ވާހަކަ

ބުނެދޭށޭރުހެމޭ

(1 މެއި 2018 އާ ގުޅޭ) "އަރްސަލްއާ މެދު ވިސްނެންވީ ކީއްވެތަ؟ މިއަދު އެކުރެވުނީ ވަރަށް ސްޓުޕިޑް ކަމެއް. އޭނާ ހީކުރާނީ ކީކޭކަމެއް ނޭނގެ. ހިތަށް މިވާ ގޮތެއް ވެސް ނޭނގެ. އަރްސަލްއާއި ކިފާ މާ ގުޅޭ... އެ ދެ މީހުންގެ ދެމެދުގައި ކޮންމެވެސް ކަހަލަ ގާތްކަމެއްވާކަން ޔަގީން. އަހަންނަކީ ކާކުކަން ހަނދާންނެތި އިމުން ބޭރުނުވަން ކީފާ ވަނީ އިންޒާރުދީފަ. އެކަމަކު ކީއްވެ އަރްސަލްއާ މެދު ވިސްނެންވީ. ކީއްވެ އެކަހަލަ ސަމާސާ އަރްސަލް އަހަންނާ ކުރަނީ. އަހަރެން ވެސް މީ ހުރިހާ ހިއްސެއް ސަލާމަތުން ހުރި އަންހެންކުއްޖެއްކަން އަރްސަލްއަށް ނުވިސްނޭންވީ ކީއްވެ" ނިމްރާ އޭނާގެ އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނެވެ.

މޫދުން އަރައިގެން އަންނަ އަރްސަލް ފެނުމުން ނިމްރާ އަވަސް އަވަހަށް އުނގުގައި ބާއްވާލައިގެން އިނދެވުނު އަރްސަލްގެ ގަމީސް ނަގައި އެއްފަރާތުގައި ރީތިކޮށް ބޭއްވިއެވެ. އަދި ގަމީސް މަތީ އޭނާ ދިން އަވިއައިނު ވެސް ބާއްވާލިއެވެ.

"މައި ސްކާލެޓް" މަޢުނަވީ ބަލާލަމުން އަރްސަލް މިހެން ބުނެލަމުން ނިމްރާއާ ދިމާއަށް ގުދުވެލިއެވެ. އޭނާގެ މޫނަށް ބަލަން އިނދެ ހޭން ނުހޭން އުޅޭހެން ނިމްރާގެ ތުންފަތް ހަރަކާތްކޮއްލި ނަމަވެސް އަރްސަލްއާ ދިމާއަށް ދޫ ނެރެލިއެވެ. ނިމްރާގެ އެ ހަރަކާތުން އަރްސަލްގެ އިސްތަށިގަނޑުގައި އަތްތިލަ ހިންގާލާ ނިމްރާއާ ދިމާއަށް ފެންފޮޅާލިއެވެ.

"ދީބާ ތުވާލި... ދަބަހުގެ އޮންނާނެ" އަރްސަލް ފެންފުޅި ނަގަމުން ބުންޏެވެ. ނިމްރާއާ ހަވާލު ކުރި އަރްސަލްގެ ދަބަސް ހުޅުވާލާ އޭގެ ތެރެއިން ހުދު ކުލައިގެ ބޮޑު ތުވާއްޔެއް ނަގާ އަރްސަލްއަށް ދިއްކޮށްލިއެވެ. އޭރު އޭނާ ފެންފުޅި ގަޔަށް އޮއްސާލާ ލޮނުގެ އަސަރު އިސްތަށިގަނޑާއި ހަށިގަނޑުން ފިލުވާލުމުގައި އުޅެއެވެ. އާގަމަވެފައި އަރްސަލްއަށް ނަޒަރު ހުއްޓާލެވުނު ގޮތަށް ނިމްރާއަށް އިނދެވުނެވެ. އޭނާއަށް އެނގުންވީ ވެސް އަތުގައި އޮތް ތުވާލި އަރްސަލް ނެގުމުންނެވެ.

