ހަބަރު

ރައީސް ޔާމީން ނެތްނަމަ އޮންނާނީ އަސްކަރީ ވެރިކަމެއް: އާދަމް ޝަރީފް

ފެބްރުއަރީ 1ގައި ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމީން ނޫން ދެވަނަ ބޭފުޅަކު ހުންނެވިނަމަ ގައުމު މިއަދު އޮންނާނީ އަސްކަރީ ވެރިކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާނެ އެންމެ މުހިއްމު އަސާސަކީ ކޮންމެ ހާލަތެއްގައި ނަމަވެސް ގައުމަށް ބޭނުންވާނެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުން ކަމަށެވެ. އެކަމަށްޓަކައި ރައީސް ޔާމީން ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި 1 ފެބްރުއަރީ އަކީ އޭގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފެބްރުއަރީ 1ގައި ރައީސް ޔާމީން ނޫން ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވިނަމަ ރާއްޖެ މިއަދު އޮތީހީ އަސްކަރީ އިސްތިއުމާރެއްގެ ދަށުގައި ކަމަށެވެ.

"އެހެން ނަމަ، އަޅުގަނޑުމެން މިއަދު އުޅެންޖެހޭނީ އެހެން މީހަކު ބުނިހާ ގޮތަކަށް. އަޅުގަނޑުމެން އަޅުކަންކުރަން ޖެހޭނީ ވެސް އެހެން މީހުން ދެއްކި ތަނަކަށް. އެހެންވީމަ ރާއްޖޭގެ އިސްތިގުލާލާ މިނިވަންކަން ދެމެހެއްޓުމަށް ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވަންޖެހެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީވެ ތަހުޒީބު ވާންޖެހޭނީ މިނިވަންކަމާއި ގައުމިއްޔަތާއި ދީން ރައްކާތެރިކޮށްގެން ކަމަށާއި އެފަދަ ޒިންމާދާރު މަސައްކަތެއް ކުރެވޭނެ ސިޔާސީ ވެރިއަކަށް ގައުމުގައި މިއަދު ފެންނަން ހުރީ ހަމައެކަނި ރައީސް ޔާމީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރައީސް ޔާމީނަކީ މިނިސްޓަރުގެ ވިސްނުންފުޅުގައި 21 ވަނަ ގަރުނުގެ ވެރިއެއްގެ ހުރިހާ ޝަރުތެއް ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ރައީސެކެވެ.

"އެކާވީސް ވަނަ ގަރުނުގެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެއް ކަމުގައި ވަރަށް މޮޅު ލިޔުންތެރިއަކު ލިޔުއްވާފައިވޭ، ވެރިއެއް ކަމަށް ވަންޏާ ވިޝަނަރީ ލީޑާޝިޕް ހުނަރު ހުންނަންޖެހޭ. ކަރޭޖް ހުންނަންޖެހޭ. އަދި ކޮންފިޑެންސާއި ސެންސް އޮފް ހިއުމާ ހުންނަންޖެހޭ. މި ހުރިހާ ސިފަތަކެއް ރައީސް ޔާމީންގެ ޒައާމަތުން ފެނިގެން އެބަދޭ" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިއަދު ރައީސް ޔާމީން ވަނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައިދީގެން ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފަ އެވެ. އެމަނިކުފާނު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްދެއްވާފަ އެވެ.