ވިޔަފާރި

ދިރާގުގެ އެހީ ލޯފަން ކުދިންގެ ޖަމްއިއްޔާ އަށް

Apr 29, 2018
1

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވޭ ތަފާތު ކަންތައްތަކުގެ ތެރެއިން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަޑް ސޮސައިޓީ އޮފް މޯލްޑިވްސް" އަށް ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކުރިއަށް އޮތް އަހަރަށް ހިލޭ ފޯރުކޮށްދީފި އެވެ.

ދިރާގުން 2016 ވަނަ އަހަރުން ފެށިގެން ފޯރުކޮށްދޭ މިހިދުމަތް ވަނީ އެ ޖަމިއްޔާ އަށް ކުރިއަށް އޮތް އަހަރަށް އަލުން އާ ކޮށްފައިވާއިރު، މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސޮލިއުޝަނެކެވެ. މި ހިދުމަތުގެ ސަބަބުން ބީވީއައިއެސްއެމްގެ މެންބަރުންނަށް ހިލޭ ފޯން މީޓިންގް ހިދުމަތްފޯރުކޮށްދެވެ އެވެ. އެ ޖަމިއްޔާއިން ހާމަކުރިގޮތުގައި އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވެ އެވެ. ޖަލްސާ ބާއްވާލަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މަޝްވަރާކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ދިރާގުން މި ފޯރުކޮށްދޭ ހިދުމަތަކީ އެގޮތަށް ޖަލްސާތަކާއި ބައްދަލުވުންތައް ފަސޭހައިން ބާއްވާލެވޭގޮތަށް ގާއިމުކުރެވޭ ހާއްސަ ޑިޖިޓަލް ސްޕޭސް އެކެވެ.

މި ހިދުމަތުގެ ޒަރިއްޔާ އިން ޖަމިއްޔާގެ މެންބަރުން ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވުމާއި މިހިދުމަތް މެދުވެރިކޮށް މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރަން ނުހަނު ބޮޑަށް ފަސޭހަވެގެންދެއެވެ. ޖަމްއިއްޔާގެ 200 އަށް ވުރެ ގިނަ މެމްބަރުންނަށް ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެމްބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެ އެވެ.

މީގެ އިތުރުން ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމްއިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ ތަފާތު ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދަނީ މިހިދުމަތް މެދުވެރިކޮށެވެ. ވޭތުވެދިޔަ އަހަރު ބީވީއައިއެސްއެމް އިން ވަނީ މި ހިދުމަތުގެ ބޭނުންކޮށްގެން ހިސާބު، ލެޓިން އަދި ޤުރުއާން ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައި އެވެ. އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ޚިދުމަތުގެ ސަބަބުން ވަނީ މަގުފަހިވެފަ އެވެ.

ދިރާގުން ހިލޭ މިހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ރާއްޖޭގައި ލޯފަން ބޭފުޅުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، ލޯފަން ބޭފުޅުންނަށް ހިތްވަރުދީ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ.