ހަބަރު

އެމްޑީޕީގެ ސަރުކާރުގައި ދަތުރުފަތުރު ނިޒާމް ހިންގީ ބަޔަކަށް ނާޖާއިޒު ފައިދާ ނެގޭ ގޮތަށް: ސައީދު

އެމްޑީޕީގެ ސަރުކާރުގައި ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތް ގެންގޮސްފައި ވަނީ، ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ނެގޭ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ-ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުން މިފްކޯއާ ހަވާލު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ބަދަލެއްގެ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ބައެއް އަމިއްލަ ފަރާތްތަކަށް ރަށްތައް ދީފައި ހުރީ އެ ތަންތަނުގެ ބޭނުން ކޮށްގެން ނާޖާއިޒު ފައިދާތަކެއް ހޯދޭނެ ގޮތްތަކަކަށް މަގުފަހިކޮށްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ހިދުމަތް ފުޅާނުކޮށް ބައެއް ރަށްތައް އެކި ފަރާތްތަކަށް ކުއްޔަށް ދީ އެތަންތަނުން ފައިދާތަކެއް ނަގާފައި ހުރި ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން ގިނަ އަތޮޅުތަކުގައި ދަތުރުފަތުގެ ނިޒާމް ހިންގަން ޖެހެނީ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު އެއްޗެއް ހަރަދުކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތަކަށް ވީމާ އަޅުގަނޑުމެން ދައްކާވާހަކައެއް ނޫން މިއީ. އެގޮތަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހެދި ކޮންޓްރެކްޓްތައް އެހެރީ ވަރަށް ބޮޑަށް އެކޮޅަކަށް ފައިދާވާގޮތަށް އޭގެން ނާޖާއިޒު ފައިދާތަކެއް ނެގޭ ގޮތަށް ހެދިފައި. އޭގެ ސަބަބުން ދައުލަތުގެ މާލިއްޔާއިން ހަރަދުކޮށްގެން މިޖެހެނީ މިކަން ކުރަން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހުރި ތަންތަނުގެ މައްސަލަތައް ބަލައި އެކަމާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންކަން މިނިސްޓްރީ އިން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރަމުން ދަނީ އޭގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމް ހުއްޓި އާންމުންނަށް އޭގެ އުނދަގޫ ނުފޯރާ ގޮތަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ނަމަވެސް އެ ހިދުމަތް ދޭން ހަވާލުކޮށްފައި ހުރި ބައެއް ކުންފުނިތަކުން އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތް ފޯރުކޮށް ނުދޭ މައްސަލަތައް ދޭތެރެ ދޭތެރެ އިން ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއްގައި ނަމަވެސް މިކަހަލަ ޒަރޫރީ ހިދުމަތެއް ނުހުއްޓި ރައްޔިތުންނަށް ދެވޭތޯ އަޅުގަނޑުމެން މި ބަލަނީ. މައްސަލައެއް ހުރި ނަމަވެސް ވާހަކަ ދައްކައިގެން ކަންތައްތައް ހައްލު ކުރުމުގެ މަސައްކައްތަކެއް މި ކުރަނީ،" ސައީދު ވިދާޅުވި އެވެ.