"ސޯޓެއް ވެސް އޮންނާނެ" އަރްސަލްގެ ދަބަހަށް އިޝާރާތްކުރަމުން ބުނެލިއެވެ. އުނުގައި ތުވާލި އޮޅާލައިގެން ހުރެ އަރްސަލް ތެތް އެއްޗެހި ބޭލިއެވެ. އޭނާ އެންމެންނަށްވުރެ ކުރީން މޫދުން އަރައިގެން އައީ ކީއްވެތޯ އަހާލަން ނިމްރާ ބޭނުންވިއެވެ. އޭނާ މަޑުކޮށްލީ އަރްސަލް އެއްޗެހި ބަދަލުކޮށް ނިމެންދެނެވެ.

އަރްސަލް އައިސް ކުނާ މަތީ އިށީނެވެ. އޭނާގެ ގަމީސް ނަގާ ގަޔަށް ހެޔޮވަރުކޮއްލުމާއެކު ގޮއްއެޅުވުމުގެ ބަދަލުގައި ނިމްރާއަށް ބަލާލާފައި ކުނާ މަތީ އޯށޯވެ ނިމްރާގެ އުނގުގައި ބޯ ބޭއްވިއެވެ.

"ތީ ކޮންކަމެއް" ނިމްރާއަށް ނިކަން އަވަހަށް އަހާލެވުނެވެ.

"މިވަގުތަށް ތީ އަހަރެންގެ ޕިލޯ" އަރްސަލް ބުނެލިއެވެ. އެހެންނަމަވެސް އެ ދެ ލޮލުން ނިމްރާ ގާތު ތަފާތު ވާހަކައެއް ބުނެދޭން އުޅޭ ކަހަލައެވެ. ދެން ފެނުނީ ނިމްރާގެ ވައަތްތިލަ ހިއްލާލާ އަރްސަލްގެ އަތްތިލައިގެ ތެރެއަށް ލީ ތަނެވެ. އޭނާގެ މޭގައި ނިމްރާގެ އަތްތިލަ ބާއްވާލުމާއެކު ނިމްރާގެ ލޮލަށް އަރްސަލް ބަލާލިއެވެ. އެ ބެލުމުގައި ފޮރުވިފައިވަނީ ކީކޭކަމެއް ޔަގީން ކުރާކަށް ނިމްރާއަށް ނޭނގުނެވެ.

"ޔޫ ލުކް ރިއަލީ ޕޭލް... ބަލީތަ؟ ސްކާލެޓް!... ޕްލީޒް ބީ އޯކޭ އިނގޭ. އަހަރެން... އަހަރެން ގާތު ބުނާނަންތަ ކަމެއް ބޭނުންވެއްޖެއްޔާ" އަރްސަލްގެ ނަޒަރު ނިމްރާއާ ވަތްކެއްނުވެއެވެ. މަޑުމަޑުން ނިމްރާ ބޯޖަހާލިއެވެ.

"ކީއްވެ އެހާ އަވަހަށް އަރައިގެން ތިއައީ؟" ނިމްރާ އަހާލިއެވެ. އޭނާއަށް ބަލަން އޮތް އަރްސަލް މަޑުމަޑުން ހިއްލާލި އަތުން ނިމްރާގެ ނިތްކުރިމަތިން ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި އެއްފަރާތް ކޮށްލަން އުޅުނެވެ.

"އައި ލަވް ޔޯ ހެއާ... ރެޑް އެންޑް ސިލްކީ... ކުރިއަށްވުރެ ދިގުވެއްޖެ ދޯ" ނިމްރާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާގެ އިސްތަށިގަނޑާ ކުޅެމުން އަރްސަލް ވާހަކަދެއްކިއެވެ.

"ޕީޕަލް ތިންކް އައި އޭމް ވިއާޑް... ވިތް ދިސް ރެޑް ހެއާ... މީހަކު ބުނި އަހަންނަކީ ރަތްޖިންނިއެކޭ ވެސް" ކުޑަކޮށް ހިނިތުންވެލައިގެން އިނދެ ނިމްރާ ބުނެލިއެވެ. އޭނާގެ ވާހަކައިން އަރްސަލް ހީނގަތެވެ.

