ރާދިން ޖެހިއެވެ.
"ސާބަސް... އިޓްސް އޯކޭ ހަލަފް. އެކަމަކު މިގަޑީގައި ދުއްވަން ނުދާތި" ރާދިންގެ ހުއްދަ ހަލަފްއަށް ލިބުމުން އަނގަޔަށް ވައްތަރެއް ޖައްސާލާފައި އުފަލުން އަވަހަށް ނިމްރާ ގޮވައިގެން އެޕާޓްމެންޓުން ނުކުތެވެ.
"ހަލަފް ބޭބެތަ އަރްސަލްއަކީ؟" ލިފްޓުގައި ހުރެ ނިމްރާ އަހާލިއެވެ. އެއާއެކު ހަލަފް ބޯޖަހާލިއެވެ.
"ރާދުބެއާއި ދޮންބެއާ ދެ މީހުން ވެސް. އެ މީހުން ނުބުނޭ ދޯ ރެޑް ކައިރީ. ފެމެލީގަ އެންމެ ކުޑައީ އަހަރެން. ލޫންދައްތަ ނިޔާވީމަ އަސްލު މިގެއަށް އައުން ހުއްޓުނީ. ރެޑްއަށް އެނގޭތަ... އަސްލު މައި ފެމެލީ އިޒް ވެރީ ކޮމްޕްލިކޭޓެޑް... ޚާއްޞަކޮށް އެ ގްރަމްޕީ ދޮންބެ" ނިމްރާއަށް ބަލާލާފައި ހަލަފް އިސްޖަހާލިއެވެ.
"އޭނާގެ މައްސަލައެއް ހުންނަހެން އަހަންނަށް ވެސް ހީވޭ... އެންގާ މެނޭޖްމެންޓު ކުލާހަކަށް އޭނާ ފޮނުވަންވީ ކަންނޭނގެ" ނިމްރާ ހިނިއައިސްފައި ބުނެލި ގޮތުން ހަލަފްގެ ގާތަށް ވެސް ހިނިއައެވެ.
"ރެޑް މި ގޭގަ ކީއްކުރަނީ؟ ދޮންބެއާއި ރެޑްއާ ދެމެދު ކޮން ބީފެއް އޮތީ" ހަލަފް އަހާލިއެވެ. ނިމްރާއަށް އަރްސަލް ބަލާގޮތް ހަލަފްއަށް ވެސް ފާހަގަވެފައި އޮތީމައެވެ.
"އައި ވޯކް ފޯ ޔޯ ބްރަދާ... ލައިކްއަ މެއިޑް" މަޑުމަޑުން ނިމްރާ ބުނެލިއެވެ.
"ސީރިއަސްކޮށްތަ؟ އެކަމަކު މެއިޑަކަށްވާން ރެޑް ހާދަ ޔަންގުހެން ހީވޭ. ރެޑް ކިޔަވައިގެން ހުރިވައްތަރު ޖަހަނީ ވެސް. ރަނގަޅު ޖޮބެއް ވެސް ރެޑްއަށް ނުލިބުނީތަ؟ ރެޑް ކަހަލަ ގާލްއެއް މެއިޑަކަށް ގެނައުން އެއީ ދޮންބެގެ ސްޓައިލެއް ވެސް ނޫން... އެހެންވިޔަސް އެ ފިރިހެނާގެ ގޮތެއް ނޭނގޭނެ. ރާދުބެ ވެސް އޯކޭތަ؟ ރާދުބެ ސުވާލެއް ނުކުރޭތަ ރެޑް ތިކަހަލަ މަސައްކަތްކުރަން އައީމަ" ހަލަފްއަށް ޤަބޫލުކުރަން ދަތިވިކަހަލައެވެ.
"އަހަރެންގެ ދިރިއުޅުން ވެސް ވަރަށް ކޮމްޕްލިކޭޓެޑް... ފައިނޭންޝިއަލީ ޑައުންވި ވަގުތު ޔޫގެ ދޮންބެ ހެލްޕްވީ. އަރްސަލް އެހެން އުޅުނަސް އޭނާއަކީ ރަނގަޅު މީހެއް. އައި އޯ ހިމް އަ ލޮޓް... އެހެންވީމަ އެ ދަރަނި އަދާކުރެވެންދެން އަހަރެން ގަސްދުކުރީ އޭނާގެ ހުށަހެޅުން ޤަބޫލުކުރަން. ޑޯންޓް ވޮރީ... އިޓްސް ނޮޓް ދެޓް ބޭޑް" ނިމްރާ ލުއި ހިނިތުންވުމެއް ހަލަފްއަށް ދިނެވެ.
