ހަބަރު

އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ވާސިލްކޮށްދޭން އަޒުމު އާކުރަންޖެހޭ: ރައީސް

Dec 23, 2014

މިއަދު ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނައިރު، މިއީ އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ވާސިލްކޮށްދިނުމުގެ އަޒުމު އާކުރަންޖެހޭ ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ ދިވެހި ގައުމަށްޓަކައި އެ ތަކުރުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި ލޯތްބާއި އިހްތިރާމް ސާބިތުވެގެންދިޔަ މާތް ތާރީޚީ ޖިހާދެއް ކަމަށެވެ.

"އެއީ، ޤައުމު ދެކެ ނުހަނު ލޯބިވާ ކޮންމެ ދިވެހި ދަރިއަކުވެސް އުފަލާއި ޝުކުރުވެރިކަމާއެކީ ބަލައިގަންނަންޖެހޭ މަތިވެރި ޤައުމީ ޚިދުމަތެކެވެ." ރައީސް ވިދާޅުވެފައިވެ އެވެ.