ދިވެހި ސިނަމާ

"އަޒޯނާ"ގެ ދެ ވަނަ ސީޒަން މި ރޯދަމަހު

އައިސް ޓީވީން ގެނެސްދެމުން އަންނަ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓޯކް ޝޯ "އަޒޯނާ" ގެ ދެ ވަނަ ސީޒަންގެ ފުރަތަމަ ޓީޒާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ދެ ވަނަ ސީޒަން ފަށުމަށް ހަމަޖެހިފައި ވަނީ މި ރޯދަމަހު އެވެ. ފުރަތަމަ އެޕިސޯޑު ދައްކާނީ މި މަހު 18 ގަ އެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ތަރިންތަކެއް "އަޒޯނާ" ގެ ފުރަތަމަ ސީޒަންގައި މެހުމާނުންގެ ގޮތުގައި ފެނިގެންދިޔަ އެވެ. މި ސީޒަންގައިވެސް މެހުމާނުންގެ ގޮތުގައި މަޝްހޫރު ގިނަ ފަރާތްތަކެއް ފެނިގެންދާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރު އިގްބާލް ބުންޏެވެ. އިގްބާލް ބުނީ މި ސީޒަންގައި ކުރީ ސީޒަނަށްވުރެ ގިނަ މެހުމާނުން ފެނިގެންދާނެ ކަމަށެވެ.

"މިފަހަރު ގެނެސްދެނީ 12 އެޕިސޯޑް 24 މެހުމާނުންނާއެކު. ކޮންމެ އެޕިސޯޑެއްގައި ދެ މެހެމާނުން ހިމެނޭނެ." އިގްބާލް ބުންޏެވެ. ކުރީގެ ސީޒަންގައި ގެނެސްދީފައި ވަނީ 17 މެހެމާނުންނެވެ. "މިފަހަރުގެ ސީޒަން ކުރީ ސީޒަނަށްވުރެ ވަރުގަދަވެފައި ބެލުންތެރިން ގަޔާވާނެ ގިނަ ކަންތައްތަކެއް ފެނިގެންދާނެ."

"އަޒޯނާ"ގެ ޓީޒާ.

މިދިޔަ ސީޒަންގައި މެހުމާނުންގެ ގޮތުގައި ފެނިގެންދިޔަ ބައެއް ތަރިންގެ ތެރޭގައި، މަރިޔަމް އަޝްފާ، އައިޝަތު ރިޝްމީ، ސުނީތާ އަލީ، ލައިޝާ ޖުނައިދު، އައިޝަތު ޝިރާނީ އަދި ޝީލާ ނަޖީބުފަދަ ތަރިން ހިމެނެ އެވެ.