"އައި ނޯ... ދޮންބެ... ދޮންބެ ގޮތުގައި އެހެން މީހުންނަށް ކެއާ ކުރޭ... ސޯ ރެޑް... އެނގޭތަ!... މިއަދު މިކޮޅުގައި ކުޑަ ރޭހެއް އެބައޮތް. އަހަރެންގެ ފްރެންޑްސް އަންނާނެ. ކުޑަކުޑަ އިވެންޓެއް އެހެންވިޔަސް އަހަރެން ބޭނުން ރެޑްއަށް ދައުވަތިދޭން. ސަޅި ބައިކުތައް އެމީހުން ގެންގުޅޭނެ. ވާނެ އަހަރެންގެ ފެޓްބޮއީއާއެކު ރައިޑަކަށްދާން. އޭގެ އަޑު އިވުނީމަ އަދި ސަޅިވާނީ" ހަލަފްގެ ވާހަކައިގެ މިސްރާބު ބަދަލުކޮއްލިއެވެ. ނިމްރާ ވަކި އެއްޗެއް ނުބުނެ ހުރީއެވެ.
"ރާދުބެ... އައި ރިއަލީ ލަވް ރެޑް" އެޕާޓްމެންޓުގެ ދޮރު ރާދިން ހުޅުވާލުމާއެކު ނިމްރާ ގޮވައިގެން އެތެރެއަށް ވަންނަމުން ހަލަފް ބުނެލީ ނިކަން ބާރަށެވެ. ބެލްކަނީގައި ހުރެފައި އެތެރެއަށް ވަން އަރްސަލްއަށް އެ އަޑު އިވުމާއެކު ހުއްޓެވުނެވެ.
"ހަވީރު ރޭސް ޖަހާތަނަށް ރެޑް ގޮވައިގެން ދިޔަޔަސް އޯކޭތަ" ހަލަފް އަހާލީ ރާދިންގެ ގާތުގައެވެ. ރާދިން ބަލާލީ ނިމްރާއަށެވެ. އޭނާ ހިނިތުންވެލި ގޮތުން ރާދިން ބޯކަހާލީ ދޭނޭ ޖަވާބަށް ނޭނގިފައެވެ. އަރްސަލް ހިތްހަމަނުޖެހިފައި ހުރިހެން ރާދިންއަށް ހީވާތީއެވެ. ރާދިން ޖަވާބެއް ނުދިނުމުން ހަލަފް އާދޭސްކޮއްލިއެވެ. ނިމްރާ ކުރަންޖެހޭ މަސައްކަތްތައް އެހާތަނަށް ނިންމާލައިފިއްޔާ އޭނާ ގޮވައިގެން ދިއުމުގެ ހުއްދަ ދިނުމަށް ހަލަފް އެދުނެވެ. އިތުރު ބަހަނާގެ ގޮތުގައި ނިމްރާއަށް ހުސްވަގުތެއް ދޭންޖެހޭނެ ކަމުގައި ހަލަފް ޚިޔާލު ފާޅުކުރިއެވެ.
"ހަލަފްތަ އޭނާއަށް މުސާރަ ދެނީ. އަހަރެން ކަމެއް ބޭނުންވެއްޖެއްޔާ އެކަމެއް ކުރާނީ ކާކު؟ ހަލަފްތަ؟" އަރްސަލް ބުނެލިއެވެ. އެއާއެކު ރާދިންއާއި ހަލަފްގެ އިތުރުން ނިމްރާގެ ނަޒަރު ވެސް އަރްސަލްއަށް ހުއްޓުނެވެ.
"ރެޑްގެ މުސާރައިން އެވަގުތައް ކަނޑާލާ... ވަޒީފާތަކުގައި ވެސް ކަންތައް ކުރަނީ އެހެންނު. މަސައްކަތައް ނުނިކުންނަ ވަގުތުތަކަށް މުސާރައިން ކަނޑާލަނީއެއްނު" އިރުކޮޅު ވިސްނަން ހުރެފައި ހަލަފް ޖަވާބު ދިނެވެ.