"ޔޯ ސްމައިލް... އިޓްސް ބިއުޓިފުލް" ނިމްރާއަށް އަރްސަލްގެ މޫނުގައި އަތްލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް ނިކަން އަވަހަށް އަތް ދުރަށް ލައިފިއެވެ. އަރްސަލްގެ ހިނިތުންވުން ވެސް ފިލައިގެން ދިޔައެވެ. އޭނާގެ ބެލުން ވެސް ބަދަލުވިކަން ނިމްރާއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް އެ ބަދަލު ގުޅިފައިވީ ކޮންކަމަކާކަމެއް ދެނެގަންނާކަށް ނޭނގުނެވެ. ނިމްރާ މަޑުމަޑުން އަރްސަލްގެ ބޮލުގައި ހިފާ އުފުލާލުމާއެކު އޭނާއާ ދުރަށް ޖެހިލާ ކޮޅަށް ތެދުވިއެވެ. އަދި އޭނާއާ ފުރަގަސް ދެމުން ކުނަލާ ތަންކޮޅެއް ދުރުގައި އައިސް މަޑުކޮށްލިއެވެ. ދެއަތް ހުރަސްކޮށްލައިގެން ހުރިއިރު ނިމްރާގެ ކަނާއަތުން މެއާ ދިމާލުގައި ފިރުމާލެވުނެވެ. އަރްސަލްއާއި އެ ދެމެދުގައި ދަމާބާރެއް އެ ހިތުގައި އުފަންވެފައިވުމުން އެއީ ވެގެންވާނޭ ގޮތެއް ނޫންކަން އެ ހިތަށް ވިސްނައިދޭން ނިމްރާ ބޭނުންވިއެވެ. އޭނާއަކީ އެފަދަ ބަލިކަށި އަންހެންކުއްޖަކަށްވާކަށް ނޭދެއެވެ.

އެންމެން މޫދުން އަރައިގެން އައެވެ. އަރްސަލް ފެނުމުން އޭނާއާ ޝިހާނާއާއި ކީފާ ދިމާކޮށްލިއެވެ. އެހާ އަވަހަށް މޫދުން އަރައިގެން އައީމައެވެ. ނިމްރާގެ ގާތުން އެހީއަށް އެދުމުން އޭނާ ހަލަފްއަށް އެހީވުމުގައި އުޅުނެވެ.

"ސިސް!" ހަލަފް އައިސް ނިމްރާގެ އަތުން ތުވާލި ނަގަމުން ގޮވާލިއެވެ. ހަލަފްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އޭނާގެ އެ ގޮވާލުމުން އެ ހިތުގައި ނިމްރާއާ މެދު އޮތީ ކޮންކަހަލަ އިހުސާސެއްކަން ނިމްރާއަށް އެނގުނެވެ. މި ނޫނީ ހަލަފް އެގޮތަށް ގޮވާލާފައެއްނުވެއެވެ.

"އާނާ ބުނި ރެޑް ބަލީއޭ" ހަލަފް ބުންޏެވެ.

"ޑޯންޓް ވޮރީ... އިޓްސް އަ ގާލް ތިންގް" ކުޑަކޮށް ހީނލާފައި ނިމްރާ ބުނެލިއެވެ. ހަލަފް ވިސްނަމުން ބޯޖަހާލިއެވެ.

