ހަބަރު

ޖެމްސް މެދުކެނޑުނުކަން އައިޓީ ޑިޕާޓްމަންޓަކުން ނާންގާ: ހެކިވެރިއެއް

ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު މެދު ކެނޑުނު ކަމެއް ސުޕްރީމް ކޯޓުގެ އިންފޮމޭޝަން ޓެކްނޮލަޖީ (އައިޓީ) ޑިޕާޓްމެންޓުން އަންގާފައި ނުވާ ކަމަށް ހެކިވެރިއަކު ކޯޓުގައި ބުނެފި އެވެ. އެ ހެކިވެރިޔާއަކީ ސުޕްރީމް ކޯޓުގެ އައިޓީ ޑިޕާޓްމެންޓާއި ހަވާލު ވެގެން އިސްކޮށް ހުންނަވާ ފަރާތެވެ.

ޖެމްސްގެ ހިދުމަތް މެދުކަނޑާލައި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކެއް ބަލައިނުގަތް މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގައި އޮތީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިވެރީންގެ ހެކި ބަސް ނެގުމެވެ. އެގޮތުން މިއަދު ހެކި ބަސް ދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން އިބްރާހިމް ވަހީދު ވިދާޅުވީ، އޭނާ އަކީ ތިން ޑިޕާޓްމެންޓެއް ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތް ކަމަށާއި އެގޮތުން ކޯޕަރޭޓް ޑިވިޝަނަކީ ވެސް އޭނާ ހަވާލުވެގެން ހުންނެވި ޑިވިޝަނެއް ކަމަށެވެ. އައިޓީ ޑިޕާޓްމެންޓަކީ އެ ޑިވިޝަންގެ ދަށުން ހިންގާ ޑިޕާޓްމެންޓެއް ކަމަށްވެސް އޭނާ ބުންޏެވެ.

އުއްތަމަ ފަނޑިޔާރު ވަނީ އައިޓީ ޑިޕާޓްމެންޓުން ޖެމްސްގެ ހިދުމަތް މެދުކެނޑު ކަން އެންގިތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ، ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު އައިޓީ ޑިޕާޓްމެންޓްގެ މުއައްޒަފެއްގެ ފަރާތުންވެސް އަދި އެހެން މުއައްޒަފެއްގެ ފަރާތުންވެސް ޖެމްސްގެ ހިދުމަތް ކެނޑުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެކަން އިނގުނީ ހަބަރުތަކުން ކަމަށެވެ.

".. އައިޓީ ޑިޕާޓްމެންޓަކީ އަޅުގަނޑުގެ ބެލުމުގެ ދަށުގަ އޮންނަ ޑިޕާޓްމެންޓެއް، އައިޓީ ޑިޕާޓްމެންޓުންވެސް އަދި އެހެން މުއައްޒަފެއްގެ ފަރާތުންވެސް ޖެމްސް ހުއްޓުނު ކަމަކަށް ނުވަތަ ލިޔެކިޔުންތައް ނުފޮނުވިފައިވާ ކަމެއް އިނގިފައެއް ނުވާ، އަޅުގަނޑަށް އިނގުނީ މީޑިއާގެ ޒަރިއްޔާއިން، އަޅުގަނޑަކީ ހަބަރުތައް ވަރަށް ގިނައިން ބައްލަވާ ފަރާތެއް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ލިޔެކިޔުންތައް ބަލައިގަންނަ ގޮތާއި ގުޅޭގޮތުން ދިފާއީި ވަކީލު ނޫރުއްސަލާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ލިޔެކިޔުންތައް ބަލައިގަންނަނީ ދެގޮތަކަށް ކަމަށާއި އެއީ މީހާ ހާޒިރުވެ ކައުންޓަރަށް ހުށަހަޅައިގެންނާއި ސަރުކާރުގެ ފަރާތުން ފޮނުވާ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮަށް ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަތައް ބަލައިގަނެ އުއްތަމަ ފަނޑިޔާރަށް ހުށަހަޅާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ގިނަ ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރާ ހަމައަށް ނާންނަ ކަމަށެވެ. އިބްރާހިމް ވަހީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހަޅާ ލިޔެކިޔުންތަކާއި މައްސަލަތައް ބަލައި ގަތުމާމެދު ގޮތެއް ނިންމަނީ ލީގަލް ސެކްޝަނުން ކަމަށާއި އުއްތަމަ ފަނޑިޔާރު ނޫން ކަމަށެވެ. އަދި ހުށަހެޅޭ ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް އުޅޭނަމަ ސެކްޝަންތަކުގެ އިސްވެރިންނާއި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރާ ކަމަށާއި އުއްތަމަ ފަނޑިޔާރު ވަކި ވަކިން މުއައްޒަފުންނަށް ކަންކަން އަންގާކަން އެނގިފައިނުވާ ވެސް އޭނާ ވިދާޅުވި އެވެ.

ޖެމްސް މެދުވެރިކޮށް ނޫން ގޮތަކަށް ސަރުކާރުން ލިޔެކިޔުން ހުށަހެޅޭނެތޯ ދިފާއީ ވަކީލާ ހިސާން ހުސެއިން ސުވާލު ކުރެއްވުމުން އިބްރާހިމް ވަހީދު ވިދާޅުވީ، ސަރުކާރުން ފޮނުވާ ލިޔެ ކިޔުންތައްވެސް ކައުންޓަރަށް ހުށަހެޅޭނެ ކަމަށެވެ.

މިއަދުުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރުގެ ދުފާއުގައި ފަސް ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގައި ހެކިބަސްދީފައިވަނީ އެންމެ ފަރާތަކުންނެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވަނީ މި މައްސަލާއަށް ނަގަން ޖެހޭ ހުރިހާ ފަރާތެއްގެ ހެކިބަސް ނެގުން ނިމުނީ ކަމަށް ވިދާޅުވެފަ އެވެ. އަދި މާދަމާ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.