"ހަލަފް" ހަމަ އެވަގުތު ނިމްރާ ގޮވާލި ގޮތުން ހީވީ އޭނާއާ ހެދި އަރްސަލްއާއި ހަލަފް ދެބަސްނުވާށޭ ބުނަން ބޭނުންވި ހެނެވެ. ނިމްރާއަށް ބަލާލާފައި ހަލަފް އެއްލޯ މަރާލިއެވެ.
"ޑޯންޓް ވޮރީ ރެޑް. މުސާރައިން ކެނޑޭވަރު އަހަރެން ދީފާނަން. އޭރުން އެކަން ހައްލުވީއެއްނު. ކީކޭ ރާދުބެ ބުނަނީ. އެއީ ރަނގަޅު ސޮލިއުޝަންއެއްނު" އަރްސަލް ދަތްކުނޑި ވިކާލިތަން ފެނުމުން އޭނާއަށް ބަލާލާ ހަލަފް ހީނލިއެވެ.
"އަމިއްލައަށް މަސައްކަތެއްނުކޮށް އެހެންމީހުންގެ ފައިސާގައި ދިރިއުޅުން ހޭދަކުރާއިރު އެ ފައިސާގެ އަގެއް ނޭނގޭނެ. ބައްޕަގެ މުއްސަނދިކަމުން ހަލާކުވެފައި ހުރި ދަރިއެއް" އަރްސަލްގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ނިމްރާއާއި ހަލަފްއާ ދޭތެރެއިން ހިނގާފައި އައިސް ސޯފާގައި އިށީނެވެ. އެކަމަށް ހަލަފް ކުޑަކޮށް ވެސް ސަމާލުކަމެއް ނުދިނެވެ. އަރްސަލްގެ އެފަދަ ވާހަކަތަކަށް އޭނާ ހޭނިފައިވާތީއެވެ. މާހައުލަށްވެރިވެގެން ދިޔަ އުދާސްކަން ކުއްލިއަކަށް ފިލައިގެން ދިޔައީ ޝިހާނާގެ އަޑުންނެވެ. ވަގުތުން ހަލަފްގެ ސަމާލުކަން ޝިހާނާއަށް ހުއްޓާލުމާއެކު އޭނާއާ ދިމާކުރަން ފެށިއެވެ. ރާދިންގެ ޓީޝާޓާއި އޭނާގެ ސްވެޓްޕޭންޓުގައި ޝިހާނާ ހުރުމުން އެކަމާ ގުޅުވާފައެވެ. އެއާއެކު ގޭތެރެއިން އަނެއްކާ ވެސް ހުނުމުގެ އަޑު އިވެންފެށިއެވެ. ނިމްރާއަށް އަރްސަލްއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު ވެސް އޭނާގެ ތޫނު ނަޒަރު ހުރީ ނިމްރާއަށް ހުއްޓިފައެވެ. އެ ދެ ލޮލުން ނިމްރާއަށް އިންޒާރެއް ދެމުންދިޔަ ކަހަލައެވެ. އަވަސްއަވަހަށް ރާދިންގެ ގާތަށް ޖެހިލުމާއެކު މެންދުރުގެ ކެއުމާ ގުޅިގެން ނިމްރާ ވާހަކަދައްކަން ފެށިއެވެ.