ބާބެކިއު ހަދާ ސަރަޙައްދަށް އެންމެންނަށް އާދެވުނު އިރު ފަހެއް ޖަހައި ހިނގައްޖެއެވެ. އޭރު އެ ތަނުގައި ދެ ގުރޫޕެއް އުޅޭ ތަން ފެނެއެވެ. އެއްބަޔަކީ ޢާއިލާއެއްހެން ސިފަވިއިރު ދެން ތިބީ ޒުވާން ގުރޫޕެކެވެ. އެ މީހުން ވެސް އެތަނަށް އައިތާ ގިނައިރެއް ނުވާކަން އެ މީހުންގެ ގްރިލް ރޯކުރަން އުޅުމުން އެނގެއެވެ. ވަށައިގެން އުޅޭ މީހުންނަށް ސަމާލުކަމެއްނުދީ އެ ތަނުގައި ހުސްކޮށް ހުރި ގްރިލްއެއް ހަމަޖެއްސުމަށްފަހު އޭގެ ކައިރީ ހުރި މޭޒުމަތީ ތަށިތަކާއި އެހެނިހެން ސާމާނުތައް ނަގާ އަތުރަން ފެށިއެވެ. އެކަމުގައި ނިމްރާއަށް އެހީވުމަށް ޝިހާނާއާއި ހަލަފް އުޅުނެވެ. ގްރިލްއަށް ހަދާނޭ ގޮތަކާއި މެދު ވާހަކަދައްކަން އޭގެ ކައިރީ ރާދިންއާއި އަރްސަލް ތިބިއިރު އަރްސަލްގެ މުލައްދަނޑީގައި ދެއަތުން ހިފާލައިގެން ކީފާ ހުއްޓެވެ.

"ގްރިލްގަ އަތުރަން ޖެހޭނީ... ރެޑީ ކޮއްފަ ކޮންޓެއިނަރުތަކަށް އެޅީ" ޝިހާނާ ކުރި ސުވާލަކަށް ޖަވާބު ދެމުން ނިމްރާ ބުނެލިއެވެ.

"އެހެންވެއޭ ބުނަނީ ނިމް ގަދައޭ" ޝިހާނާ ބުނެލިއެވެ.

ގްރިލް ރޯކޮށް އޭގެ ހުޅުގަނޑު މައިތިރިވަންދެން އޭގެ ދޮށުގައި އަރްސަލްއާއި ރާދިންގެ އިތުރުން ހަލަފް ތިއްބެވެ. އަރްސަލްއާއި ދުރަށް ކީފާ އެންމެ ސިކުންތަކަށް ވެސް ނުދެއެވެ. ޝިހާނާ އޭނާގެ ފޯނު ހިފައިގެން ކޮންމެވެސް މީހަކާ ވަރަށް ސީރިއަސް ވާހަކައެއް ދެއްކުމަށް އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުއްޓެވެ.

"ތި މީހުން އަތުގައި ފިއުލް އެބަހުރިތަ؟ އަހަރެމެން ގްރިލް ރޯނުވެގެން" އެންމެނާ އެކަހެރިކޮށް މަޑުކޮށްލައިގެން ހުރި ނިމްރާގެ ގާތަށް އައި ޒުވާން ފިރިހެންކުއްޖާ އަހާލިއެވެ.

"އެ މީހުން ގާތު އަހާލާ" އަރްސަލްއާއި ރާދިންމެން ތިބި ދިމާއަށް ނިމްރާ އިޝާރާތްކުރިއެވެ. އެނބުރިލިއިރު އަރްސަލް ބަލަން ހުރުމުން ހައިރާން ވެސް ވިއެވެ. ގާތުގައި ހުރި ޒުވާނާ އަވަސްއަވަހަށް އަރްސަލްމެން ގާތަށް ދިޔައެވެ.

ގްރިލްގެ ގިނި އެއްވަރަކަށް ހިފެހެއްޓުމުން އޭގެ މަތީގައި ފިހެން ތައްޔާރުކޮށްފައި ހުރި އެއްޗެހި އެތުރީ ރާދިންއެވެ. އެކަމުގައި ނިމްރާގެ އެހީތެރިކަމެއް ބޭނުންނުވާތީ އޭނާ މަޑުމަޑުން އަތިރިއާ ވީ ފަރާތަށް ހިނގައިގަތެވެ. ނަމަވެސް ދުރުގައި ހުރެ މީހަކު ބަލާހެން ހީވާތީ އިސްއުފުލާ ދެ ޖިންސުގެ ޒުވާނުން ހަރަކާތްތެރިވަމުން ދިޔަ ދިމާއަށް ބަލާލިއެވެ. އެހިނދު ނިމްރާއަށް ހުއްޓުން އެރިއެވެ. ޤަބޫލުކުރަން ދަތިވީއެވެ. ހަޔާތުގެ ބާކީ ބައިގައި އެ މީހަކު ދުށުމަށް ނޭދޭ ސޫރައެއް ކުރިމަތިން ކަހަލަ ގޮތަކަށް ފެންނަމުން ދިޔައީތީއެވެ.

