ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޭސްބުކް މެދުވެރިކޮށް އޮންލައިންކޮން ދިރާގުގެ ހިދުމަތްތަކަށް ފައިސާ ދެއްކުމާއި ރިލޯޑު ކުރުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ދިރާގުން މިއަދު ބުނީ އެ ކުންފުނިން ދިރާގުން މަސައްކަތް ކުރަނީ ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭން ކަމަށާއި ޒަމާނަށް އައި ކުރިއެރުމާއި ބަދަލުތަކާއެކު ގިނަބަޔެއްގެ ދިރިއުޅުން ވަރަށް ބޮޑަށް އިންޓަނެޓާއި ގުޅިފައިވާތީ ދިރާގުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މިހާރު ދިރާގު ޕޯސްޓްޕެއިޑް މޯބައިލު ބިލާއި، އޭޑީއެސްއެސްއެލް އިންޓަނެޓު ބިލާއި، ފިކްސްޑްލައިން ބިލާއި އެނޫންވެސް ދިރާގުގެ ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.
"ކަސްޓަމަރުން ބޭނުންވާ ދިރާގުގެ ކޮންމެ ހިދުމަތަކަށްވެސް ފައިސާދެއްކެވޭނެ. އެބޭފުޅެއްގެ އަމިއްލަ ނަމުގައި ނަންގަވާފައިވާ ހިދުމަތެއް ނޫން ނަމަވެސް، ފައިސާ ދަކަވަން ބޭނުންފުޅުވާ އެކައުންޓު ނަންބަރު ޖެއްސެވުމަށް ފަހު ވަގުތުން ފައިސާ ދެއްކެވޭނެ،" ދިރާގުން މިއަދު އާންމު ކުރި ފެކްޓް ޝީޓެއްގައި ބުނެފައި ވެއެވެ.
އެ ލިޔުމުގައި ބުނަނީ ރަސްމީ ބަނދު ވަގުތު ތަކުގައިވެސް ފައިސާ ދެއްކެމާއި ހިދުމަތް ވަގުތުން ހޯދުމާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް ރިލޯޑުގެ ހިދުމަތްވެސް ލިބޭނެ ކަމަށާއި ފޭސްބުކް ނޫން އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރޮކޮށް ވެސް ދިރާގުން އެފަދަ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިރާގު ފޭސްބުކް ޕޭޖަށް ދިއުމުން "ޕްރީޕެއިޑް ޓޮޕްއަޕް" އަދި "ބިލް ޕޭ" ގެ ނަމުގައި ދެ ޓެބް ހާއްސަކޮށްފައި ވެއެވެ. އެ ދެ ޓެބްގެ އެހީގައި ފޭސްބުކުން ލޮގްއައުޓް ނުވެ މިހިދުމަތް ހޯދެ އެވެ.
"މިހާރުވެސް ދިރާގު ކަސްޓަމަރުންނަށް ދިރާގު ހިދުމަތާއި ބެހޭ މައުލޫމާތުގެ އިތުރުން، ކަސްޓަރުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުން ދަން. ފޭސްބުކް މޯބައިލް އެޕްލިކޭޝަނުން މިދެ ޓެބް ނުފެނު ކަމުގައި ވީނަމަވެސް މޯބައިލް ޑިވައިސުން ވެބް ބަރައުޒަރ މެދުވެރިކޮށް މިހިދުމަތް ހޯދޭނެ. ފޭސްބުކް މޯބައިލް އެޕްލިކޭޝަނުން މިޓެބް ނުފެންނަނީ އަދި މިހިދުމަތް ފޭސްބުކުން ފޯރުކޮށް ނުދޭތީ. ފެސްބުކުން މިހިދުމަތް ފޯރުކޮސްދޭން ފެށުމާއި އެކު އަޅުގަނޑުމެން އެ އިންޓަގްރޭޝަންވެސް ހާދާނަން،" ދިރާގު އެސިސްޓަންޓު މެނޭޖާ ޕަބްލިކްރިލޭޝަންސް އިމްޖާދް ޖަލީލު މިއަދު ވިދާޅުވި އެވެ.
އިމްޖާދް ޖަލީލު ވިދާޅުވީ، ދިރާގުން ތައާރަފް މިކުރި ހިދުމަތް މެދުވެރިކޮށް ރިއަލްޓައިމްކޮން، ބޭނުންފުޅު ކޮންމެ ވަގުތެއްގައި ދިރާގު ޕޯސްޓްޕެއިޑް ކޮންމެ ބިލަކަށް ފޭސްބުކުން މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި މީހުން ބުރަކޮށް މަސައްކަތުގައި އުޅޭއިރު ދިރާގު ބިލު ދައްކާށާއި ރިލޯޑުކުރަން ފިހާރައަކަށް ނުވަތަ ދިރާގު ކަސްޓަމާ ފްރަންޓު އޮފީހަށް ކޮންމެހެން ދާން މިހާރު ނުޖެހޭނެ ކަމަށެވެ.
"މިހިދުމަތް އަޅުގަނޑުމެންނާއި އެންމެ ރަހުމަތްތެރި ފޭސްބުކް މެދުވެރިކޮށް ރަސްމީ ބަންދު ވަގުތުތަކުގައިވެސް ބޭނުން ކުރެއްވޭނެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތްތަކެއް ސޯޝަލްމީޑިއާ މެދުވެރިކޮށް ފޯރުކޮށްދެވޭ އެންމެ ފުރަތަމަ ފަހަރު،"