ހުކުރަށް ދަމުން ރާދިން ދިޔައީ އަރްސަލްއާއި ހަލަފް ވެސް ގޮވައިގެންނެވެ. އެމީހުން އަންނަންވާއިރަށް ޝިހާނާއާއި ނިމްރާއާ ދެ މީހުންވެގެން މޭޒުމަތި ތައްޔާރު ކުރިއެވެ. ދެ މީހުން އެކަނިވުމުން ޝިހާނާގެ ހިތުގައިވާ ބައެއް ސުވާލުތައް ނިމްރާއާ ކުރިމަތި ކުރިއެވެ. އަރްސަލްއާއި ރާދިންއާ ދިމާވީ ކިހިނެއްތޯއާ އަރްސަލްގެ ގޭގައި މަސައްކަތްކުރާ ކުއްޖެއްގެ ގޮތުގައި އަންނަން ނިމްރާ ނިންމީ ކީއްވެގެންތޯއެވެ. ނިމްރާ ވެސް ހަޤީޤަތް ހާމައެއްނުކުރިއެވެ. ހަލަފް ގާތުގައި ބުނިހެން ނިމްރާ ހާލުގައި ޖެހުމުން އަރްސަލް އެހީވީ ކަމުގައި ބުނެ އެ މައުޟުޢު ބަންދުކޮށްލީއެވެ. ނިމްރާގެ ޢާއިލާގައި އެކަކު ވެސް ނެތްކަން އެނގުމުން ޝިހާނާ ވަރަށް ހައިރާންވިއެވެ. ހަމައެއާއެކު އޭނާ ނިމްރާއަށް ހަމްދަރުދީވިއެވެ. ޝިހާނާއަކީ ރާދިންއާއި އަރްސަލްގެ ޢާއިލާއާ ގުޅުން ހުރި މީހެއްތޯ ނިމްރާ ސުވާލުކުރިއެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ޝިހާނާގެ ފަރާތުން އަރްސަލްގެ ޢާއިލާއާ ބެހޭ ގޮތުން އޮޅުން ފިލިއެވެ. ރާދިންއާއި އަރްސަލްއާއި ހަލަފްއަކީ ތިންބެއިން ކަމުގައި ޝިހާނާ ބުނުމުގެ އިތުރުން އަރްސަލްއާއި ރާދިން އެމީހުންގެ ބައްޕައާ ވަކިން އުޅެނީ ކަމުގައި ބުންޏެވެ. އެންމެ ކުޑައަށް ހަލަފް ހުންނާތީ އޭނާ އުޅެނީ ބައްޕައާއި މަންމަ ގާތުގައިކަން ވެސް ނިމްރާއަށް އެނގުނީ ޝިހާނާ ބުނީމައެވެ. އެކަމަކު އެމީހުން ވަކިން އުޅެނީ ކީއްވެކަމެއް ޝިހާނާ ނުބުނެއެވެ. އަރްސަލްގެ ކޮއްކޮއަށް ހަލަފްވާއިރު އޭނާ ހަލަފްއާ ގަޔާނުވާ ސަބަބެއް އެނގެން ނިމްރާ ބޭނުންވިއެވެ. އެހެންވިޔަސް ޝިހާނާ ގާތުގައި އަހާކަށް ނުކެރުނެވެ. ޝިހާނާ ވާހަކަދައްކަނީ ރަޙުމަތްތެރިއަކާ ވާހަކަދައްކާ އުސޫލުން ނަމަވެސް އެ ދެމެދުގައި ޢާއިލާގެ ތެރޭ ހުރި މައްސަލަތަކުގެ ވާހަކަ ޚިއްޞާ ކުރާހާ އެ ދެމީހުން ގާތެއްނޫނެވެ.
"ރާދު ބުނި އަރްސަލް ބައެއްފަހަރަށް ވަރަށް ރުޅިގަދަވާކަމަށް. އެ ރުޅިގަނޑު ނިމްއަށް ބާލާލާކަން. އޭނާ ކުރިން އުޅުނު ގޮތެއްނޫން އެއީ. އަހަރެން މާލެ އައީ އަރްސަލް މެރީ ކުރި ފަހުން. ލޫންއާ މީޓުވީ އެންމެ ފަހަރަކު. އެހެންވިޔަސް އަހަންނަށް އެނގޭ އެ ދެ މީހުން ވަރަށް ގުޅޭކަން. ލޫންދެކެ އަރްސަލް ވަރަށް ލޯބިވާކަން. އޭނާގެ ދިރިއުޅުން އަހަރުތަކަކަށްފަހު ހަމަޖެހިއްޖެކަން އެނގުނު. ދޭ ވާ ސޯ މަޗް އިން