ނިތްކުރިމަތީ ހުރި ދާތިކިތައް ފުހެލާފައި އަރްސަލް ބަލާލީ ނިމްރާވީ ހިސާބެކެވެ. އެހިނދު ހުއްޓުން އަރާފައި އެއްދިމާއަކަށް ބަލަން ހުރި ނިމްރާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ނިމްރާ ބަލަން ހުރި ދިމާއަށް އަރްސަލްގެ ނަޒަރު ދަތުރުކުރި ހިނދު އޭނާއަށް ފެނުނީ އިސްކޮޅުން ދިގު ޒުވާނެކެވެ. ހިނިތުންވެލައިގެން ނިމްރާއަށް ބަލަން ހުރީއެވެ. އަދި އޭނާގެ އަތުގެތެރޭގައި ހުރި އަންހެންކުއްޖާ ދުރަށް ޖައްސާލާ އޭނާގެ ކަންފަތް ދޮށުގައި ވާހަކައެއް ބުނެލާފައި ކުރިއަށް ޖެހިލިއެވެ. މަޑު ހިނގުމުގައި ނިމްރާއާ ދިމާއަށް އޭނާ އަންނާތީ ފެނުމާއެކު އަރްސަލް އެނބުރިލީ އެ ދިމާއަށް ދިއުމަށެވެ. އޭރު އަރްސަލްގެ ހިތުގެ ހިނގުން އަވަސްވީ ޚުދު އޭނާއަށް ވެސް އެކަން ބަޔާންކުރަން ނޭނގޭ ފަދައަކުންނެވެ.

"ކީހާ ދެރަކަމެއްތަ... ދޫކޮށްލަބަލަ" ކުއްލިއަކަށް ކީފާ ހިފެހެއްޓުމުން އަރްސަލްއަށް ބުނެވުނީ ނުރުހުމާއެކު ތަންކޮޅެއް ބާރަށެވެ. އޭނާއަށް ވީގޮތް ފެނި ކީފާ ނިކަން އަވަހަށް އެ އަތުން ދޫކޮށްލިއެވެ. ހައިރާންކަމާއެކު ރާދިން ބަލާލީ އަރްސަލްއަށެވެ. އޭނާގެ ސަމާލުކަން ނިމްރާއަށް ހުއްޓިފައި ހުރުމުން މިވަނީ ކިހިނެއްކަން އެނގެން ރާދިން ވެސް ބޭނުންވިއެވެ.

"އައި ނޯ ހިމް" ރާދިންގެ ހަރަކާތްތަކަށް ޖަވާބު ދެމުން އަރްސަލް ބުނެލީ ނިކަން އަވަހަށެވެ. އެއާއެކު އޭނާ ދުވެފައި ކަހަލަ ގޮތަކަށް ނިމްރާގެ ގާތަށް އަތުވެއްޖެއެވެ. ހައިރާންކަން ލިބިފައި ހުއްޓެއްކަމަކު ރާދިން ވެސް އެ މީހުންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

"މާނު..." ކުރިމަތިން އަންނަ ޒުވާނާ ފެނި ނިމްރާގެ ދެތުންފަތް ދޭތެރެއިން އޭނާގެ ނަން ކިޔާލެވުނެވެ. ހަދާނޭ ގޮތެއް ނޭނގިފައި ހުއްޓާ ކުއްލިއަކަށް ނިމްރާގެ އުނަގަނޑުގައި މީހަކު ހިފާލުމާއެކު ބަލާލެވުނެވެ. އޭރު އޭނާގެ ވައަތްފަރާތުގައި އަރްސަލް ހުއްޓެވެ.

