ހަބަރު

ރާއްޖޭގައި ޑޮކްޓަރުކަމަށް ކިޔަވަން މަހަކު 1000 ޑޮލަރު

އެމްއެންޔޫއިން އަންނަ ޖުލައި މަހު ފަށާ އެމްބީބީއެސް ކޯހުގެ އަހަރީ ފީއަކަށް 12000 ޑޮލަރު ހަމަޖައްސައިފި އެވެ. އެއީ މަހެއްގެ މައްޗަށް 1000 ޑޮލަރެވެ. މިއީ އާންމުކޮށް ދިވެހި ކުދިން ޑޮކްޓަރުކަން ކިޔަވަން ގައުމުތަކަށް ގޮސްގެން ކުރާ ހަރަދާ އަޅާ ބަލާއިރު ކުޑަ އަގެކެވެ.

ކޯސް ހިންގާ، ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ރަޖިސްޓަރާ މުހައްމަދު ޟާމިރު މިއަދު "އަވަސް" އަށް ވިދާޅުވީ، އަލަށް ފަށާ ކޯހަށް ވަރަށް ގިނަ ކުދިންގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. މިހާރުވެސް 40 އަށްވުރެ ގިނަ ކުދިން ކޯހަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި ކަނޑައަޅާފައިވާ ތާރީހަށް މިއަށްވުރެ ވެސް ގިނަ ކުދިން ލިބޭނެ ކަމުގެ އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޟާމިރު ވިދާޅުވީ، ކޯހުގެ އަގަކަށް މަހަކު 1000 ޑޮލަރު ހަމަޖައްސާފައިވަނީ ދަރިވަރުން ކުރަންޖެހޭނެ ހަރަދާއި ރާއްޖެއިން ބޭރުގައި ކުދިން ކިޔަވާއިރު ހަރަދުކުރާ އަދަދުތަކަށް ބަލައި ދިރާސާ ކުރުމަށްފަހު ކަމަށެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރުކަމަށް ކިޔަވައިދޭން ފަށައިގަންނަ އިރު ކިޔެވުމުގެ ބުރަ ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް އަގެއް ކަނޑައަޅަން އިސްކަންދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މުޅިން އަލަށް އެމްބީބީއެސް ކިޔަވައިދޭން ފަށާއިރު ފުރަތަމަ ބުރުގައި ކޯހުން ޖާގަ ދޭނީ 50 ކުދިންނަށެވެ. މި އަދަދަށް އެޑިއުކޭޝަން މިނިސްޓްރީން ލޯނު ފުރުސަތުވެސް ވަނީ މިހާރު ހުޅުވާލައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ ނަޒީރު ވިދާޅުވީ، އެމްބީބީއެސް ކިޔަވާ ކުދިންނަށް ހުޅުވާލި ލޯނަށް އެދުމުގެ މުއްދަތު މިއަދަށް ހަމަވާއިރު ގިނަ އަދަދަކަށް ކުދިން ލޯނަށް ހުށަހެޅި ކަމަށެވެ. ސީދާ އަދަދެއް ދަންނަވަން މިވަގުތު ދަތި ކަމަށް ވެސް ވިދާޅުވި އެވެ.

އެމްބީބީއެސް ކޯސް އެމްއެންޔޫގައި ފަށާނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ކޯސް ހިންގަން އެމްއެންޔޫގައި މެޑިކަލް ސްކޫލެއް އުފައްދާފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުން ވެސް އެ ސްކޫލަށް ވަނީ ދެ ފްލޯ ހާއްސަކޮށްފަ އެވެ.

ރާއްޖޭގައި އެމްބީބީއެސް ކިޔަވަދޭން ފަށަނީ ޕާކިސްތާން ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. މެޑިކަލް ކޮލެޖުގެ މަޝްރޫ ޕާކިސްތާނު ސަރުކާރުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ދީފަ އެވެ.