ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ގިނަ ހައްގުތަކެއް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ލިބޭ މައްސަލަތައް ކްރިމިނަލް ކޯޓުން ކުރިއަށްގެންދަނީ ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ދައުވާ ލިބޭ ފަރާތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ގެއްލޭގޮތަށް ކަމަށެވެ. އަދި ކުރެވިފައިވާ ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް ވާއިރު އެ ހައްގުތައް އެ ދެބޭފުޅުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"މިގޮތުން ކުރިން ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގޭ ޝަރީއަތެއް ތާވަލުކުރެވުނު ވަގުތަށް އެ މައްސަލައިގެ ވަކީލުން ވަންނަންޖެހޭ އެހެން އަޑުއެހުމެއް ތާވަލު ކުރައްވައި ކޮންމެވެސް އެއް އަޑުއެހުމަކަށް ވަންނަން ވަކީލުންނަށް މަޖުބޫރުކުރުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރަށް ވަކީލުންގެ އެހީތެރިކަން ލިބުމުގެ ހައްގުން ވަނީ މަހުރޫމް ވެފަ އެވެ،" ވަކޫލުންގެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ވެސް މައްސަލައާ ގުޅިގެން ދިފާއީ ހެކި ހުށަހަޅަން ވަގުތު ދީފައި ނުވާކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ނެގި ބަޔާންތަކެއް ލީކްވެ، އެ ބަޔާން ތަކަކީ ސައްހަ ބަޔާންތަކެއް ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވާއިރު މައްސަލައިގެ ހެކިބަސް ނެގުމަށް މާދަމާ ބާޢްވާ އަޑުއެހުމާ ގުޅިގެން ވެސް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ވިދާޅުވާ ގޮތުނަ އެ ޝަރީއަތުގައި ސިއްރު ހެލކިބަސް ދޭ ބޭފުޅުންނަކީ ކްރިމިނަލް ކޯޓު މިވަގުތު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އަރީފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އެވެ. އެހެންކަމުން ގާޒީ އާރިފް އަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިޔާ ކަނޑައަޅާނެ ގާޒީއެއްގެ އިތުރުން އެ ދެބޭފުޅުންގެ މައްޗަށް ހެކިބަސްދޭ ސިއްރު ހެއްކެއް ކަމަށް ވަކީލުން ބުނެފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މަސްލަހަތު އޮތް މައްސަލައެއް ކޯޓުގައި ހިނގަމުން ދާނަމަ އެ މައްސަލަ ހިނގަމުންދާ މުއްދަތުގައި އެ ފަނޑިޔާރަކު ކޯޓުގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަކީ މީގެ ކުރޮިން އަމަލުކުރަމުން އައި ގޮތެވެ.
ވީމާ އުއްތަމަ ފަނޑިޔތާރާއި އަލީހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގާޒީ އާދަމް އާރިފް ހެކިބަސް ދެއްވަމުން ހަމަ އެބޭފުޅުންގެ މައްޗަށް ނިޔާ ކަނޑައެޅުއްވުމަށް މައްސަލަ ބައްލަވަމުން ގެންދަވާތީއާއި ކުށުން ބަރީއަވުމަށް ލިބެންޖެހޭ އެކަށީގެންވާ ވަގިތާއި ވަސީލަތް ލިބިދިނުމެއް ނެތި މައްސަލަ ކުރިއަށް ގެންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަކީލުންަގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިހެން ކަން ކުރުމަކީ އިންސާފު ގާއިމުކުރުމުގެ ބަދަލުގައި އެހެން މަގްސަދެއްގައި، އަދި ނުފޫޒުގަދަ ބައެއްގެ ނުފޫޒުން ކަން ތުހުމަތު ކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި އެހެންކަމުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް އިޖުރާއަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށާއި ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ވަކީލުން ވަނީ ގޮވާލައިފަ އެވެ.