"ޔޫ އޯކޭ" އަރްސަލް މަޑުމަޑުން އަހާލިއެވެ. އެއާއެކު ނިމްރާ މަޑުމަޑުން ބޯޖަހާލިއެވެ. އަރްސަލްގެ ނަޒަރު ދެން ހުއްޓުނީ ނިމްރާއާ ދިމާއަށް އަންނަމުން ދިޔަ މިޢުވާނަށެވެ. ގިނައިރެއްނުވެ ނިމްރާގެ ކަނާތު ކޮނޑުގައި މީހަކު އަތް ބާއްވާލިކަން އެނގި ބަލާލިއިރު ރާދިން ހުއްޓެވެ. މިޢުވާނުގެ ހިނިތުންވުން ފިލައިގެން ދިޔަތަން ނިމްރާ ދުށްޓެވެ. ނިމްރާގެ އުނަގަނޑުގައި ހިފާ އިހުނަށްވުރެ އަރްސަލް ގާތްކޮށްލިކަން ނިމްރާއަށް އިހުސާސް ކުރެވުނެވެ. އަރްސަލްގެ ނަޒަރު މިޢުވާނަށް ހުއްޓިފައި ހުރި ގޮތުން ރާދިންގެ ނަޒަރު ވެސް ހުރީ އޭނާއަށް ހުއްޓިފައެވެ. މިޢުވާނުގެ ހިނގުން މަޑުޖެހި އޭނާ އައިކޮޅަށް އެނބުރިލިއެވެ.

"އެއީ ކާކު؟" މިޢުވާނު އެނބުރި ދިއުމުން ރާދިން އަހާލިއެވެ. އަރްސަލް ވެސް ހުރީ ނިމްރާ ދޭނޭ ޖަވާބެއްގެ އިންތިޒާރުގައެވެ.

"ފްރެންޑެއް" ހާސްވެފައި ހުރިވަރުން ނިމްރާއަށް ވާހަކަދެއްކުނީ އިރުކޮޅެއް ފަހުންނެވެ.

"ސްކާލެޓް!... ޓެލް މީ ދި ޓްރުތް" އަރްސަލް ބުނީ ހަރުކަށި ގޮތަކަށެވެ.

"ޑާލިންގް... ޔޫ އާ ސްކެއާޑް... ރައްޓެހިން ފެނުނީމަ ތިހެން ބިރުގަނެފައި ހުންނަންވީ ކީއްވެ؟" ނިމްރާގެ ކޮނޑުގައި ފިރުމާލަމުން ރާދިން ސުވާލުކުރިއެވެ. އޭނާ ވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ނިމްރާއަށް ދެރަގޮތެއްވާން އެ ދެ މީހުން ކުރެ އެކަކު ވެސް ނޭދޭ ކަހަލައެވެ.

"މިހާރު ފްރެންޑެއްނޫން" އުނދަގުލުން ނިމްރާ ބުނެލިއެވެ. އޭނާ އެކަމާ ގުޅިގެން ވާހަކަދައްކަން ބޭނުންނުވަނީކަން އަރްސަލްއާއި ރާދިން ވެސް ދެނެގަތެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލާފައި ބޯޖަހާލިއެވެ.

"ޔޫ ގޯ ރާދު" އަރްސަލް ބުނެލިއެވެ. ރާދިން ބޯޖަހާލާފައި އެނބުރި ގްރިލް ކައިރިއަށް އައެވެ. ނިމްރާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އަރްސަލް ހިނގައިގަތީ އެންމެނާ ދުރަށެވެ.

"ވަޓް ހެޕެން" ރާދިން އެނބުރި އައިއިރު އޭނާގެ މޫނުމަތިން ފެނުނު އަސަރުތަކުން ޝިހާނާ ސުވާލުކުރިއެވެ.

"އެއީ... އެތިބަ ގުރޫޕުން ފިރިހެނަކު ނިމްއާ ދިމާކުރަން އައީ" ރާދިން ބުނެލިއެވެ.