ލަވް. ރަނގަޅު މީހަކު ދެނެގަނެވޭނެ އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް. އެގޮތަށް އަހަންނަށް އެނގުނު ލޫން ވެސް އަރްސަލްދެކެ ވަރަށް ލޯބިވާކަން. އަދި މިހާރު ނިމްއާ ބައްދަލުވީމަ އަހަރެންގެ ހިތް ބުނި ނިމްއަކީ ވެސް ރަނގަޅު ކުއްޖެކޭ. އެކަކަށް ވެސް ބުނާކަށް ނޭނގޭނެ ދޯ އެމީހެއްގެ ލައިފްގަ ދިމާވެފައި ހުރީ ކިހާ ވަރެއްގެ ކަންތައްކަމެއް. މިހާރު ނިމްއަށް ތި ފެންނަ އަރްސަލްއަކީ މީގެ ކުރީން ދުވަހަކުވެސް މީހަކު ދެކެފައިނުވާ އަރްސަލްއެއް. ހީ އިޒް ބްރޯކަން. އޭނާ މިހާރު ވަރަށް އެކަނިވެރިވެފަ އެ ހުރީ. ރާދު އިޒް ރިއަލީ ވޮރީޑް އަބައުޓް ހިމް. އެއްވެސް އިރަކު އަރްސަލް ޝޯއެއް ނުކުރާނެ އޭނާގެ ހަޤީޤީ އިހުސާސްތަކެއް. ނިމްއަކީ ވިސްނޭ ކުއްޖެއްކަން އަހަންނަށް އެނގޭ. އޭނާ ރުޅި އައިސްގެން ކުރާކަންތައްތައް ހިތުގައި ނުލައްޗޭ. އޭނާ ކަހަލަ ފިރިހެނަކަށް މަސައްކަތް ކޮށްދެވޭނީ ވަރަށް ކެތްތެރިވެގެން... ފަހަރެއްގައި އޭނާގެ ދިރިއުޅުމަށް އަނެއްކާ ވެސް އަންހެނަކު އަތުވެއްޖެއްޔާ އެގޮތް ބަދަލުވެދާނޭހެން ހީވޭ" ނިމްރާއަށް އެއްޗެއް ވިސްނައިދޭން ޝިހާނާ މަސައްކަތް ކުރި ކަހަލައެވެ. ނިމްރާ ބޯޖަހާލަމުން ޝިހާނާއަށް ލުއި ހިނިތުންވުމެއް ރައްދުކުރިއެވެ.
ޝިހާނާއާއި ހަލަފް ބައިވެރިވީތީ ރާދިން އިނީ އުފަލުންނެވެ. އެމީހުންނާއެކު މެންދުރުގެ ކެއުމުގައި ނިމްރާ ވެސް ބައިވެރިކުރިއެވެ. އެކުވެރިކަމާއި ސަކަރާތުގެ މާޙައުލުން ނިމްރާގެ ސިކުނޑިއަށް ވަރަށް ބޮޑު ލުއިކަމެއް އިހުސާސް ކުރެވުނެވެ. އެގޮތަށް އޭނާ ހީނލާ މީހަކާ ވާހަކަދައްކާނުލާތާ އެތައް އަހަރެއްފަހުން އެ އިހުސާސްކޮއްލުމަށް ނިމްރާއަށް ފުރުޞަތު ލިބުނު ފަދައެވެ. ހަލަފްއާއި ރާދިންއާއި އަރްސަލްއަކީ ތިންބެއިން ނަމަވެސް ހަލަފްގެ ހުންނަ ޅަގޮތް ނިމްރާއަށް މަޖާވިއެވެ. އޭނާގެ ވާހަކަތަކުންނާއި އަބަދު ހީނލާފައި ހުންނަ ގޮތުން ބޭކާރު ޚިޔާލުތަކާ ދުރުވެ އަމިއްލަ ނަފްސަށް ވެސް ހިނިތުންވެވޭ ގޮތް ނިމްރާއަށް ވިއެވެ. ގިނަގިނައިން ހަލަފްއާއި ޝިހާނާ އެގެއަށް އައުމަށް ނިމްރާއަށް ހިތާހިތުން އެދެވުނެވެ. އޭރުން ގައިމު ވެސް އެ އެޕާޓްމެންޓަށް ވެރިވެފައި އޮންނަ ފަޅުކަން ފިލާނެއެވެ. ހީނލާނޭ ފުރުޞަތު އެންމެނަށް ވެސް ލިބިގެންދާނެއެވެ.
"ހަލަފް ގެއަށް ދާއިރު އާނާދައްތަ ގެންގޮސްދޭންވީނު" ރާދިން ބުނެލިއެވެ.
