ހަބަރު

ހުޅުމާލޭގެ އާ މަގުތައް ހަދައި ނިންމާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 14.2 ކިލޯ މީޓަރުގެ މަގުތަކުގެ ތާރު އަޅައި ނިންމާލައިފި އެވެ.

މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލޭގެ އާ މަގުތައް ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. ރޯޑް ޕްރޮޖެކްޓްގެ މަސައްކަތްތަކުން މިހާރު ނުނިމި ހުރީ ހަމައެކަނި މަގުތަކުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި ހަރުކުރުމުގެ މަސައްކަތް އެކަނި ކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި މަގުތަކުގެ މަސައްކަތް ފުރިހަމަވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އިންޑިއާގެ ދެ ކުންފުންޏަކަށް ދީގެން ތަރައްގީ ކުރާ އާ މަގުތަކާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން މީގެ ކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ ފުރަތަމަ ފިޔަވައްސާ މުޅިން ތަފާތުކޮށް ކަމަށެވެ. އެގޮތުން ތާރު އަޅާ ނިމޭއިރު ހުޅުމާލެއަށް "ޓޯޓަލް އިންފްރާސްޓްރަކްޗާ ސޮލިއުޝަނެއް" އަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އާ މަގުތައް ފެނިގެންދާނީ މުޅިން ތަފާތު ޑިޒައިނަކަށް ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

އާ މަގުތައް ނިމޭއިރު ހުޅުމާލޭގައި އާ އިންޓަނެޓުގެ ހިދުމަތް ވެސް ގާއިމުކުރާނެ އެވެ. އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް އާއި އަޝޯކާ ބިލްޑްކޮންއިން ހަދާ އެ މަގުތަކުގެ ހަރަދަކީ 40.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ) އެވެ.