ހަބަރު

ޕާޓީގެ މުޅި ފޯކަސް އޮތީ ރިޔާސީ އިންތިހާބަށް: ޒަމީރު

ޕީޕީއެމްގެ މުޅި ފޯކަސް އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކަމަށާއި އެޕާޓީގެ އިތުރު އެއްވެސް ކަމެއް މިހާރު ނެތް ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް "ރުމާލު 2" ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ޕާޓީގެ ފަރާތުން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތީ ރޯދަ މަސް ކަމަށާއި މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ކޮންމެސް ވަރަކަށް މެދުކެނޑިގެންދާނެ ކަމަށެވެ. ނަމަވެސް އެމަހުގައިވެސް ކުރެވެންހުރި ކޮންމެވެސް މަސައްކަތްތަކެއް ކުރާނެ ކަމަށާއި ސިޔާސީ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުޅި ފޯކަސް މި އޮތީ ރިޔާސީ އިންތިހާބަށް. އަޅުގަނޑުމެން ކުރިމަތީގައި އެހެން އިތުރު މާބޮޑު ކަމެއް ނެތް. ޕާޓީގެ އިތުރު އެއްވެސް ހަރަކާތެއް ނެތް، މާގިނަ ގޮފިތަކެއްގައި މަސައްކަތް ކުރާކަށްނެތް، މެންބަރު ޝިޕް އިތުރުކުރެވޭތޯ ހަމައެކަނި މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެގެން ދިޔަ މިންވަރަށް ބަލާފަ މީހުންގެ ބައިން ކެޕޭސިޓީ މައްޗަށް ގޮސްފައިވާ ކަމަށެވެ. މީގެ ކުރިން ދިވެހިން ޗުއްޓީ ހޭދަކޮށްލުމަށް ނުވަތަ ބޭސްފަރުވާ އަށް ދަނީ ކޮލަމްބޯ ނުވަތަ ޓްރިވެންޑްރަމަށް ކަމަށާއި ނަމަވެސް އެކަން މިހާރު ބަދަލުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް ކުއްލިއަކަށް ރައީސް ޔާމީންގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި އަމިއްލަ އަތުން މެޑިކަލް އެކްސްޕެންސަސް ނުވަތަ ބޭސްފަރުވާއަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދިޔައީމާ އޭގެ ނަތީޖާއެއްގެ ގޮތުން ޑިސްޕޯސަބަލް އިންކަމް މައްޗަށް ދިޔައީމާ މީހުންނަށް ގަނެވޭ، ބައިން ކެޕޭސިޓީ މިންވަރު މައްޗަށް ގޮސްފި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ 10 ވަރަކަށް އަހަރު ކުރިން މީހެއްގެ ކައިރިން އަހާލައިފިނަމަ ބުނާނެ ވާހަކައަކީ ރާއްޖެއަށް ނަންޑޯސް އާއި ޕިއްޒާ ހަޓް ވެސްއަށް ތައާރަފު ނުކުރެވޭނެ ކަމަށެވެ. އެއީ އެ މީހުންނަށް ބޭނުންވާ ކްރިޓިކަލް މާސްއެއް ރާއްޖޭގައި އޭރު ނެތުމުން ކަމަށާއި ބައިން ޕަވާވެސް އެ ހިސާބަށް ނުދާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީގަ ވެއްޖިއްޔާ ރަށްރަށަށް ދިއުމުން ބުނާނެ ފެނާ ނަރުދަމަ މީގެ ކުރިން އަޅުގަނޑުމެން ރަށަކަށް ދާތަނުން ބުނާނެ، ފެނާއި ނަރުދަމާ ވަރަށް ސަކަރާތޭ. ދެން ބަނދަރުގެ ކަންތައް ވެސް. އަޅުގަނޑު ނުދަންނަވަން ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ހަމަޖެހިއްޖެޔޭ. އެކަމަކު ބޮޑެތި އާބާދީ ހުރި ތަންތާނގައި މައިގަނޑު މި ކަހަލަ ހުރިހާ ކަންތައްތަކެއް ހަމަޖެހިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭސިކް ހުރިހާ ކަމެއް ނުވަތަ އަސާސީ ހުރިހާ ހިދުމަތެއް މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދީފައި ކަމަށާއި މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް ބޭނުން ވަނީ އޭޓީއެމް ކަމަށެވެ. މިހާރު ރައްޔިތުން ބޭނުންވަނީ އާންމުކޮށް ކުރިއަރާފައިވާ ގައުމުތަކުން ބޭނުންވާ ކަންކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.