"އޯކޭ... އަހަރެން ދާނީ ސެވެންގެ ފަހުން. އިރުކޮޅަކުން ރޭސްޖަހާ ތަނަށް ދާންޖެހޭނެ" ސޯފާގައި އިން ޝިހާނާގެ އުނގުގައި ބޯ އަޅައިގެން އޮވެ ހަލަފް ބުންޏެވެ. އޭނާގެ ކުޑަކޮށް ދިގުކޮށް ހުރި ފަން އިސްތަށިގަނޑަށް އަތްލައިގެން އިނދެ ޝިހާނާ ތަންތަންކޮޅުން ގަދަމުންދިޔައެވެ. ރާދިން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި އިން އިރު އަރްސަލް އިނީ ދެން ހުރި ދިގު ސޯފާގައެވެ.
"ޔޫ ރެޑީ ރެޑް" ނިމްރާ އައިތަން ފެނި ހަލަފް އަހާލިއެވެ. އޭނާއަށް ދޭނޭ ޖަވާބެއް ނޭނގިފައި ހުރި ނިމްރާ ކުޑަކޮށް ހިނިތުންވެލިއެވެ.
"އަހަރެން ދާނީ ރެޑް ގޮވައިގެން" ރާދިންއަށް ބަލާލާފައި ހަލަފް ބުނެލިއެވެ. އެ އަޑު އަރްސަލްއަށް ވެސް އިއްވާލި ކަހަލައެވެ.
"އޯކޭ... ބަލައިގެން އުޅޭތި. ތީ ސައިކަލަކަށް އެރިއްޖެއްޔާ ހަމަހޭވެރިކަމެއް ހުންނަ މީހެއްނޫން. ނިމްރާ ގޮވައިގެން ރޭސް ނުޖަހާތި" ރާދިން ބުނެލިއެވެ. އޭނާގެ ޝަރުތުތައް ޤަބޫލުކުރަމޭ ބުނާ ފަދައިން ބޯޖަހާލަމުން ހަލަފް ފުންމައިގެން ތެދުވިއެވެ.
"ވަޓް!... އާނާދައްތާ!... މުޅި ބޯ އެ ހަޑިވީ" އިސްތަށިގަނޑުގައި އަތްހިންގާލެވުމާއެކު ޝިހާނާ ކޮއްފައި ހުރި ކަންތައް އެނގުމުން ހަލަފް ގޮވާލީ ތަންކޮޅެއް ބާރަށެވެ. ނުރުހުންވެފައި ހުރި މީހަކުހެން އޭނާ ދިޔައީ ރާދިންގެ ކޮޓަރިއާ ދިމާއަށެވެ.
ހަވީރު ނިމްރާ ގޮވައިގެން ހަލަފް ދިއުމުން ރާދިން ވެސް ބޭނުންވީ ބޭރަށް ނުކުމެލާށެވެ. އޭނާއާއި ޝިހާނާއާއެކު އަރްސަލް ވެސް ނުކުތެވެ. ގޭ ކުރިމަތީ ފެންނަން އޮތް އަތިރިމަތީގައި ޖަހާފައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި ތިން މީހުން ތިއްބެވެ. އަރްސަލް އެއްވެސް ވަރަކަށް ވާހަކައެއް ނުދެއްކިއެވެ. އެހެން އިންދާ ޝިހާނާއަށް ފޯނެއް އައެވެ.
"ދާންޖެހިއްޖެ" ޝިހާނާ ބުނެލިއެވެ. ޝިހާނާގެ އެހީތެރިކަމަށް އޭނާގެ ރަޙުމަތްތެރިއަކު ބޭނުންވީއެވެ. ބަލިމީހެއްގެ ކަމެއްގައި ޝިހާނާ އުޒުރެއްދައްކަން ބޭނުންނުވީއެވެ. އަރްސަލް ވެސް ޚިޔާލު ދިނީ އަވަހަށް ޝިހާނާ ބުނާ ތަނަކަށް އޭނާ ގެންގޮސް ދިނުމަށެވެ. އެކަމަށް ރާދިން އަވަސްވެލިއެވެ.
"ސައިކަލު ނެރެންވީނު... އާނާ ލާފައި އައިސް އަހަރެމެންނަށް ދުއްވާލަން ދެވޭނެއެއްނު. އަހަރެން މިތާ މަޑުކުރާނަން ރާދު އަންނަންދެން" ރާދިން ތެދުވި ވަގުތު އޭނާގެ އަތުގައި ހިފަހައްޓާލަމުން އަރްސަލް ބުނެލިއެވެ. ހައިރާންވިއެއްކަމަކު ރާދިން ސުވާލެއް ނުކޮށް އަރްސަލް ބުނިހެން ސައިކަލު ނެރެން ދިޔައެވެ.