"ވަޓް؟" މާޝިމެލޯއެއް އަނގައަށް ލައިގެން އިން ހަލަފް ފުންމައިގެން ތެދުވިއެވެ. ޝިހާނާ ވެސް ހުރީ ހައިރާންވެފައެވެ.

"ހައު ޑެއާ ހިމް. ކާކުތަ އެއީ؟ ކޮބާ ރެޑް މިހާރު" ހަލަފް އަނެއްކާ ވެސް ބުނެލިއެވެ. އޭނާ ހީވީ އެ މީހަކާ ކުރިމަތިލާން ތައްޔާރުވެލި ހެނެވެ.

"ނިމްގެ ކުރީގެ ފްރެންޑެކޭ ބުނީ... އޭނާ އެއްގޮތަކަށް ވެސް ލައިކްނުވާކަން އެނގޭ އޭނާއަށް ވެފައި ހުރި ގޮތުން. އަރްސަލް ވެއްޖެ އޭނާ ގޮވައިގެން ގޮސް. ހަލަފް! ޑޯންޓް ކްރިއޭޓް އަ ސީން. ރެޑް އެގޮތް ބޭނުމެއްނުވާނެ" ރާދިން ބުނެލިއެވެ. އެ ހުރިހާ ވާހަކައަކުން ވެސް ކީފާއަށް ތުންއަނބުރާލެވުނީ ނިމްރާ ގޮވައިގެން އަރްސަލް އެންމެނާ ދުރަށް ދިޔައީމައެވެ. އެ ދެމީހުން އެކަހެރިވާން އެއްގޮތަކަށް ވެސް ކީފާ ބޭނުމެއްނުވެއެވެ.

ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި ނިމްރާއަށް އޭނާގެ ބަނޑުގައި އަތްޖައްސާލެވުމާއެކު ފިރުމާލެވުނީ ބޭއިޚްތިޔާރުގައެވެ. މިޢުވާނުގެ މަތިން އެއްވެސް ވަރަކަށް ހަނދާންކުރާނޭ ފުރުޞަތެއް އޭނާއަށް ނުލިބުނީތީ އެކަމާ އޭނާ އުފާކުރީ މިއަދުއެވެ. ނަމަވެސް މިހާރު މިޢުވާނު އެ ހުރީ އޭނާއާ ދާދި ގާތުގައި ކަހަލައެވެ. މޭފިތިގެން ދިއުމާއެކު ހިތްދަތި އާހެއް ނުކުތެވެ.

"ސްކާލެޓް!..." ގާތުގައި ހުއްޓިލައިގެން ހުރި އަރްސަލް ގޮވާލީ އޭނާއަށް ނިމްރާއަށް އަންނަ ބަދަލު ފާހަގަވެގެންނެވެ. އޭރު އޭނާގެ ސިކުނޑީގައިވަނީ ދާދި ދެންމެއަކު އޭނާއަށް ފެނުނު ޒުވާނާގެ އަތުގެ ތެރޭގައި ނިމްރާ އިނދެ ނަގާފައި ހުރި ފޮޓޯތަކެވެ. އެކަމާ ސުވާލު ކުރަން އަރްސަލް ބޭނުންވި ނަމަވެސް އެއީ ނިމްރާގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަން އެނގޭތީ އެކަމާ ސުވާލު ކުރާނީ ކޮން ހައިސިއްޔަތަކުންކަން އަރްސަލްއަށް ނުވިސްނެނީއެވެ. އެހިނދު އަމިއްލަ ހިތާ އަރްސަލްއަށް ސުވާލުކުރެވުނެވެ. ނިމްރާގެ ކިބައިން ވަކިވެގެންދިޔަ އަނބިމީހާއާއި ދަރިފުޅުގެ ބަދަލު ހިފަން އަދިވެސް ބޭނުންވޭތޯއެވެ. ނޫނީ ނިމްރާގެ މައްޗަށް އުފެދިފައިވާ ޖަޒުބާތު ބަދަލު ހިފުމަކަށްވުރެ ވަރުގަދަ ވެފައި އެ އަންހެންކުއްޖާގެ މައްޗަށް އޯގާތެރިވެ ރައްކާތެރިކަން ދޭން އެ ހިތް ބޭނުންވޭތޯއެވެ. އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނު އިނގިލިތައް ހަރަކާތްކޮށްލީ އަރްސަލްއަށް ގޮތެއް ނުނިންމިގެންނެވެ.