ހަލަފް ގެއަށް އައީސުރެން އަރްސަލްއަށް އެހެންޏާ ނުވާ އުނދަގޫތަކެއްވަމުންދިޔައެވެ. ޚާއްޞަކޮށް ނިމްރާއަށް އައި ބަދަލުތައް ފާހަގަވުމުންނެވެ. އެ ދެ މީހުންގެ މިޒާޖު ގުޅޭވަރު ފެނުމުން އެކަމުން އަރްސަލްއަށް ލިބުނީ ނުތަނަވަސްކަމެވެ. ނިމްރާ ގޮވައިގެން ސައިކަލު ރޭސް ޖަހާ ތަނަށް ހަލަފް ދިއުމުން އަރްސަލްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔަ ކަހަލައެވެ. އެއްޗެކޭ ނުބުނަން އޭނާ ތިރީތުންފަތުގައި ދަތްއަޅާ ހިފަހައްޓާލީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ. ނިމްރާގެ އަތުގައި ހިފާ ހަލަފްއާ ދުރަށްލާން ބޭނުންވެ އެކަން ނުކުރެވިގެން ދެއަތްތިލަ މުއްކަވާލާ ބާރުކޮއްލެވުނީ ކިތައް ފަހަރަކު ކަމެއް ވެސް އަރްސަލްއަކަށް ނޭނގެއެވެ. ސިކުނޑި ހާސްވާގޮތްވެގެން އިސްތަށިގަނޑުގައި އަތްތިލަ ހިންގާލެވުނު އަދަދު ވެސް ނޭނގެއެވެ. އެކަމަކު އެހެންވާންވީ ހަޤީޤީ މަގުޞަދާ މެދު ވިސްނާކަށް އަރްސަލް ބޭނުމެއްނޫނެވެ.
"އުފާވުމުގެ ހައްޤެއްނެތް... ހިނިތުންވެގެން ނުވާނެ" ޖެހިބާރުވެފައި ހުރި ދަތްތަކުގެ ތެރެއިން ސިއްރުސިއްރުން އަރްސަލްއަށް ބުނެލެވުނެވެ.
ރާދިން އެނބުރި އައުމާއެކު އަރްސަލް އޭނާގެ ފަހަތަށް ސައިކަލަށް އެރިއެވެ. ހުޅުމާލޭގެ އަތިރިއަށް އޮތް މަގުން ދުއްވަމުން ދަނިކޮށް އަރްސަލް އެދުނީ ހަލަފްމެން ރޭސްޖަހާ ދިމާއަށް ދިއުމަށެވެ. އެހެންވެ ރާދިން އެ ދިމާއަށް މިސްރާބު ބަދަލުކޮއްލިއެވެ. އެމީހުންނަށް ހަލަފްމެން ތިބި ދިމާ ފެންނަ ހިސާބަށް އާދެވުމާއެކު ރާދިންގެ ކޮނޑުގައި އަރްސަލް ޖަހާލީ މަޑުކޮށްލާށޭ ބުނަމުންނެވެ. ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން އަރްސަލްއަށް ނިމްރާގެ ރަތްކުލައިގެ އިސްތަށިގަނޑު ފާހަގަކުރަން އުނދަގުލެއްނުވިއެވެ. ހަލަފްއާއެކު ހުރެ އެތަނުގައި ދެންތިބި ޒުވާނުންނާ ވާހަކަދައްކާ ހީނ ސަމާސާ ކުރާތަން ފެނެއެވެ. ކޮންމެވެސް ޒުވާނަކު ރެޑްބުލް ދަޅެއް ކަނޑައިގެން ގެނެސް ނިމްރާއަށް ދިއްކޮށްލި ތަން ފެނުނެވެ. ނަމަވެސް ނިމްރާ އެކަމުން މަނާވެ ގަތެވެ. ރޭސްޖަހަން އަތުރާފައި ހުރި ސައިކަލުތައް ބަލަން ތިބެފައި އެތަނުން ޒުވާނެއްގެ އަތުން ހެލްމެޓެއް ހިފައިގެން އައިސް ނިމްރާގެ ކަންފަތް ބުޑުގައި ހަލަފް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އަދި ނިމްރާގެ އަތުގައި ހިފައިގެން އޭނާގެ ހާލީޑޭވިޑްސަން ފެޓްބޯއީއާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ފެނި އަރްސަލްގެ ފައިގައި ބާއްވާލައިގެން އިން އަތްތިލަ މުއްކަވާލެވުނެވެ. އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނު އަތްތިލައިން އިސްތަށިތަކުގެ ބުޑަށް އެނގުންވާވަރަށް ވާންކޮއްލެވުނެވެ. މީހާ ތުރުތުރުއަޅާވަރުވީ ނިމްރާގެ އުނަގަނޑުގައި ހަލަފް ހިފާލުމާއެކު އޭނާގެ ސައިކަލަށް ނިމްރާ އެރުވުމުންނެވެ. ރާދިންގެ ފަހަތުން އަރްސަލް ވަގުތުން ފޭބިއެވެ.
"ރާދު! މި ސައިކަލު އަހަރެން ބޭނުންވެއްޖެ. ގެއަށްދާން ރާދު އެހެންގޮތެއް ހޯދާ" ރުޅިގަނޑު ނުހިފެއްޓިގެން އުޅޭ މީހަކުހެން އަރްސަލް ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ހަލަފްއާ ދިމާއަށް އޭނާއައެވެ.
"އައި ލަވް ޔޯ ހެއާ ރެޑް... ވަރަށް ގުޅޭ ރެޑްއާ" ނިމްރާގެ އިސްތަށިގަނޑު ނިތްމަތިން ރީތިކޮށްލަދިނުމާއެކު ހަލަފްގެ އަތުގައި އޮތް ހެލްމެޓް ބޮލަށް މަހާލިއެވެ. އޭނާއަށް އެނބުރި ނުލެވެނީސް ކުއްލިއަކަށް މީހަކު އައިސް ހަލަފްގެ ކޮނޑުގައި ހިފައި އެއްފަރާތްކޮއްލިއެވެ.
"ދޮންބޭ" ހައިރާންވެފައި ހަލަފްއަށް ބުނެވުނީ އަރްސަލް ފެނުމުންނެވެ.
"އައި އޭމް ޓޭކިން ހާ" އަރްސަލް ހަރުކަށިކަމާއެކު ބުނެލިއެވެ. އަދި ނިމްރާގެ ބޮލުން ހެލްމެޓު ނަގާ ހަލަފްގެ އަތަށް ޖެހިއެވެ. ޖެހިލުންވެ ދެ ލޯ ބޮޑުކޮށްލައިގެން ނިމްރާ އިންދާ ސައިކަލުމަތިން އޭނާގެ އުނަގަނޑުގައި ހިފާ އަރުސަލް އުފުލާލުމާއެކު ބިންމަތީގައި ބަހައްޓައިފިއެވެ.
"ދޮންބޭ.. ރެޑް..." ވާނުވާ ނޭނގިފައި ހުރި މީހަކު ފަދައިން ހަލަފް ބުނެލިއެވެ. އަދި ނިމްރާގެ އަތުގައި ހިފަހައްޓަން އުޅޭ ކަހަލަ ގޮތަކަށް ކުރިއަށް ޖެހިލި ހިނދު އަރްސަލް ބަލާލި ގޮތުން ހަލަފް ގަނޑުވިއެވެ. ނިމްރާގެ އަތުގައި ހިފާ ދަމާފައި އޭނާ ގޮވައިގެން ރާދިން ހުރި ހިސާބަށް އަރްސަލް އައެވެ. އޭރު އެ ހުރިހާ މަންޒަރެއް ބަލަން އިން ރާދިން އަވަސްއަވަހަށް ސައިކަލުން ފޭބީއެވެ. އަރްސަލް މަޑުކުރުމެއްނެތި ސައިކަލަށް އަރާ ހުންގާނުގައި ހިފަހައްޓާލާފައި ނިމްރާއަށް ބަލާލިއެވެ. ބިރުގެންފައި ހުރި މީހަކު ފަދައިން ނިމްރާ އަވަސްއަވަހަށް އަރްސަލްގެ ފަހަތަށް އެރިއެވެ. (ނުނިމޭ)