"ސްކާލެޓް!... އަހަރެން..." އަރްސަލް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ.

"ޕްލީޒް ބީ އޯކޭ. އެއީ ކާކުކަން ބުނަން ބޭނުންނުވަންޏާ އޯކޭ ނުބުންޏަސް. އައި އޭމް ހިއާ... ޔޫ އާ ވިތް މީ" އަމިއްލައަށް ދެއްކޭ ވާހަކައެއް އަރްސަލްއަށް ވެސް ޔަގީން ނުވާ ކަހަލައެވެ. ނިމްރާ އެނބުރިލާ އަރްސަލްއަށް ބަލާލިއެވެ. ނިމްރާގެ މޫނުމަތީގައިވި ހާސްކަން ފިލާފައިވާ ކަހަލައެވެ. އަރްސަލްގެ ކަނާތުން ނިމްރާގެ ދަތްދޮޅީގައި ހިފާލިއެވެ. ލުއި ހިނިތުންވުމެއް ނިމްރާއަށް ދެމުން އޭނާގެ ކޯތާފަތުގައި ފިރުމާލައި ނޭފަތު ކޮޅުގައި ހިފާލިއެވެ.

"ޑޯންޓް ވޮރީ! ޔޫ ވިލް ބީ އޯކޭ... ކޯޒް ޔޫ އާ މައިން" އަރްސަލްގެ ހަރަކާތާއި ބަސްތަކުން ނިމްރާ ހިނިތުންވެލިއެވެ. ނޭފަތުގައިވި އަރްސަލްގެ އަތް ނިމްރާ ފޮޅުވާލަމުން ހިނިއައިސްފައި ހުރެ ދެފަރާތަށް ބޯހޫރާލިއެވެ.

"ލެޓް މީ ކިސް ޔޫ ނައު" އަރްސަލް ބޯ ތިރިކޮށްލަމުން ބުނެލިއެވެ. އެއާއެކު އަރްސަލްގެ ކޯތާފަތުގައި ނިމްރާ ޖަހާލިއެވެ.

"ފުރޭތަ!... އަތްނުލާތި! ޑާޓީ އޯލްޑް މޭން... އަބަދުވެސް ކޮންމެވެސް ޑާޓީ ވާހަކައެއް ދައްކާނީ" ނިމްރާ ފޫހިކަން ދައްކަމުން އަރްސަލްއާ ދުރަށް ޖެހެމުން ބުނެލިއެވެ. އަރްސަލް ހިނިއައިސްފައި ބަލަން ހުރީއެވެ.

"އަހަރެންގެ ޑާޓީ ވާހަކަތަކުން ސަކްލާޓްގެ މޫޑު ބަދަލުވެއްޖެއެއްނު... އެކަމަކު ބުނަން. އަހަރެންގެ މޫނުގައި ޖެހީމަ އެކަމުގެ އަދަބު އޮންނާނެ އިނގޭ" އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ އަތަށް ދަމާލަމުން އެހެން މީހުންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި މިޢުވާނާމެދު އުފެދިފައިވާ ސުވާލުތައް ފުނިޖެހެމުންދިޔައެވެ. އެ ސުވާލުތައް ނިމްރާއާ ކުރިމަތިކުރުވާ އެ އަންހެންކުއްޖާގެ ސިކުނޑި ހާސްކުރުވަން މިވަގުތު އަރްސަލް ބޭނުމެއްނޫނެވެ. އެކަމަށް ވެސް އޭނާ ވަގުތެއް ކަނޑައަޅާނެއެވެ. (ނުނިމޭ)